ޒަމާނުއްސުރެ އަހަރެމެންގެ މުޖުތަމަޢުގައި ހިނގާ އެކިއެކި ކަންކަމާއި ގުޅޭގޮތުން ތަފާތު ބުނުންތައް ބުނެފައިވެއެވެ. ބައެއް ބުނުންތަކަކީ އޭގައި ވަރަށް ފުން މާނައެއް އެކުލެވޭ ހަޤީޤީ ބުނުންތަކެވެ. އަނެއްބައި ބުނުންތަކަކީ އޭގައި އެއްވެސް ކަހަލަ ބުރަދަނެއް ނެތް ބޭކާރު، މޮޔަ ބުނުންތަކެކެވެ. އެގޮތުން އަހަރެމެންގެ ތެރޭގައި ބުނެއުޅޭ އެންމެ އާންމު އެއް ބުނުމަކީ “ފިރިހެނުންނެއް ނުވަތަ ފިރިހެންކުދިންނެއް ނުރޯނެ” އެވެ.
ކަރުނައަކީ ހަމައެކަނި އަންހެނުންނަށް ޚާއްސަ އެއްޗެއް ނޫނެވެ. އެއީ ކޮންމެ އިންސާނެއްގެ ލޮލުގައި ވެސް ލައްވާފައިވާ އިޙުސާސްތަކާއި ގުޅިފައިވާ ޤުދުރަތީ ނިޒާމެކެވެ. ރޮއިލުމަކީ އަހަރެމެންގެ ހަށިގަނޑު ތެރޭގައި ހުންނަ ސްޓްރެސް ހޯރމޯންތައް ބޭރުކޮށްދީ ހިތްހަމަޖެހުން ހޯދައިދޭ ކަމަކަށް ވީއިރު، ފިރިހެނަކަށް ވީތީ މި ޤުދުރަތީ ނިޒާމަށް ހުރަސް އެޅުމަކީ އަމިއްލަ ހަށިގަނޑަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.
“ފިރިހެނުން ހަރުކަށިވާން ޖެހޭނެ” ކަމަށް ނުވަތަ “ފިރިހެނުން ރުއިމަކީ ފިނޑި ޢަމަލެއް” ކަމަށް ބުނެ އިޙުސާސްތައް ހިފަހައްޓަން މަޖުބޫރު ކުރުމުން ގިނަ ފިރިހެނުންނަށް ނަފްސާނީ ބަލިތައް ކުރިމަތިވެއެވެ. އޭގެ ތެރޭގައި ޑިޕްރެޝަނާއި އެންޒައިޓީ ހިމެނެއެވެ. ހިތާމަތައް ބޭރުނުކޮށް އެތެރޭގައި ފޮރުވުމަކީ ހިތްދަތިކަން އިތުރުވާ ކަމެކެވެ. އަދި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފިރިހެނުން އަމިއްލައަށް މަރުވާ ނިސްބަތް އެންމެ ގިނައީ އެމީހުންގެ ހިތާމަތައް ހިއްސާކޮށް ރޮއި ހިތްހަމަޖައްސާލަން ނޭނގޭތީ ނުވަތަ ނުކެރޭތީއެވެ.
މީގެ އިތުރުން ރުޅިގަދަވުމަކީވެސް ނަފްސާނީ ގޮތުން ދިމާވާ މައްސަލައެކެވެ. އެހެނީ ފިރިހެނުން ރޮއި ހިތާމަ ފާޅުކުރުމަކީ “ފިނޑި” ޢަމަލެއްގެ ގޮތުގައި ވިސްނައިދީފައި އޮތުމުގެ ސަބަބުން “ފިނޑި” މީހަކަށް ނުވުމަށްޓަކައި ފިރިހެނުން ގިނަ ފަހަރަށް އެ އިހުސާސްތައް ބޭރުކުރަނީ ރުޅީގެ ސިފައިގައެވެ.

ރުއިމަކީ ފިނޑި ޢަމަލެއް ނޫނެވެ. އެއީ ހަޤީޤީ ހިތްވަރުގަދަ މީހުންގެ ކިބައިން ފެންނާނެ ޢަމަލެކެވެ. އެއިން ދޭހަވަނީ އެމީހަކީ އޭނަގެ އަމިއްލަ އިޙުސާސްތަކަށް ތެދުވެރިވެ ޤަދަރުކުރާ މީހެއްކަމެވެ. ބިރުގަންނަ ވަގުތު ބިރުގަންނަކަމާއި ދެރަވާ ވަގުތު ދެރަވާކަން ޤަބޫލުކޮށް އެކަން ހާމަކުރުމަކީ ހިތްވަރުގަދަ މީހުންގެ ސިފައެކެވެ. މާސްކެއް އަޅައިގެން “ހުރިހާ ކަމެއް ރަނގަޅޭ” ބުނެ ހުރުމަކީ ހަޤީޤީ ފިނޑިންގެ ސިފައެކެވެ.
ފިރިހެނުންނަށް މިނިވަންކަމާއެކު ރޮއިލުމުގެ ފުރުސަތު މުޖުތަމަޢުން ދިނުމަކީ އެކަމުގެ ހެޔޮ ބަދަލުތައް މުޖުތަމަޢުންވެސް ފެންނާނެ މުހިންމު ކަމެކެވެ. އެހެނީ އެކަމުގެ ސަބަބުން އާއިލީ ގުޅުންތައް ބަދަހިވާނެއެވެ. އަނބިދަރިންނަށް ފިރިމީހާ ނުވަތަ ބައްޕަގެ އިޙުސާސްތައް އެނގުމުން އެކަކު އަނެކަކަށް އޮންނަ އިތުބާރު ބޮޑުވާނެއެވެ. ހަމައެހެންމެ ހަރުކަށިކަމުގެ ބަދަލުގައި އޯގާތެރިކަން އިސްވެ ލޯބި އިތުރުވާނެއެވެ.
“ފިރިހެނުން ނުރޯނެ” އޭ ބުނާ ބުނުމަކީ ހަޤީޤަތުގައި ފިރިހެނުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަހަރެމެން އަންނަން އޮތް ޖީލުތަކަށް ވެސް ދަސްކޮށްދޭންވީ ފިރިހެނުންނަކީ ވެސް އިޙުސާސްތަކެއް ހުންނަ، އެހީތެރިކަމަށް ބޭނުންވާ އަދި ރޮއިލުމަކީ ފިރިހެނާ ބަލިކަށިވާ ކަމެއް ނޫންކަމެވެ. އަދި ކަރުނައަކީ ތިމާގެ ހިތުގައިވާ ރަޙުމާއި އިންސާނިއްޔަތުކަން ކަމެވެ.
