ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ބުރޯ! ކޮބާތަ ފޯނު؟

މިއަދުގެ ދުނިޔޭގައި އިންސާނާގެ ދިރިއުޅުމުގެ އެންމެ ގާތް އެކުވެރިޔަކީ، އަދި އެންމެ މުހިއްމު އެއް ވަސީލަތަކީ ސްމާޓް ފޯނެވެ. ފޯނަކީ ހަމައެކަނި މީހުންނަށް ގުޅާލުމަށް ބޭނުންކުރާ އެއްޗަކުން ބަދަލުވެ، މުޅި ދިރިއުޅުން އޭގެ ތެރެއަށް އޮއްސާލެވިފައިވާ ކުޑަކުޑަ ފޮށްޓެކެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް މިއަދު މިވަނީ ފޯނާ ގުޅިފައެވެ.

މިއަދުގެ ޒުވާނުންނާއި ބޮޑެތި މީހުންގެ މެދުގައި އެންމެ ފަހުގެ، އަގުބޮޑު ބްރޭންޑްތަކުގެ ފޯނުތައް ހޯދުމަށް އޮންނަ ޝައުގުވެރިކަމަކީ އިންތިހާއަށް ބޮޑު ކަމެކެވެ. ބައެއް މީހުން އަތުގައި ފައިސާ ނެތް ނަމަވެސް، ބޮޑެތި ލޯނުތައް ނަގައިގެން ނަމަވެސް އެންމެ ފަހުގެ އައިފޯނު ނުވަތަ ސެމްސަންގް ފޯނު ގަންނަނީ އެއީ މުޖުތަމައުގައި ފެންވަރު ދައްކާލުމުގެ ވަސީލަތަކަށް ވެފައިވާތީއެވެ. ދިރިއުޅުމުގެ ބިލްތައް ދެއްކުމާއި، ބޭންކް ޓްރާންސެކްޝަންތައް ހެދުމާއި، ޓެކްސީ ހޯދުން ފަދަ ޒަރޫރީ ކަންކަން ފޯނުން ކުރެވޭއިރު، މީގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.

ނަމަވެސް، ފޯނަށް މާބޮޑަށް ދެވިހިފުމުގެ ސަބަބުން އިޖުތިމާއީ އަދި ދީނީ އަދަބުތައް މިއަދު މިވަނީ ހަނދާން ނެތިފައެވެ. އެންމެ ހިތާމަވެރި އެއް ކަމަކީ މާތްވެގެންވާ މިސްކިތްތަކަށް އަރާއިރު ފޯނު ސައިލެންޓް ކުރަން ހަނދާން ނެތުމެވެ. ނަމާދު ވަގުތު ފޯނު ރިންގްވުމުން އެހެން މީހުންގެ ޚުޝޫއަތްތެރިކަން ގެއްލި، އުނދަގޫތަކާ ކުރިމަތިވެއެވެ. އަދި ބައެއް މީހުން މިސްކިތުގެ އެތެރޭގައާއި، ނަމާދަށް ފަށަމުންނާއި ނިމިގެން “ސެލްފީ” ނެގުމުގައި ވަގުތު ހޭދަކުރާއިރު، އަޅުކަމަށް ދޭންޖެހޭ ސަމާލުކަން ކުޑަވެއެވެ.

ހަމައެހެންމެ، ބަލިމީހުންނަށް ޒިޔާރަތްކުރާ ވަގުތުވެސް ފޯނާ ކުޅުމާއި، ކޮފީ މޭޒުތަކުގައި ތިބޭއިރު އެކަކު އަނެކަކާ ވާހަކަދެއްކުމުގެ ބަދަލުގައި ފޯނަށް ގެއްލިފައި ތިބުމަކީ އާންމު ކަމެކެވެ. ފާހަނައިގައި އިންނައިރުވެސް ފޯނު ބޭނުންކުރުމަކީ ގިނަ ބައެއްގެ އާދައަކަށް ވެއްޖެއެވެ. މިފަދަ ފަރުވާކުޑަ އާދަތަކުގެ ސަބަބުން ޓެކްސީތަކާއި ކޮފީޝޮޕް ފަދަ ތަންތަނަށް ފޯނު ހަނދާންނެތި ދޫކޮށްލެވޭ ފަހަރު މަދެއް ނޫނެވެ.

ނިދާގަޑީގައި ފޯނު ބޭނުންކުރުމުގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. ލޮލުގެ ފެނުމަށް ގެއްލުންވުމާއި، ނިދި މަދުވުމުގެ ސަބަބުން ދުވާލުގެ މަސައްކަތްތަކަށް ބުރޫއަރައެވެ. ވަކިން ޚާއްސަކޮށް ތުއްތުކުދިން މައިތިރިކުރުމުގެ ވަސީލަތަކަށް ފޯނު ހެދުމުން، އެކުދިންގެ ސިކުނޑީގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކޮށް، މުޖުތަމައާ އެކަހެރިވެއެވެ. ޒުވާނުން ގޭމް ކުޅުމުގައާއި ސޯޝަލް މީޑިއާގައި އެތައް ގަޑިއިރެއް ބޭކާރުކޮށްލާއިރު، ފޯނު ޗާޖުކުރަން ހަނދާން ނެތިގެން މުހިއްމު ވަގުތުތަކުގައި ފޯނު ނިވުމުގެ ދަތިކަންވެސް ކުރިމަތިވެއެވެ.

ކޮންމެއަކަސް، ސްމާޓް ފޯނަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އާއިލާއާއި ރައްޓެހިންނާ ގުޅާލައި، މައުލޫމާތު ހޯދުމަށް އޮތް ރަނގަޅު ވަސީލަތެކެވެ. ނަމަވެސް އޭގެ އަސްލު ބޭނުން ހިފަންވާނީ ވަގުތަށް ހުރުމަތްތެރިކޮށް ހިތައިގެންނެވެ. އަހަރުމެންނަކީ ފޯނުގެ އަޅަކަށް ވުމުގެ ބަދަލުގައި، އަހަރެމެންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށް ބޭނުންކުރާ ހެޔޮ ވަސީލަތަކަށް ހަދަންޖެހެއެވެ. ފޯނު އޮތްތަނެއް ނޭނގިގެން “ބުރޯ ފޯނު ކޮބާތަ؟” ގޮވާލަން ޖެހުމުގެ ކުރިން، ފޯނަށްވުރެ މުހިއްމު ކަންކަން ދިރިއުޅުމުގައި ހުރިކަން ގަބޫލުކުރަންޖެހެއެވެ.

0
Ads by Allied Insurance
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top