ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ބްރެޑްޕިޓްގެ “އެފް ވަން” ފިލްމަށް 630 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުމާއެކު، އޭގެ ދެވަނަ ބައެއް އުފެއްދުމަށް ތައްޔާރުވަނީ

ފޯމިއުލާ ވަން ރޭސިންގްއަށް ބިނާކޮށް އުފެއްދި ކާމިޔާބު ފިލްމު “އެފް ވަން (F1)” އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއަށްފަހު، އެ ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަން ޕްރޮޑިއުސަރު ޖެރީ ބްރުކްހައިމާ ކަށަވަރުކޮށްދީފިއެވެ.

2025 ވަނަ އަހަރުގެ ޖޫން މަހު ރިލީޒްކުރި މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 630 މިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ލިބިފައިވާއިރު، މިއާއެކު ފިލްމުގެ ސީކުއަލްއެއް ނުވަތަ ދެވަނަ ބައެއް އަންނާނެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. މިކަން ކަށަވަރުކޮށްދެމުން ބްރުކްހައިމާ މީޑިއާއަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، “އަޅުގަނޑުމެން މިހާރު ދަނީ ފިލްމުގެ ދެވަނަ ބައެއްގެ މަސައްކަތް ކުރަމުން،” ކަމަށެވެ.

ލޮސް އެންޖެލިސްގައި ބޭއްވުނު އެކަޑަމީ އެވޯޑްސް ލަންޗަންއެއްގައި ވާހަކަދައްކަމުން ބްރުކްހައިމާ ވަނީ މި ފިލްމު އުފެއްދުމަށް ކުރަންޖެހުނު ދިގު ދަތުރަށް އަލިއަޅުވާލާފައެވެ. “މި ފިލްމު ނިންމުމަކީ ވަރަށް ދިގު ދަތުރެއް. މަސައްކަތް ހުއްޓާލަން ޖެހުނު ހަޅުތާލުތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެންމެ ފަހުން މި ފިލްމު މިވަނީ މުޅި ދުނިޔޭގެ ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައި،” އޭނާ ބުންޏެވެ. އަދި ބްރެޑްޕިޓާއެކު މަސައްކަތް ކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މި ފިލްމުގައި ބްރެޑްޕިޓް ފެނިގެންދަނީ ސޮނީ ހޭސް ނަމަކަށް ކިޔާ ދުވަސްވީ ކާރު ދުއްވުންތެރިއެއްގެ ރޯލުންނެވެ. އޭނާ އަލުން އެނބުރި ރޭސިންގް މައިދާނަށް އަންނަނީ، އޭނާގެ ކުރީގެ ޓީމު މޭޓް ރޫބެން ސާވެންޓޭސް (ހަވިއޭ ބާޑެމް) ހިންގާ އަދި ނާކާމިޔާބީއާ ކުރިމަތިލަމުންދާ “APXGP” ޓީމަށް އެހީތެރިވުމަށެވެ. ފިލްމުގައި ހޭސްއާއެކު ފެނިގެންދަނީ އާ ކާރު ދުއްވުންތެރިއެއް ކަމަށްވާ ޖޯޝުއާ ޕިއާސް (ޑަމްސަން އިދްރިސް) އެވެ. މި ދެމީހުން މަސައްކަތް ކުރަނީ ސީޒަނުގެ ފަހު ނުވަ ރޭހުގެ ތެރެއިން ރޭހަކުން މޮޅުވުމަށެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ފޯމިއުލާ ވަންގެ އަސްލު ރޭސްތައް ބޭއްވޭ ހަފުތާ ބަންދުތަކުގައެވެ. އަދި 2023 އަދި 2024 ވަނަ އަހަރުގެ ސީޒަނުގައި ވާދަކުރި މަޝްހޫރު ބައެއް ރޭސިންގް ޑްރައިވަރުންވެސް ފިލްމުގެ ކުދި ރޯލުތަކުން ފެނިގެންދެއެވެ. މީގެ އިތުރުން، ދުނިޔޭގެ ހަތް ފަހަރުގެ ޗެމްޕިއަން ލުވިސް ހެމިލްޓަން އަކީ މި ފިލްމުގެ އެގްޒެކެޓިވް ޕްރޮޑިއުސަރެކެވެ.

ފިލްމުގެ ޑައިރެކްޓަރު ކޮސިންސްކީ ބުނި ގޮތުގައި، މިހާރު ކުރިއަށްދަނީ ސޮނީ ހޭސް އާއި APXGP ޓީމުގެ ކުރިމަގު ދެން ބައްޓަންވާނެ ގޮތެއްގެ ތަސައްވަރު ކުރެހުމުގެ މަސައްކަތެވެ. “މި ފިލްމަށް މުޅި ދުނިޔެއިން ލިބުނު ތަރުހީބަށް ބަލާއިރު، މިއީ ބެލުންތެރިން ބޭނުންވާ ކަމެއްކަން އެނގޭ. މި ފިލްމު އުފެއްދުމުގައި ލިބުނު އުފާވެރިކަމާއެކު، ދެވަނަ ބައެއްގެ މަސައްކަތަށް އެނބުރި ދިއުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް،” އޭނާ ބުންޏެވެ.

މި ފިލްމުގެ ދެވަނަ ބައި ރިލީޒްކުރާނެ ތާރީޚެއް ނުވަތަ ފިލްމުން ފެނިގެންދާނެ ތަރިންގެ ތަފްސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top