ފިލްމު “ސޮރީ”ގެ 15 ޝޯ ފުލްވުމާއި ގުޅުވައިގެން ޚާއްސަ ހަރަކާތްތަކަކާއެކު ޕްރީ ރިލީޒް އިވެންޓް ބާއްވައިފިއެވެ. މިހަރަކާތް އޮތީ ރޭ 9ޖެހިއިރު އޮލިމްޕަހުގައެވެ.
ފާތިމަތު ނަހުލާގެ އަސަރުގަދަ ފިލްމު ސޮރީ އަންނަ ހަފުތާގެ އަންގާރަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާއިރު މި ފިލްމުގެ ޕްރިމިއާއަށް ޕްރޮޑަކްޝަނުން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ.
މި ފިލްމާއިބެހޭގޮތުން ވާހަކަ ދައްކަމުން ފިލްމުގެ ޕްރޮޑިއުސާރ އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުނީ ފާހަގަކުރި މި ކާމިޔާބީއަކީ ފިލްމު އެޅުވުމުގެ ކުރިން 15 ޝޯ ފުލްވުމާއި ގުޅިގެން އެކަން ފާހަގަކުރުމުގެ ގޮތުން ބޭވި ހަރަކާތެއް ކަމަށެވެ. މިއީ ރާއްޖޭގެ ފިލްމީ ދާއިރާގައި ވަރަށް ތާރީޚީކަމެއްކަން ނަހުލާ ވަނީ ފާހަގަކޮށްފައެވެ.
ނަހުލާ ބުނީ، އަމާޒަކީ ފިލްމު ޔޫސުފްގެ ރިކޯޑް މުގުރާލުންކަމަށެވެ. އެގޮތުން އެ ޓާގެޓް މިހާރު ގާތްގަނޑަކަށް ހާސިލްވެފައިވާކަމަށްވެސް ނަހޫ ފާހަގަކުރިއެވެ.
“ޔޫސުފް ގާތް ގަނޑަކަކަށް ހައުސް ފުލް17ޝޯ ދައްކާފައިވޭ. މި ފިލްމު މި ހަދަނީ ޔޫސުފްގެ ރެކޯޑް މުގުރާލަން. ޔޫސުފްގެ 50ޝޯވާނީ އަޅުގަނޑުމެން ދައްކާފައި .އަބަދުވެސް އަޅުގަނޑުގެ ރެކޯޑް އަޅުގަނޑު މުގުރަމުން މިދަނީ. މުގުރަން ޖެހެނީވެސް އަޅުގަނޑުގެ ރެކޯޑު އަޅުގަނޑަށް. ޔޫސުފަށް ވުރެން މީތި ރަނގަޅުކުރަން ވަރަށް މަސައްކަތް ކުރަމުން މިދަނީ. ޓާގެޓަށް ރީޗްވެވިއްްޖެ” ނަހުލާ ބުންޏެވެ.
ސޮރީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި މި ހަފުލާގައު ފިލްމުގެ ބައެއް މަންޒަރުތައް ބެލުންތެރިންނަށް ދައްކާލާފައިވެއެވެ. އަދި މި ހަފުލާގައި
ފިލްމު ސޮރީގެ ތީމްލަވަވެސް ވަނީ ރިލީސްކޮށްފައެވެ.
މި ހިތްގައިމު ލަވަ ހުށަހަޅައިދިނީ ނަހޫގެ ނާޝް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ނަބީލުއެވެ. ނާޝްގެ މިލަވަޔާއިބެހޭގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ،ތޭރަވާ، ބުނެފައިވަނީ ނާޝް ލަވަނުކިޔަސް އަދިވެސް ލަވަކިއުމުގެ ޓަޗް ނުގެއްލޭ ކަމަށެވެ.ތޭރަ މިގޮތަށް ފާހަގަކުރީ ދުވަސްތަކަކަށްފަހު ނާޝްގެ ލަވައެއް ބެލުންތެރިންނާއި ހަމައަށް އައުމުންނެވެ. މީގެ ކުރިންވެސް ނާޝްވަނީ ދެތިން ފިލްމަކަށް ލަވަ ކިޔާފައެވެ. މީގެ ތެރޭގައި، ދިވެހި ފިލްމު ނާއުމްމީދު، ޒުލޭޚާ އަދި ޔޫސުފް ހިމެނެއެވެ. މި ތިން ފިލްމަކީވެސް ނާޝްގެ މަންމަ ނަހުލާގެ ޑައިރެކްޝަން ކަންވެސް ފާހަގަ ކޮއެލޭވެއެވެ.
ރޭގެ މި ހަފްލާގައި ބެލުންތެރިންނަށް ނަހުލާ ވަނީ ޓިކެޓަކާއި ނުލާ ނަހުލާގެ ފިލްމު “4426” ފިލްމު ބަލައިލުމުގެ ފުރުޞަތު ދީފައެވެ.
ނަހުލާ ބުނީ މީއީ އޭނާގެ މަސައްކަތް ބަލައިގަނެ، ދެމުންގެންދާ ސަޕޯޓާއި ލޯތްބަށްޓަކައި ބެލުންތެރިނަަށް ދިން ހަދިޔާއެއްކަމަށެވެ.
ޖޫން 17ގައި ރިލީސްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު(ޔޫއްޕެ)، މަރިޔަމް އައްޒަ ފަދަ ތަރިން ފެނިގެންދާއިރު ދުވަސްތަކަކަށް ފަހު މަޝްހޫރު ފިލްމީތަރި މަރްޔަމް ނިޝާވެސް މިފިލްމުންފެނިގެން ދާނެއެވެ. މީގެ އިތުރުންވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް އެކި ރޯލްތަކުން މި ފިލްމުން ފެނިގެންދާއިރު، މި ފިލްމަކީ ބެލުންތެރިން ޝައުޤުވެރިވާ އަދި ޢައިލާތަކުން ބަލަން ޖެހޭ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ނަހުލާ ބުނެއެވެ.
ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާ ފިލްމެއް އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފަހަރެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ލައިނާ އަކީ އިވެންޓް ކަވަރޭޖްތަކަށް ޚާއްޞަ ނޫސްވެރިއެކެވެ. ލައިނާއަކީ ދޫހެލޭ، އެހުންތެރިންނާ ގުޅިގެން ޕްރޮގްރާމުތައް ކުރިއަށްގެންދާ ކުޅަދާނަ ޕްރެޒެންޓަރެކެވެ.