ލޯބީގެ ފިލްމުތައް ހެދުމަށް މަޝްހޫރު ބޮލީވުޑް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު ”ލަވް އެންޑް ވޯރ“ ގެ ޝޫޓިންގ އަނެއްކާވެސް ދިގުދެމިއްޖެއެވެ.

ރަންބީރް ކަޕޫރް، އާލިއާ ބަޓް އަދި ވިކީ ކޯޝާލް ލީޑުން ފެނިގެންދާ ”ލަވް އެންޑް ވޯރ“ ގައި ބޮމަން އިރާނީ، އަނީތާ ރާޖް، ސުޕްރިޔާ ޕާތަކް، ތުޝާރް ކަޕޫރް، ޢަލީ ފަޒާލް، ބަގްޔަޝްރީ، ޖާވިދު ޖަފްރީ އަދި ޝެފާލީ ޝާހް ފަދަ ތަރިން ފެނިގެންދާނެއެވެ. އަދި މިއީ ރަންބީރް، އާލިއާ އަދި ވިކީ އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

2024 ގެ ނޮވެމްބަރު މަހު ޝޫޓިން ފެށި ”ލަވް އެންޑް ވޯރ“ އަކީ މި ހިނގާ ޑިސެމްބަރު މަހު ރިލީޒްކުރަން އަމާޒު ހިފައިގެން ފެށި ފިލްމެކެވެ. ނަމަވެސް ޝޫޓިން ތާވަލްތަކަށް އެކިފަހަރު މަތިން ބުރޫ އަރަމުން ގޮސް މިހާރު ޝޫޓިން އަންނަ އަހަރުގެ މެއި މަހާއި ހަމައަށް ވަނީ ދިގުދެމިފައެވެ.

އަބަދުވެސް ބޮޑެތި ސެޓުތަކާއި ކުލަތަކުން ޖަރީވެފައިވާ ހެދުންތަކާއެކު ވަރަށް ކުލަގަދަކޮށް ފިލްމުތައް ގެނެސްދޭ ބަންސާލީގެ މި ފިލްމުގެ ޝޫޓިން ދިގުދެމޭތީ ފިލްމުގެ ބަޖެޓުވެސް ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މެއި މަހަށް ޝޫޓިން ނިންމާލެވޭނެ ކަމަށް ލަފާކޮށްފައިވާއިރު މިހާރު ފިލްމު ރިލީޒްކުރެވޭނެ ކަމަށް ބަންސާލީގެ ޓީމުން ލަފާކުރަނީ އޮގަސްޓް ނުވަތަ ސެޕްޓެމްބަރު މަހުއެވެ.

”ހަމް ދިލް ދޭ ޗުކޭ ސަނަމް“، ”ދޭވްދާސް“، ”ރާމް ލީލާ“ އަދި ”ޕަދުމާވަތު“ ފަދަ ރީތި އަދި ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސަންޖޭ ލީލާ ބަންސާލީގެ ”ލަވް އެންޑް ވޯރ“ އަކީވެސް ލޯބީގެ އަސަރުގަދަ ފިލްމެކެވެ. ފިލްމު ރިލީޒްކުރާނެ ތާރީޚަކާއި ތަރިންގެ ފުރަތަމަ ދައްކާލުން އަންނަ ޖެނުއަރީ މަހު ރަސްމީކޮށް އިއުލާނު ކުރާނެކަމަށް ޚަބަރުތައް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.