އާދެ، މި ހަފްތާގެ ލަވައަކަށް މި ހުށަހަޅާލަނީ، 1958ގައި ނިކުތް ‘ޑިޓެކްޓިވް’ މި ފިލްމުގެ ‘ދޯ ޗަމަކްތީ އާންކޯ މޭ’ މި ލަވައިގެ ތަރުޖަމާއެކެވެ. އާދެ، އިއްޔެ ލޮލުން ދުށް އެތައް އެތައް ރަން ހުވަފެންތައް މިއަދު ގެއްލިފައިވާ ވާހަކަ ނަންގަންނަ ލަވައެކެވެ.
ހަޔާތުގެ ޒުވާން ދުވަސްވަރު، ކޮންމެ މީހަކުވެސް ދެކޭ ހުވަފަންތަކެއް ވެއެވެ. ހާސިލުކުރަން ބޭނުންވާ އެތައް އުއްމީދުތަކެއް އޮވެއެވެ. ނަމަވެސް، ދުވަސްތައް މާޒީވެ، ހަޔާތުގެ ހަލަބޮލި ކަނޑުގެ ތެރޭގައި ފަތަމުން ދާއިރު، ވަރަށް ގިނަ ފަހަރު އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހަދާލެވޭނޭ ގޮތް އޮންނަނީ ނުވެފައެވެ. އޭނާގެ އުއްމީދުތައް އޮންނަނީ ހާސިލު ނުކުރެވިފައެވެ. އަދި، ހަޔާތުގެ ބަދު ނަސީބުތަރި އެރުމުން، އެ ތަރި އޮއްސޭނީ ކޮން އިރަކުންކަމާ ދޭތެރޭ ވިސްނާ ފިކުރުކުރަން އިންނަން ޖެހެއެވެ. އެހެން އިންނައިރު، ނުރަނގަޅު އެތައް ޚިޔާލުތަކެއްވެސް ހިތަށް އަރާ ފައިބާ ދެއެވެ. ތިމާގެ ހަޔާތް ކުރިމަތިކުރުވާ ދަތިތަކާއި ހިތާމަތަކަށް ކެތްކޮށްލައިގެން ހުރެވޭނީ ކިހާދުވަހަކު ބާވައެވެ؟ ހަޔާތުގެ ހިތާމަތަކުގެ ވޭނުގައި ތިމާ ހަލާކުވެ ދާނީ ބާވާއެވެ؟ ހަޔާތުގެ އަނދިރިކަމުގެ މިފަދަ ރޭތައް ނިމުމަކަށް އައިސް، ނަޔާ ފަތިހެއްގެ އިރު އަރާނީ ކޮން އިރަކުން ބާވައެވެ؟ އާދެ، ލަވައިގެ ޖުމްލަ މާނައަކީ މިއެވެ.
މިލަވަ، ދިވެހި ތަރުޖަމާއާއެކު، އަޑު އައްސަވާލެއްވުމަށް މި އެޑުރެހަށް ޒިޔާރަތްކޮށްލައްވާށެވެ!
