ސާފް ފުޓްސެލް ޗެމްޕިއަންސިޕްގައި ދިވެހިރާއްޖެ ކުޅުނު ހަތަރުވަނަ މެޗް ވެސް ކާމިޔާބުކޮށް އެއްވަނައިގައި ހަމަޖެހިލައިފި އެވެ.
ނޭޕާލާއި ދެކޮޅަށް ދިވެހިރާއްޖެ މިއަދު ކުޅުނު މެޗުން ރާއްޖެ މޮޅުވީ 2-1 އިންނެވެ. ކުރިން ކުޅުނު ތިން މެޗް ފަދައިން މިއަދުގެ މެޗްގައި ވެސް ދިވެހިރާއްޖެ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޑިފެންސަށް ބޮޑު އިސްކަމެއް ދީގެން ކުޅުނު ނޭޕާލު ކޮޅަށް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ވެސް ވަނީ ހޯދާފައެވެ.
މި މެޗްގެ ފުރަތަމަ ލަނޑު ދިވެހިރާއްޖެެއިން ޖެހީ ދެވަނަ ހާފުގެ ހަތަރުވަނަ މިނިޓްގައެވެ. ނޭޕާލްގެ ދެ ކުޅުންތެރިންނާއި ކީޕަރު ކައިރިން ނައްޓާފައި އަހްމަދު ހަމީދު ދިން ބޯޅަ ﷲޢަބްދު ޝާފިއު ފޮނުވާލީ މުޅިން ހުސްކޮށް އޮތް ގޯލްގެ ތެރެއަށެވެ. ދިވެހިރާއްޖެއިން ލަނޑު ޖެހިތާ މާގިނައިރެއްނުވެ ނޭޕާލުން ވަނީ އެއްވަރު ކޮށްފައެވެ.

ފޮޓޯ: ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން
ދެވަނަ ފަހަރަށް ދިވެހިރާއްޖެއިން ލީޑު ނެގީ 13 ވަނަ މިނިޓްގައި ސާއްޕެއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދިވެހިރާއްޖެއަށް ލިބުނު ފްރީ ކިކް ގޯލްތެރެއަށް ފޮނުވާލައިގެން ކެޕްޓަން މުހައްމަދު އިމްރާން އެވެ. މިފައުލު ކުރި ކުޅުންތެރިޔާއަށް ވަނީ ރަތް ކާރޑް ދައްކާފައެވެ.
މި މެޗުން ލިބުނު ތިން ޕޮއިންޓާއެކު 12 ޕޮއިންޓް ހަމަކޮށް ދިވެހިރާއްޖެ ވަނީ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދިވެހިރާއްޖެއާ އެންމެ ގާތުން ވާދަކުރާ ޕާކިސްތާނާއި ބަނގުލަދޭޝްއަށް ލިބިފައިވަނީ ހަތަރު މެޗުން ހަތް ޕޮއިންޓެވެ.
ދިވެހިރާއްޖެެއިން ކުޅޭ ފަސްވަނަ މެޗުގައި ވާދަކުރާނީ ބޫޓާނާއެވެ. މިމެޗް އޮންނާނީ ހޮނިހިރު ދުވަހުއެވެ.
