އިންސާނުންނަކީ އުފެދުމުގައިވެސް ފުރިހަމަ ބައެއް ނޫނެވެ. އެއީ ނުވަތަ އުނިސިފަތަކެއް އެކުލެވިގެންވާ ބައެކެވެ. އެހެންކަމުން، އަހަރެމެންގެ ތެރެއިން ކޮންމެ މީހެއްގެ ކިބައިގައިވެސް އުނިކަމެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުމަކީ ތަބީއީ ކަމެކެވެ. ނަމަވެސް، ސުވާލަކީ އެހެން މީހުންގެ ކިބައިގައި ހުންނަ މިފަދަ އުނިކަންތައްތައް ހޯދައި، އެކަންކަމަށް ފާޑުކިޔުމުގައި އަހަރެމެން މިހާ އަވަސްވެގަންނަނީ ކީއްވެގެން ހެއްޔެވެ؟ މީހަކަށް ހިތްވަރުދީ، އެމީހެއްގެ ކިބައިގައިވާ ހުނަރުތައް ކުރިއަރުވައިދިނުމުގެ ބަދަލުގައި، މަލާމާތްކޮށް، ދަށްކޮށްލައި، ހިތްވަރު އެލުވައިލުމަށް އިސްކަންދެވެނީ ކީއްވެގެން ހެއްޔެވެ؟ މިއީ ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ މުހިންމު ކަމެކެވެ.
މިއަދުގެ ޒަމާނަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ފަދަ ޒަމާނީ ވަސީލަތްތައް އުނގެނުމާއި، އުފެއްދުންތެރިކަމުގެ ތެރެއަށް ތައާރަފުވެފައިވާ ޒަމާނެކެވެ. ނަމަވެސް، މިފަދަ ވަސީލަތްތަކުގެ އެހީގައި މީހަކު ކަމެއް ކުރިއަށްގެންދާ މަންޒަރު ފެނުމުން، “ތިއީ ހުސް އޭ.އައި، އަމިއްލަ ސިކުނޑިއެއް ބޭނުމެއް ނުކުރޭ،” މިފަދަ އިބާރާތްތަކުން ބައެއް މީހުން މަލާމާތްކުރެއެވެ. އެފަދަ ބަސްތައް ބުނާ މީހުންނަށް ނުވިސްނޭ ކަމަކީ، އޭ.އައި އަކީ އިންސާނާގެ ފިކުރާއި ވިސްނުމުގެ ބަދަލުގައި ބޭނުންކުރާ އެއްޗެއް ނޫން ކަމެވެ. އޭގެ ބަދަލުގައި، އެއީ އިންސާނާގެ ވިސްނުމަށް ބޭނުންވާ އިތުރު ބާރެކެވެ.
ބޭނުންތެރި ގޮތެއްގައި އޭ.އައި ބޭނުންކުރުމަށްޓަކައިވެސް އަމިއްލަ ފިކުރަކާއި، ވިސްނުމެއް އަދި މަގުސަދެއް އޮންނަންޖެހެއެވެ. ގަލަމަކީ އަމިއްލައަށް ލިޔާ އެއްޗަކަށް ނުވާ ފަދައިން، އޭ.އައި އަކީވެސް އިންސާނާގެ އިރުޝާދަކާ ނުލައި އެއްޗެއް އުފައްދާ އެއްޗެއް ނޫނެވެ. ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ ޒަމާނާ އެއްގޮތަށް ބުއްދިވެރިކަމާއެކު އަމިއްލަ ނަފްސު ހޭނުވުމެވެ.
ގިނަ ފަހަރަށް މީހުންގެ ހިތްވަރު އެލުވައިލުމަށް ވާހަކަ ދައްކަނީ އަމިއްލަ ނަފްސުގެ ބަލިކަށިކަމުންނެވެ. ޖެހިލުންވުމާއި ބިރުގަތުމާއި، ތިމާ ފަހަތަށް ގޮސްފާނެ ކަމުގެ ބިރުވެރިކަން ހިތުގައި އޮތުމުގެ ސަބަބުންނެވެ. ތިމާ އެއް ތަނެއްގައި ހުރި ގޮތަށް ހުއްޓާ, އެހެން މީހަކު ކުރިއަރައިދާ މަންޒަރު ފެނުމުން، އެކަން ބަލައިގަތުމަށްވުރެ އެމީހަކަށް މަލާމާތްކުރުން މާ ފަސޭހަވަނީއެވެ. ނަމަވެސް، އިނގިލި ދިއްކުރުމުގެ ބަދަލުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ކިހާ ރީތި ކަމެއް ހެއްޔެވެ؟ މަލާމާތުގެ ބަދަލުގައި ހިތްވަރުގެ ބަހެއް ބުނުމުން ލިބޭނެ ހިތްހަމަޖެހުން މާ ބޮޑެވެ.
ކޮންމެ މީހަކީވެސް ތަފާތު ހުނަރުތަކާއި، ތަފާތު މިންވަރަކަށް އިލްމު ލިބިފައިވާ މީހެކެވެ. އެކަކު އަނެކަކަށްވުރެ ދަށް މީހަކު ނެތެވެ. ހަމައެކަނި އޮތީ ތަފާތުތަކެވެ.
ކުރިއެރުމަކީ މުބާރާތެއް ނޫނެވެ. އެހެން މީހަކު ކުރިއަރައި ދިއުމަކީ ތިމާގެ އަގު ވެއްޓޭ ކަމެއް ނޫނެވެ. ހަގީގަތުގައި، އެކަކު ކުރިއަރައި ދިއުމަކީ އެތައް ބަޔަކަށް އެ މަގުން ހިނގުމަށް ލިބޭ އަލިގަދަ ދަންމަރެކެވެ.
އެހެންކަމުން، އަހަރެމެންނަކީ ކޮންކަހަލަ ބަޔަކަށްވާންވީތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލަން އެބަޖެހެއެވެ. މީހުންގެ އުންމީދުތައް ފުނޑުފުނޑުކޮށްލާ ބަޔަކަށް ހެއްޔެވެ؟ ނުވަތަ މީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކޮށްދޭ ބަޔަކަށް ހެއްޔެވެ؟ މީހެއްގެ ހިތްވަރު އެލުވައިލުމަކީ އެއްވެސް ހުނަރެއް ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް މީހަކަށް ހިތްވަރުދީ، ކޮޅަށް ޖެހުމަށް އެހީތެރިވުމަކީ ރީިތި އަޚުލާގާއި ހިތްހެޔޮ ކަމާއި ކުޅަދާނަކަން ބޭނުންވާ ކަމެކެވެ.
ކޮންމެ މީހަކީވެސް އެމީހެއްގެ ހަޔާތުގައި ކޮންމެވެސް ހަނގުރާމައަކައި ކުރިމަތިލަމުންދާ މީހެކެވެ. އެހެންކަމުން، އެކަކު އަނެކަކަށް ހިތްހެޔޮވުމާއި، ހިތްވަރު ދިނުމަކީ ހަމައެކަނި މާތް ސިފައެއް ނޫނެވެ. އެއީ މިއަދު އަހަރެމެންގެ މުޖުތަމައަށް ނުހަނު ބޭނުންވެފައިވާ ކަމެކެވެ. ކުރިއެރުމަށް މަލާމާތް ނުކުރާށެވެ. މަސައްކަތަށް ލަދު ނުގަންނުވާށެވެ. އަދި ކޮންމެ ގޮތަކުން ފެށުނު ކަމުގައިވިޔަސް، ކުރިއެރުމަށް އިހުތިރާމް ކުރަން ދަސްކުރަމާ ހިނގާށެވެ.
އަދި ދަންނަވަންތޯ އަޅުގނޑުގެ މި ހިޔާލު މިއަދު ލިޔެލާކަށް އޭ.އައި ގެ އެހީއެއް ނުލިބޭއިނގޭތޯއެވެ. 😁
