ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރާނީގެ ” މަރްދާނީ 3 ” ރިލީޒްކުރުން އަވަސްކޮށްފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ އާ ފިލްމު “މަރްދާނީ 3” ރިލީޒްކުރާ ތާރީޚު އަވަސްކޮށްފިއެވެ.

“މަރްދާނީ 3” އަކީ ރާނީ ޖެހިލުންކުޑަ ޕޮލިސް އޮފިސަރެއްގެ ރޯލު ކުޅުނު “މަރްދާނީ” ފްރެންޗައިޒްގެ ތިންވަނަ ފިލްމެވެ. ކުރީގެ ދެ ފިލްމެކޭ އެއްގޮތަށް މިފަހަރުވެސް ރާނީގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއްވެސް ފެނިގެންދާނެއެވެ. ފިލްމު ރިލީޒްކުރާ ތާރީޚު އަވަސްކުރިކަން ހާމަކުރަން މިއަދު އާންމުކުރި ޕޯސްޓަރުންވެސް ޝައުޤުވެރިކަން އިތުރު ކުރުވައެވެ.

“މަރްދާނީ” ގެ ކުރީގެ ދެ ފިލްމުގައިވެސް އިޖުތިމާޢީ ބޮޑު ދެ މައްސަލައެއް ދައްކުވައިދިންއިރު، މިފަހަރުވެސް އިތުރު މައްސަލައެއްގެ ވާހަކަ ކިޔައިދޭނެކަން ފިލްމުގެ ޓީމުން ވަނީ ހާމަކޮށްފައެވެ. ފުރަތަމަ ފިލްމުގައި އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން) ގެ މައްސަލައަށް އަލިއަޅުވާލާފައިވާއިރު، ދެވަނަ ފިލްމުގައި ދައްކުވައިދިނީ ޖިންސީ ގޯނާކޮށް އަންހެނަކު މަރާލި ޤާތިލަކު ހޯދަން ކުރާ މަސައްކަތްތަކެވެ. މި ފިލްމުގެ ސީދާ މައްސަލަ އަދި އާންމުކޮށްފައި ނުވިނަމަވެސް މިފަހަރުގެ ފިލްމުގައި ކިޔައިދެނީ ގެއްލިފައިވާ އަންހެންކުދިންތަކެއް ހޯދަން ކުރާ މަސައްކަތްތަކެއްކަން އާންމުކޮށްފައިވާ ޕޯސްޓަރުން ބުނެދެއެވެ.

ރާނީގެ އިތުރުން ޖިޝޫ ސެންގުޕްތާ، ސަޗިން ނޭގީ، ޖަންކީ ބޯޅީވާލާ އަދި އަވްނީތު ކައުރް މުހިންމު ރޯލުތަކުން ފެނިގެންދާ “މަރްދާނީ 3” އަކީ އާޔޫޝް ގުޕްތާގެ ސްކްރީންޕްލޭއަކަށް އަބީރާޖް މިނާވާލާ ޑައިރެކްޓްކޮށްފައިވާ ކްރައިމް ތުރިލާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސްކުރީ ޔާޝް ރާޖް ފިލްމްސްގެ ކުޑައިގެ ދަށުން ރާނީގެ ފިރިމީހާ އަދިތުޔާ ޗޯޕްރާއެވެ.

ކުރިން ފެބްރުއަރީ 27 ގައި ރިލީޒްކުރަން ތާވަލުކުރި “މަރްދާނީ 3” ރިލީޒްކުރުން އަވަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. މިހާރު މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހަށެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top