ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ކޮރެއާގެ ގޭމަކަށް ދެވިހިފުމުގެ ސަބަބުން ތިން ކުދިން އަމިއްލައަށް މަރުވި ހިތާމަވެރި ހާދިސާ: މައެއްގެ ނަޒަރުން

މިހާތަނަށް އެނގިފައިވާ މައުލޫމާތު:

ފެބްރުއަރީ މަހުގެ 4 ވީ ބުދަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި (2:15)، އިންޑިއާގެ ގާޒީއާބާދުގައި ހިތްދަތި ހާދިސާއެއް ހިނގައިފިއެވެ. ބާރަތު ސިޓީ ސޮސައިޓީގެ އިމާރާތެއްގެ ނުވަވަނަ ފަންގިފިލާއިން ފުންމާލައިގެން، އުމުރުން 16 އަހަރާއި 14 އަހަރާއި 12 އަހަރުގެ ތިން އަންހެން ކުދިން ވަނީ މަރުވެފައެވެ.

ފުލުހުން ބުނާ ގޮތުގައި އެ ކުދިން ވަނީ އަށް ސަފުހާގެ ސިޓީއެއް ދޫކޮށްފައެވެ. އެ ސިޓީގައި އެ ކުދިންގެ ބައްޕަގެ ކިބައިން މައާފަށް އެދިފައިވާ އިރު، “ކޮރެއާ” އާއި ކޮރެއާގެ އޮންލައިން “ލަވް ގޭމް” އަކަށް އެ ކުދިންގެ ހިތްޖެހިފައިވާ މިންވަރު ބަޔާންކޮށްފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި، މި ކުދިން އެ ގޭމް ކުޅޭތާ ދެތިން އަހަރު ވެފައިވާ އިރު، އެކަމުގެ ނުފޫޒު އެ ކުދިންގެ މައްޗަށް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު އެ ކުދިން ގަވާއިދުން ސްކޫލަށް ގޮސްފައިނުވާ އިރު، އެ ދުވަސްވަރު ފޯނު ބޭނުންކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކުދިން ފޯނު ބޭނުންކުރާ މިންވަރު ބެލެނިވެރިން ފަހަކަށް އައިސް ކޮންޓްރޯލް ކުރުމުގެ ސަބަބުން އެ ކުދިން ނަފްސާނީ ގޮތުން ނުތަނަވަސްވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ނަމަވެސް، މި މަރާއި ގޭމާ ސީދާ ގުޅުމެއް ހުރިކަން ތަހުގީގަށް އަދި ކަށަވަރެއް ނުވެއެވެ. ފުލުހުން ދަނީ އެ ކުދިންގެ ފޯނުތަކާއި އެހެނިހެން ހެކިތައް ބަލަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އާއިލާގެ ތެރޭގައި އިތުރު ނަފްސާނީ ނުވަތަ މާލީ ދަތިތަކެއް ހުރިތޯ ވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

ޚަބަރު ފަތުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މި ހިއްސާކުރަނީ ހަގީގަތްކަމުގައިވިޔަސް، މައެއްގެ ހައިސިއްޔަތުން މި ވާހަކަ އަޅުގަނޑުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރުވައެވެ.

އަޅުގަނޑުމެން މި ދިރިއުޅެނީ މި ކުޑަ ފޯނަކީ ކުއްޖެއްގެ މުޅި ދުނިޔެއަށް ވެފައިވާ ޒަމާނެއްގައެވެ. އެކުދިންގެ ރަހުމަތްތެރިކަމާއި، އަމިއްލަ ވަންތަކަމާއި، ހުވަފެންތަކާއި، ހިތްހަމަޖެހުން ހޯދާ ވަސީލަތަކީ އެއީއެވެ. މުނިފޫހިފިލުވުމަށް ފަށާ ކަމެއް، މަޑުމަޑުން ގޮސް ނަފްސާނީ ގޮތުން އެކަމަށް ބަރޯސާވާންޖެހޭ ވަރުގެ ދެވިހިފާފައިވާ ކަމަކަށް ބަދަލުވެގެންދެއެވެ.

އިސްލާމްދީނުގައި އަޅުގަނޑުމެން މެދުމިނުގެ އުސޫލެއް ގެންގުޅުމަށް ނަސޭހަތްތެރިވެއެވެ. އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަގުތާއި، ދަރިންނަކީ އަމާނާތެކެވެ. މުނިފޫހިފިލުވުމަކީ އޭގެ ޒާތުގައި ދުޝްމަނެއް ނޫނެވެ. ނަމަވެސް، އާއިލީ ގުޅުމާއި، ތައުލީމާއި، ދިރިއުޅުމުގެ މުއާމަލާތްތަކާއި، ދީނީ ކަންކަމުގެ މައްޗަށް އެކަން އިސްވެއްޖެނަމަ، ދިރިއުޅުމުގެ ހަމަޖެހުން ގެއްލިގެންދެއެވެ.

ކޮންމެ ބެލެނިވެރިއަކީ އެމީހެއްގެ ބެލުމުގެ ދަށުގައިވާ މީހުންނަށް ޒިންމާވާންޖެހޭނެ “ރާއީ” އެއް ކަމަށް ރަސޫލާ ﷺ ވަނީ ހަދީސްކުރައްވާފައެވެ. މިއަދުގެ ދުނިޔޭގައި އެ ޒިންމާގެ ތެރޭގައި، އަޅުގަނޑުމެންގެ ދަރިން ވަންނަ ޑިޖިޓަލް (ސުމޭކް) މާހައުލުތައް ދެނެގަތުން ހިމެނެއެވެ. އެއީ ހަމައެކަނި ހުރަސްތަކެއް އެޅުމެއް ނޫނެވެ؛ އެއީ އިތުބާރު ގާއިމުކުރުމެވެ. ހަމައެކަނި މަނާކުރުމެއް ނޫނެވެ؛ ކަންކަން ވިސްނައިދިނުމެވެ. ހަމައެކަނި އަދަބު ދިނުމެއް ނޫނެވެ؛ އެކުދިން ދައްކާ ވާހަކަ އަޑުއެހުމެވެ.

މިއީ ބެލެނިވެރިންނަށް ބަދުބަސް ބުނެ އަޅާކިޔާ މަލާމަތްތްކުރަންވީ ވަގުތެއް ނޫނެވެ. އެއްވެސް ބެލެނިވެރިއަކީ މިފަދަ ހިތާމަވެރި ކަމަކަށް އެދޭނެ މީހެއް ނޫނެވެ. މިއީ ފުންކޮށް ވިސްނާލަންވީ ވަގުތެވެ.

އަޅުގަނޑުމެންގެ ދަރިން ބަލާ އެއްޗެއްސާއި ކުޅޭ ގޭމްތަކާ ބެހޭގޮތުން އެކުދިންނާ ވާހަކަދައްކަން ހެއްޔެވެ؟ އެކުދިންގެ މިޒާޖަށް އަންނަ ބަދަލުތަކާއި، އެކަހެރިވުމާއި، އޮންލައިން ދުނިޔެއަށް ހިތްޖެހޭ މިންވަރަށް އަޅުގަނޑުމެން ސަމާލުކަން ދެން ހެއްޔެވެ؟ އެކުދިންނަށް އިންތަކެއް ކަނޑައަޅާއިރު، އެކަން ކުރަނީ ކެތްތެރިކަމާއި އޯގާތެރިކަމާއެކު ހެއްޔެވެ؟

ދިވެހި އާއިލާތަކުގައި، މިފަދަ ނުރައްކާތަކުން ދަރިން ސަލާމަތްކުރުމަށް ކުރެވިދާނެ އެންމެ މުހިންމު ކަންކަމަކީ:

ފޯނާ ނުލައި އެކުގައި ކެއުމުގެ ވަގުތުތައް ހޭދަކުރުމާއި، ގޭތެރޭގައި ގުރުއާން ކިޔެވުމުގެ މާހައުލެއް ބޭއްވުމާއި، އެކަކު އަނެކަކު ހާލުބެލުމާއި ހުޅުވާލެވިފައިވާ މަޝްވަރާތައް ކުރުމާއި، ސްކްރީނުން ބޭރުގެ ހަރަކާތްތަކަށް ހިތްވަރު ދިނުމެވެ. އަދި ހަމައެކަނި ކިޔެވުމުގެ ނަތީޖާއަށް ބެލުމުގެ ބަދަލުގައި، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ހުރި ގޮތް ގަވާއިދުން ބެލުމެވެ.

ﷲ އަޅަމެންގެ ދަރިން ފެންނަން ހުރި ނުރައްކާތަކުންނާއި ފެންނަން ނެތް ނުރައްކާތަކުން ހިމާޔަތްކުރައްވާށިއެވެ. އަދި މި ޑިޖިޓަލް ޖީލު ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިންނަށް ހިކުމަތްތެރިކަމާއި، މަޑުމޮޅިކަމާއި، ހިތްވަރު ދެއްވާށިއެވެ. އަދި އަޅުގަނޑުމެންގެ ގެދޮރަކީ ދަރިންނަށް ގަދަރުވެރިކަމާއި، ލޯތްބާއި، ރައްކާތެރިކަން އިހުސާސްކުރެވޭ ތަންތަން ކަމުގައި ލައްވާށިއެވެ.

އާމީން.

ނޯޓް
އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ޝައްކެއް ނެތް ގޮތުގައި އަމިއްލައަށް މަރުވުމާއި އަމިއްލަ ނަފްސަށް އެއްވެސް ކަހަލަ އަނިޔާއެއް ކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. {{ وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ …}} البقرة 195. “އަދި ތިޔަބައިމީހުންގެ އަތުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް ނުލާށެވެ!” އިތުރުއެކަލޭގެފާނުން ހަދީޘް ކުރައްވާފައި ވެއެވެ. ((مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا)) صحيح مسلم، (1 / 282) މާނައަކީ: “ތިބާގެ ނަފްސު ދަގަނޑު އެއްޗަކުން (ވަޅިއެއް ފަދަ އެއްޗަކުން) ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް އެފަދަ އެއްޗަކުން އޭނާގެ ބަނޑަށް ހަރައިހަރައި (އޭނާ އޭނާގެ ނަފްސު ގަތުލު ކުރި ގޮތަކަށް) ހުންނާނެއެވެ. އަދި ވިހައެއް ބޮއެގެން ތިބާގެ ނަފްސު ގަތުލު ކުރި މީހަކު ނަމަ އަބަދުގެ އަބަދަށް ޖަހަންނަމައިގެ އަލިފާނުގައި ވިހަ ބޮއެބޮއެ ހުންނާނެއެވެ. އަދި ފަރުބަދައަކުން ފުންމާލައިގެން ތިބާގެ ނަފްސު ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް ތިބާގެ ނަފްސު މަތިން ވައްޓާލައިގެން ގަތުލު ކޮށްކޮށް ހުންނާނެއެވެ.” ތިބާގެ ނަފްސު ގަތުލު ކުރުމަށްވުރެ ބޮޑަށް މާތް ﷲ ގެ ނިޢުމަތަށް ކާފަރުވުމަކީ ކޮބައި ހެއްޔެވެ!؟ ވީމާ އެފަދަ އެއްޗެއް ހިތަށް އަރައިފި ނަމަ އަޢޫޛު ކިޔައި ޝައިޠާނީ އެނުބައި ޚިޔާލުން ދުރުހެލިވާން ޖެހޭނެއެވެ. އަދި ދުލުން ބުނެވިއްޖެ ނަމަ ތައުބާވެ، އިސްތިޣްފާރު ކުރަން ޖެހޭނެއެވެ. والله أعلم – މަސްދަރު: އިސްލާމް ކިޔު އެންޑް އޭ –
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top