ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ކަސްރަތު ކުރުމަކީ ކޮންމެ މީހަކުވެސް ކުރުން މުހިންމު ކަމެކެވެ. ކަސްރަތު ކުރުމުގައި އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަށާއި ހަށިގަނޑަށް އަރާމު ލިބުމުގެ އިތުރުން އަނިޔާތަކުން ސަލާމަތްވުމަށްޓަކައި، ބޭނުންކުރާ އަންނައުނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މި ލިޔުމުގައި ބަލައިލާނީ ކަސްރަތު ކުރާއިރު ލާން އެންމެ ރަނގަޅު އަންނައުނު އިޚްތިޔާރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ބައެއް ކަންތައްތަކަށެވެ.
ފުރަތަމަ ކަމަކަށް އަންނައުނު ތައްޔާރުކޮށްފައިވާ ފޮތީގެ ބާވަތަށް ބަލަން ޖެހެއެވެ. ކަސްރަތު ކުރުމަކީ ހަށިގަނޑުން ގިނަ އަދަދަކަށް ދާ ބޭރުވާނެ ކަމަކަށްވާތީ، ދާތައް އަވަހަށް ހިއްކާލަދޭ ލުއި ފޮތީގެ ބާވަތްތައް އިޚްތިޔާރުކުރުން މުހިންމެވެ. ސިންތެޓިކް ފައިބަރު ނުވަތަ ޕޮލިއެސްޓަރ އެކުލެވޭ ފޮތީގެ އަންނައުނު ލުމުން ހަށިގަނޑު ފިނިކޮށްދީ، ހަންގަނޑަށް ލިބޭ އުނދަގޫތައް ކުޑަކޮށްދެއެވެ. އެގޮތުން “މޮއިސްޗަރ-ވިކިންގް” ފޮތީގެ ޓީޝާޓާއި ސޯޓް ބޭނުންކުރުން ބުއްދިވެރިއެވެ. އާދައިގެ ކޮޓަން ފޮއްޗަކީ ތެމުމުން ބަރުވެ، ހިކެން ގިނަ ވަގުތު ނަގާ ފޮއްޗަކަށް ވާތީ، މިއީ ކަސްރަތުކުރާއިރު ބޭނުންކުރަން އެންމެ އެކަށީގެންވާ ބާވަތެއް ނޫނެވެ.
ދެވަނަ ކަމަކަށް ކަސްރަތު ކުރާއިރު ބޭނުންކުރާ އަންނައުނުގެ ބާރުމިނާއި ދޫމިނަށް ސަމާލުކަން ދޭންޖެހޭނެއެވެ. ކަސްރަތު ކުރާއިރު ލާ އަންނައުނަކީ މާ ބާރު އެއްޗަކަށް ވެގެން ނުވާނެއެވެ. މާ ބާރުނަމަ ލޭ ދައުރުވުމަށް ހުރަސްއެޅި، ހަރަކާތްތެރިވެ އުޅުމަށް އުނދަގޫވެއެވެ.
ތިންވަނަ ކަމަކަށް ބޭރުންލާ އަންނައުނެކޭ އެއްގޮތަށް، އެތެރެއިންލާ ނުވަތަ އަޑިންލާ އަންނައުނަކީވެސް ހަށިގަނޑަށް ފަސޭހަވުމުގެ އިތުރުން ސިއްޙީ ރައްކާތެރިކަމަށްޓަކައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްޗެކެވެ. އަޑިންލާ އަންނައުނުގެ ވެސް ފޮއްޗަށް ބަލަން ޖެހެއެވެ. އޭގެ ފޮއްޗަކީ ވައި ދައުރުވާ ފަދަ ލުއި ފޮއްޗަކަށް ވުން މުހިންމެވެ. ސިންތެޓިކް މެޓީރިއަލް ނުވަތަ ސްޕެންޑެކްސް އެކުލެވޭ ފޮއްޗަކީ ކަސްރަތު ކުރާއިރު އަޑިން ލުމަށް އެންމެ އެކަށީގެންވާ ބާވަތެވެ. މިއާ ޚިލާފަށް އާދައިގެ ކޮޓަން ފޮތިން ފަހާފައި ހުންނަ ބޮކްސާ ފަދަ ތަކެތި ބޭނުންކުރުމަކީ ދާހިއްލުމުން ބަރުވެ، ހަރަކާތްތެރިވާން އުނދަގޫވާނެ ކަމެކެވެ.
އެގޮތުން ފިރިހެނުން ކަސްރަތު ކުރާއިރު އަޑިން ލާން އެންމެ ރަނގަޅީ “ކޮމްޕްރެޝަން” ސޯޓެވެ. މިއީ ހަށިގަނޑުގެ މަސްތަކަށް ބޭނުންވާ ސަޕޯޓު ލިބި، ކަސްރަތުކުރުމުގެ ތެރޭގައި މަސްތަކަށް ލިބޭ ލޮޅުންތައް ކުޑަކޮށްދޭނެ އެއްޗެކެވެ. މީގެ އިތުރުން މިފަދަ އަންނައުނަކީ ހަންގަނޑާ ވަރަށް ބޮޑަށް ތަތްވެފައި ހުންނަ އެއްޗަކަށް ވާތީ، ކަސްރަތު ކުރާއިރު ފައިގެ ފަލަމަސްގަނޑާއި އެހެނިހެން ގުނަވަންތައް އެކަތި އަނެކައްޗާ އުނގުޅިގެން ހަންގަނޑު ރަތްވުމާއި މަށައިގެން ދިޔުން ފަދަ ކަންކަމުން ސަލާމަތްކޮށްދޭނެއެވެ. ޖަނގިޔާ ލާނަމަ އާދައިގެ ކޮޓަން ފޮތީގެ ޖަނގިޔާ ލުން ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ކަސްރަތު ކުރުމަށް ޚާއްސަކޮށްފައިވާ “ސްޕޯޓްސް ބްރީފްސް” ނުވަތަ ސިންތެޓިކް ފޮތީގެ ޖަނގިޔާއެއް ބޭނުންކުރުން އެދެވިގެންވެއެވެ. އޭގެ ސަބަބުން އިތުރު ސަޕޯޓެއް ލިބުމުގެ އިތުރުން ލިބިދާނެ އަނިޔާތަކުން ސަލާމަތްކޮށްދެއެވެ.

އަންހެނުން ވެސް ކަސްރަތު ކުރުމަށް އަޅާ ހެދުން އިޚްތިޔާރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ހުރެއެވެ. އެގޮތުން ގަޔަށް މާ ބާރު ނޫން، ހަރަކާތްތެރިވެ އުޅެން ފަސޭހަ އަންނައުނެއް ޚިޔާރުކުރަން ވާނެއެވެ. އެގޮތުން އަވަހަށް ދާ ހިއްކައިދޭ ލުއި ފޮތީގެ އަންނައުނު ބޭނުންކުރުމުގެ އިތުރުން ކަސްރަތު ކުރާއިރު ރަނގަޅު “ސްޕޯޓްސް ބްރާ” އެއް ބޭނުންކުރުމަކީ ލިބިދާނެ އަނިޔާތަކުން ސަލާމަތްވުމަށާއި ފަސޭހައަކަށް ވަރަށް މުހިންމު ކަމެކެވެ.
އަދި މި ކަންކަމުގެ އިތުރުން ފިރިހެނުންވެސް އަދި އަންހެނުންވެސް ކަސްރަތު ކުރާއިރު ފައިވާނުގެ ބަދަލުގައި ރަނގަޅު ބޫޓެއް ބޭނުންކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އޭގެ ސަބަބުން ފަޔަށް ލިބިދާނެ އަނިޔާތަކުން ސަލާމަތްކޮށްދޭނެއެވެ.
ކަސްރަތު ކުރާއިރު ލާ ހެދުމަކީ ހަމައެކަނި ރީތިވުމަށް ލާ އެއްޗަކަށް ހެދުމުގެ ބަދަލުގައި، އެއީ ތިމާގެ ހަށިގަނޑަށް ފަސޭހަ އަދި ސިއްޙީ ގޮތުން ރައްކާތެރި ހެދުމަކަށް ހެދުން މުހިންމެވެ. ރަނގަޅު އަންނައުނެއް އިޚުތިޔާރު ކުރުމަކީ ކަސްރަތުގެ ނަތީޖާ ރަނގަޅުވެ، މީހާގެ ހިތްހަމަޖެހުން އިތުރުކޮށްދޭނެ ކަމެކެވެ.
