ޑައިރެކްޓަރު ފަރާ ޚާން ބުނީ ‘އަހަރެން ފިލްމެއް ހަދަންޏާ ހަދާނީ ޝާހް ރުކް އާއެކު’ ކަމަށް!
ފަރާ ޚާން ޑައިރެކްޓްކޮށްފައިވާ ތިން ފިލްމެއްގައި ޝާހް ރުކް ޚާން ވަނީ މަސައްކަތްކޮށްފައެވެ. ޑައިރެކްޓަރު ފަރާ ޚާން ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމަށް އެއް ޝަރުތެއް ކަނޑައަޅާފައިވާކަން ޔަގީންކޮށްދީފައެވެ.
ފިލްމު އުފެއްދުންތެރިޔާ އަދި ކޯރިއޮގްރާފަރު ފަރާ ޚާން ޑައިރެކްޝަނަށް އެނބުރި އަންނަން ތައްޔާރަށް ހުރިކަން އެންމެފަހުން ޔަގީންކޮށްދީފިއެވެ. މިއީ އޭނާގެ ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އޭނާގެ މަޖާ ވީޑިއޯތަކުން ބެލުންތެރިން މުނިފޫހިފިލުވައިދެމުން ދިޔަ ނަމަވެސް ސަޕޯޓަރުން ތިބީ އޭނާ ޑައިރެކްޓަރެއްގެ ގޮތުގައި ގެނެސްދޭނެ ފިލްމަކަށް ކެތްމަދުވެފައެވެ. ފަރާ ފާހަގަކުރެވެނީ ބޮލީވުޑްގެ އެންމެ މަޝްހޫރު ބައެއް ފިލްމުތައް ކަމަށްވާ ‘މޭ ހޫނ ނާ’ ‘އޯމް ޝާންތީ އޯމް’ އަދި ‘ތީސް މާރު ޚާން’ ފަދަ ފިލްމުތައް ގެނެސްދީފައިވާ ޑައިރެކްޓަރެއްގެ ގޮތުގައެވެ.
ކުރިއަށް އޮތް ފިލްމަށް ފަރާ ޚާންގެ ޝަރުތު
ފަރާގެ އެންމެ ފަހުގެ ވްލޮގްގައި އެކްޓަރު ނަކުލް މެހެތާގެ ގެއަށް ކުރި ޒިޔާރަތެއްގައި އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓާ ބެހޭ ބޮޑު އަޕްޑޭޓެއް ވަނީ ހިއްސާކޮށްފައެވެ. އެމީހުންގެ ވާހަކައިގެ ތެރެއިން ފަރާ ހަދާ ކަހަލަ ފިލްމުތައް ވަރަށް ބޮޑަށް މިސްވާކަމަށް ނަކުލް ބުންޏެވެ.
“އަހަރެން ހަދާނަން! ކުދިން ކޮލެޖަށް ދިޔައިމަ ހަދާނަން! އިންޓަނެޓްގައި ‘އަނބުރާ އާދޭ ފަރާ ޚާން’ ގެ ނަމުގައި ޕެޓިޝަނެއްވެސް އެބައޮތް. އެހެންވީމަ އަހަރެންނަށް ހީވަނީ މިއީ އޭގެ ވަގުތުހެން. އަހަރެންނަށް ހީވަނީ މި އަހަރު ފަހުކޮޅު ފަށާނެހެން.”
“އަހަރެން (ފިލްމެއް ޑައިރެކްޓް) ކުރަންޏާ ކުރާނީ ޝާހް ރުކް އާއެކު! އެހެން ނޫނީ އަހަރެން މަޑުކޮށްލައިގެން ޔޫޓިއުބް ހަދާނީ.”
ޔޫޓިއުބް އިން އޭނާގެ ފިލްމު ޕްރޮޑިއުސްކުރާނެތޯ ނަކުލް ސުވާލުކުރުމުން ފަރާ ސާބިތުކަމާއެކު ޖަވާބުދެމުން ފަރާ ބުންޏެވެ.
ފަރާ ޚާންގެ މަސައްކަތްތައް
ފަރާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2014 ވަނަ އަހަރު ރިލީޒްކުރި ‘ހެޕީ ނިއު އިޔަރ’ އެވެ. ޝާހް ރުކް ޚާން، ދީޕިކާ ޕަދްކޯން، ސޯނޫ ސޫދު އަދި ބޮމަން އިރާނީ މުހިއްމު ރޯލުތަކުން ފެނުނު މި ފިލްމަކީ ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެކެވެ. އޭނާ ވްލޮގް ހަދަން ފެށީ 2025 ގައެވެ. އޭނާގެ ކައްކާ ދިލިޕް އާއެކު ފެންނަ މި ވްލޮގްތައް ބޮޑަށް މަގުބޫލުވީ އެ ދެމީހުންގެ މެދުގައި ދެކެވޭ މަޖާ ވާހަކަތަކުގެ ސަބަބުންނެވެ.
ޝާހް ރުކް ޚާންގެ ކުރިއަށް އޮތް ފިލްމު
މަސައްކަތުގެ މައިދާނަށް ބަލާއިރު ޝާހް ރުކް ޚާން އެންމެ ފަހުން ފެނިފައިވަނީ 2023 ގައި ނުކުތް ‘ޑަންކީ’ އިންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެންނަން ތައްޔާރުވަމުންދަނީ ސިދާތު އާނަންދުގެ ފިލްމު ‘ކިންގް’ އިންނެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.
