ކޮންމެ މަންމައަކާ ބައްޕައަކުވެސް ދަރިން ހޯދަނީ ނިކަން ފޮނި އުންމީދުތަކަކާއި އެކުގައެވެ. އެކުދިންގެ ހަޔާތާއި ހަށިގަނޑުގައި އެންމެ ކޫރުމެއް އެޅުމަކީވެސް އެމީހުނަށް ކެތްވާނެ ވަރުގެ ކަމަކަށް ނުވެއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ތާ އަބަދު ސައުވީސް ގަޑިއިރު އެކުދިންގެ ފާރަވެރިކަމުގައި ނުތިބެވޭނެކަމެވެ. އެހެންކަމުން އެކުދިންގެ ރައްކާތެރިކަމަށްޓަކައި އެކުދިންނަށް އަމިއްލަ ރައްކާތެރިކަން ހޯދާނެގޮތް ކިޔާދީ ބުނެދެވިފައި އޮންނަން އެބަޖެހެެވެ. އެގޮތުން މިއަދު މި އަލިއަޅުވާލަނީ “ގުޑް ޓަޗް އަދި ބޭޑްޓަޗް” އަށެވެ.
“ގުޑް ޓަޗް އަދި ބޭޑް ޓަޗް” އަކީ އެނގުން ވަރަށް މުހިންމު މަޢުލޫމާތެކެވެ. ވަކިން ޚާއްސަކޮށް ކުޑަ ކުދިންނަށެވެ. އެއީ އެކުދިންގެ ރައްކާތެރިކަމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.
ގުޑް ޓަޗަކީ ކޮބާ؟
ގުޑް ޓަޗަކީ އެ ބީހުމަކުން އެމީހަކަށް ރައްކާތެރިކަމާ ހިތްހަމަޖެހުން ގެނެސްދޭ ބީހުންތަކެވެ. މިސާލަކަށް ބުނާނަމަ މަައިންބަފައިންގެ ފަރާތުންދޭ ބައްދާލުމާއި ގާތް އެކުވެރިއެއްގެ ފަރާތުން އެދޭ “ހައި ފައިވް” އެއް ނުވަތަ ޓީޗަރެއްގެ ފަރާތުން ހިތްވަރު ދިނުމަށް ލިބޭ ކޮނޑުގައި މަޑުމަޑުން ޖަހާލާ ޖަހާލުމެވެ. މި ބީހުންތަކުން ދައްކުވައިދެނީ ލޯތްބާއި، އެކުވެރިކަމާއި ސަޕޯޓެވެ. ގުޑް ޓަޗް އަހަރުމެންގެ ހިތް އުފާކޮށްލަދީ ރައްކާތެރިކަން އިޙުސާސް ކޮށްދެއެވެ.
ބޭޑް ޓަޗަކީ ކޮބާ؟
ބޭޑް ޓަޗަކީ އެ ބީހުމަކުން ތިބާއަށް އުނދަގޫކަމެއް އިޙުސާސްކުރެވި، ބިރުގަނެ، ތަދުވެ އަދި ރައްކާތެރިކަން އިޙުސާސްނުވާ ކޮންމެ ބީހުމެކެވެ. ގިނަ ފަހަރު މި ބީހުންތައް އަންނަ ފަރާތަކީ ވަރަށް ގާތް ދަންނަ، އާއިލީ ގުޅުން އޮންނަ ނުވަތަ ރައްޓެހި ރަޙުމަތްތެރި މީހަކަށް ވެސް ވެދާނެެވެ. ނަމަވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ ތިބާގެ ލަދުވެތި ގުނަވަންތަކަކީ އެހެން މީހަކަށް އަތްލެވިގެން ވާނެ ތަންތަން ނޫންކަމެވެ. އަދި ގައިގެ އެހެން ތަނެއްގައިވެސް ތިބާއަށް ރައްކާތެރިކަން އިޙުސާސް ނުވާ ގޮތަކަށް އަތްލަން ދެވިގެން ނުވާނެކަމެވެ.

އަމިއްލަ އިޙުސާސްތަކުގެ އަޑުއަހާށެވެ.
ތިބާގެ އަމިއްލަ އިޙުސާސްތަކުގެ އަޑު އެހުމަކީ ވަރަށް މުހިންމުކަމެކެވެ. ތިބާއަށް އުނދަނގޫވާ ޒާތުގެ އެއްވެސް ބީހުމެއް އަންނަ ކަމުގައިވާނަމަ އެކަން ސިއްރުނުކޮށް ހާމަކުރުމަކީ ވެސް ހަމަ އެހާ މުހިންމުކަމެކެވެ. އިތުބާރުހިފޭ ބޮޑު މީހަކަށް މިސާލަކަށް މައިންބަފައިންނަށް، ޓީޗަރަށް ނޫނީ އާއިލާގެ ތެރެއިން އިތުބާރު ކުރެވޭ މީހަކަށް އެކަން ޙިއްސާކުރަންވާނެއެވެ. އެމީހުންގެ ފަރާތުން އެހީތެރިކަން ލިބޭނެކަމުގައި ދެކޭށެވެ. އެކަކު ފަރާތުން އެހީތެރިކަން ނުލިބިއްޖެ ހިނދެއްގައި ދެވަނަ މީހާއާއި ހަމައަށް ވެސް ދާށެވެ. އެހީތެރިކަމެއް ލިބެންދެން މިވާހަކަ ހިއްސާކުރާށެވެ.
ނޫން ބުނާށެވެ.
ހަނދާން ބަހައްޓާށެވެ. ތިބާގެ ހަށިގަނޑަކީ ތިބާގެ ހައްޤެކެވެ. އެހެން މީހެއްގެ ފަރާތުން ތިބާގެ ހަށިގަނޑަށް އެއްވެސް ކަހަލަ އުނދަގުލެއް ނުވަތަ ގެއްލުމެއް އަންނަ ކަމަށް ފާހަގަކުރެވޭ ނަމަ “ނޫން” ބުނާށެވެ. އަދި މި “ނޫން” ބާރަށް ސާފުކޮށް ބުނަން ދަސްކުރާށެވެ. އަމިއްލަ ނަފުސްގެ ރައްކާތެރިކަމަށް “ނޫން” ބުނުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ޖެހިލުންވާންޖެހޭ ކަމެއްވެސް ނޫނެވެ.
“ގުޑް ޓަޗް އަދި ބޭޑް ޓަޗް” އަކީ ކޮބައިކަން އެނގިފައި އޮތުމުން އަމިއްލަ އިހުސާސްތައް އެނގި ރައްކާތެރިވެ ހުންނަން ބާރު ލިބިގެންދެއެވެ. ހަނދާނުގައި ބަހައްޓަންވީ އަހަރުމެންގެ ރައްކާތެރިކަމަށް ވިސްނާ ރަނގަޅު މީހުން އެބަތިބިކަމެވެ. އަދި މިފަދައިން އަންނަ ކޮންމެ ކަމަކުން އެހީވާން އެމީހުން ތިބޭނެކަމެވެ.
އަހަރުމެންގެ ތުއްތު ކުދިންނަށް އެކުދިންގެ އުމުރާއި ގުޅެގޮތުން މި ކަންކަން ކިޔާދޭށެވެ. އެކުދިންގެ ރައްކާތެރިކަމަކީ ތިބާ ފާރަވެރިވާ ވަރަށް އެކުދިންވެސް ފާރަވެރިވާކަމަކަށް ހަދާށެވެ. މުޖުތަމަޢުގައި ކުރިއަށް އޮތް ޖީލަކީ ހޭލުންތެރި އަމިއްލަ ނަފުސަށް އިތުބާރު ކުރާ އަމިއްލަ ރައްކާތެރިކަމަށް މަސައްކަތް ކުރާބަޔަކަށް ހަދަން މަސައްކަތް ކުރަމާ ހިނގާށެވެ.
