ދިވެހިރާއްޖެއަކީ އިސްތިވާއީ (ޓްރޮޕިކަލް) ސަރަހައްދެއްގައި އޮތް ޖަޒީރާ ގައުމަކަށް ވުމާއެކު، ރާއްޖޭގެ މޫސުން ބެހިފައިވަނީ މައިގަނޑު ދެ މޫސުމަކަށެވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. ގިނަ ދިވެހިންގެ ހިތްތަކުގައި ކުޑައަކީ ހަމައެކަނި ވާރޭވެހޭ ދުވަސްތަކުގައި ބޭނުންކުރާ އެއްޗެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ހަގީގަތަކީ ކުޑައަކީ ހަމައެކަނި ވިއްސާރައަށް އޮތް ހައްލެއް ނޫން ކަމެވެ.
ރާއްޖެއަކީ އަހަރުގެ ގިނަ ދުވަސްތަކުގައި ގަދަ އަވި ލިބޭ ގައުމެކެވެ. އިރުގެ ދޯދިތަކުގައި ހިމެނޭ އަލްޓްރާވައިލެޓް (ޔޫ.ވީ) ރޭޑިއޭޝަނަކީ އިންސާނާގެ ހަންގަނޑަށް ބޮޑެތި ގެއްލުންތަކެއްދޭ އެއްޗެކެވެ. މީގެ ސަބަބުން ހަންގަނޑު އެނދުމާއި، ރޫޖެހުމާއި، އަދި ދުރު މުސްތަގުބަލެއްގައި ހަމުގެ ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވެއެވެ. މިފަދަ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި ކުޑައަކީ ވަރަށް މުހިއްމު އާލާތެކެވެ. ގަދަ އަވީގައި ހިނގާއިރު ކުޑައެއް ބޭނުންކުރުމުން ހަށިގަނޑަށް އެލިބޭ ހިޔަލުގެ ސަބަބުން ހޫނުގަދަވުމުން ލިބޭ ވަރުބަލިކަން ކުޑަކޮށްދެއެވެ.
ނަމަވެސް، ދިވެހިންގެ ތެރޭގައި އަވީގައި ކުޑަ ބޭނުންކުރުމަކީ އާންމު ކަމެއް ނޫނެވެ. ގިނަ ފަހަރަށް އަވީގައި ކުޑަ ނަގައިގެން ހިނގާ މީހަކު ފެނުމުން އެއީ “ބީރައްޓެހި” ކަމެއްގެ ގޮތުގައި ބައެއް މީހުން ދެކެއެވެ. އެހެންނަމަވެސް، ރާއްޖޭގައި އުޅޭ އަވަށްޓެރި ގައުމުތަކުގެ މީހުންނާއި، ހާއްސަކޮށް އިރުމަތީ އޭޝިއާގެ ގައުމުތަކުގެ މީހުން އަވީގެ ނުރައްކަލުން ސަލާމަތްވުމަށް ކުޑަ ބޭނުންކުރާލެއް ވަރަށް ގިނައެވެ. މިއީ ސިއްހީ ގޮތުން އެމީހުން ދޭ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ. ރާއްޖޭގެ ރިސޯޓަކަށް ދިޔަޔަސް މަޑުކޮއްލަންލިބޭ ކޮޓަރިން އެއްމެ ފުރަތަމަ ލޮލުގައި އަޅައިގަންނާނީ އެ ރިސޯޓެއް ތަމްސީލުކުރާ ކުލައެއްގެ 2 ނުވަތަ 3 ކުޑައެވެ.
ޒަމާނަށް އައި ބަދަލާއެކު، ކުޑައިގެ ބަދަލުގައި ބޭނުންކުރެވޭނޭ ތަފާތު ވަސީލަތްތައް މިހާރު ވަނީ ތައާރަފްވެފައެވެ. އޭގެ ތެރޭގައި ސަންސްކްރީން ލޯޝަނާއި، ޔޫ.ވީ ރޭޑިއޭޝަނުން ރައްކާތެރިކޮށްދޭ ތޮފި އަދި އަވިއައިނު ހިމެނެއެވެ. އަދި ޒަމާނީ ފޭރާންތަކަކީވެސް އަވިން ރައްކާތެރިކޮށްދޭ ފަދަ ގޮތަކަށް ފަރުމާކުރެވިފައިވާ ތަކެއްޗެވެ. އެހެންނަމަވެސް، ކުޑައަކީ އެއްވެސް ކެމިކަލެއް ހަންގަނޑުގައި އުނގުޅުމެއްނެތި، ވަގުތުން ހިޔާ ފޯރުކޮށްދޭ އެންމެ އާދައިގެ އަދި އެންމެ ފައިދާހުރި އެއް ވަސީލަތެވެ.
ވިއްސާރަ މޫސުމަށް ބަލާއިރު، ރާއްޖެއަށް ކުރާވިއްސާރައިގަ ބޯވާރެޔާއި ޖެހޭ ގަދަވަޔަކީ ކުޑަ ބޭނުންކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ގަދަވައިގެ ތެރޭގައި ކުޑަ ހިފަހައްޓައިގެން ހިނގުމަކީ ދަތި ކަމަކަށް ވިޔަސް، ތެމުމުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ އެއީއެވެ. މިހާރު ބާޒާރުގައި ލިބެން ހުންނަ “ވިންޑްޕްރޫފް” ނުވަތަ ވައިގަދަވިޔަސް ހަލާކުނުވާ ފަދަ ކުޑަތަކަކީ މިކަމަށް އޮތް ރަނގަޅު ހައްލެކެވެ.
ކުޑައަކީ ހަމައެކަނި ވާރެއިން ތެމުމުން ސަލާމަތްވާން ބޭނުންކުރާ އެއްޗެއް ނޫން ކަމެވެ. މިއީ އަވީގެ ނުރައްކާތެރި ދޯދިތަކުން ހަންގަނޑު ރައްކާތެރިކޮށް، ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދެ މޫސުމުގައިވެސް ބޭނުންކުރުން މުހިއްމު އާލަތެކެވެ. އަވީގައި ކުޑަ ބޭނުންކުރުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. އެއީ އަމިއްލަ ސިއްހަތަށްޓަކައި އެޅޭ މުހިއްމު ފިޔަވަޅެކެވެ.
