ލޯބީގެ މިއުޒިކަލް ފިލްމުތައް އުފެއްދުމުގައި ކުޅަދާނަ ބޮލީވުޑް ޑައިރެކްޓަރު މޯހިތު ސޫރީގެ އާ ފިލްމުން އެކްޓަރު އަދިތުޔާ ރޯއީ ކަޕޫރް ވަކިވެއްޖެކަމަށް ޚަބަރުތައް ބުނަން ފަށައިފިއެވެ.
ދާދި ފަހުން ބޮމްބޭ ޓައިމްސްއަށް ދިން ބަސްދީގަތުމެއްގައި މޯހިތު ސޫރީ ވަނީ މި ވާހަކައިގެ ހަޤީޤަތް ހާމަކޮށްފައެވެ.
“އަހަރެން އަދިތުޔާ ރޯއީ ކަޕޫރް އާއި ޝާދު ރަންދަވާއާ ބައްދަލުކުރަނީ ކްރިކެޓް ކުޅެން. އަހަރެމެން އެއްކޮށް ބޭރަށް ގޮސް ހަދަމު. އަދިތުޔާއަކީ އަހަރެންގެ ގާތް ރައްޓެއްސެއް. އެކަމަކު އަހަރެމެން އެއްގޮތަކަށްވެސް މަސައްކަތާ ގުޅޭ ކަމަކު ނޫން ބައްދަލުވަނީ. މިހާރު އަހަރެން މި މަސައްކަތްކުރާ ސްކްރިޕްޓް އަދި ނުވެސް ނިމޭ. އަދި މިހާރު މި ލިޔާ ސްކްރިޕްޓަކީ އަދިތުޔާ ރޯއީ ކަޕޫރަށް ލިޔާ އެއްޗެއްވެސް ނޫން. ސްކްރިޕްޓް އެއްކޮށް ތައްޔާރުވެ ނިމުނީމަ އަހަރެން ހުރިހާ މައުލޫމާތެއް ހާމަކުރާނަން.” މޯހިތު ބުނެފައިވެއެވެ.
މޯހިތުގެ އާ ފިލްމުން އަދިތުޔާ ވަކިވިކަމަށް ބުނާ ވާހަކަ ދޮގުކޮށް އޭނާ ބުނެފައިވަނީ މޯހިތު އާއި އޭނާ ބައްދަލުވާ ހަމައެކަނި ތަނަކީ ކްރިކެޓް ކުޅޭ ދަނޑު ކަމަށާއި އެތަނުން ހަމަގައިމުވެސް އޭނާއަށް ފިލްމެއްގެ ރޯލެއް ނުލިބޭނެ ކަމަށެވެ. އަދި އޭނާ އެ ފިލްމުން ވަކިވި ވާހަކައަކީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށްވެސް އަދިތުޔާ ބުނެފައިވެއެވެ.
ވޭތުވެދިޔަ 2025 ވަނަ އަހަރު ނުކުތް ރޮމޭންޓިކް މިއުޒިކަލް ފިލްމު “ސައްޔާރާ” ގެ ބޮޑު ކާމިޔާބީއަށްފަހު މޯހިތު ވެފައިވަނީ އެންމެ ޑިމާންޑް ބޮޑު ޑައިރެކްޓަރުންގެ ތެރެއިން އެކަކަށެވެ. މޯހިތުގެ އާ ފިލްމުވެސް ޕްރޮޑިއުސްކުރާނީ “ސައްޔާރާ” ވެސް ޕްރޮޑިއުސްކުރި އަކްޝޭ ވިދްވާއެވެ.
ސްކްރިޕްޓްގެ ލިޔުމުގެ މަރުހަލާގައި އޮތް މޯހިތުގެ އާ ފިލްމުގެ މައިގަނޑު ތަރިންނަކީ ކޮބައިތޯ ބެލުމުގެ ޝައުޤު މިވަނީ އިތުރުވެފައެވެ. އަދިތުޔާވެސް މި ފިލްމުން ފެނުމުގެ ފުރުސަތު އޮތްއިރު އޭނާ މި ފިލްމުގައި ހަރަކާތްތެރިވާނަމަ މިއީ މޯހިތުއާއެކު އޭނާ ކުރާ ތިންވަނަ މަސައްކަތަށް ވާނެއެވެ. ކުރިން އޭނާ ކުޅެފައިވާ މޯހިތުގެ ފިލްމުތަކަކީ “އާޝިޤީ 2” އާއި “މަލަންގް” އެވެ.
