ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
މަދޫގެ ރޯލު ފުރަތަމަ ހުށަހެޅީ ޕްރީތީއަކަށް ނޫން

ހިންދީ ފިލްމު “ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ” ބެލިން ހެއްޔެވެ؟ އެ ފިލްމުގެ މަތިން ހަނދާން އެބަހުރި ދޯއެވެ. ހިތްގައިމު ލަވަތަކެއް ހިމެނޭ މި ފިލްމަށް މިއަދަށް 25 އަހަރު ފުރުނީއެވެ. ދަރިއަކު ނުލިބިގެން އުޅޭ ދެމަފިރިޔަކު ދަރިއަކު ހޯދުމަށްޓަކައި ހަށިވިއްކާ އަންހެނެއް ސަރޮގޭޓް މަންމައެއް ގޮތުގައި ހޯދާ މި ފިލްމުގެ ތަރިންނަކީ ސަލްމާން ޚާން، ރާނީ މުކަރްޖީ އަދި ޕްރީތީ ޒިންތާއެވެ.

ނަމަވެސް އެނގޭ ހެއްޔެވެ؟ މި ފިލްމަކީވެސް ތަރިން ބަދަލުވެފައިވާ ފިލްމެކެވެ. ސަލްމާން ޚާންއަކީ އެންމެ ފުރަތަމަ ހޮވުމަށް ވިޔަސް ލީޑް ދެ އަންހެން ތަރިންނަކީ ފުރަތަމަ ހޮވުމެއް ނޫނެވެ.

މަދޫބާލާ ނުވަތަ މަދޫގެ ރޯލު ފުރަތަމަ ހުށަހެޅީ ކަރީނާ ކަޕޫރަށް

ފިލްމުގައި ޕްރީތީ ޒިންތާ ކުޅުނު މަދޫގެ ރޯލު ފުރަތަމަ ހުށަހެޅީ ކަރީނާ ކަޕޫރަށެވެ. އޭނާ ފިލްމު ޝޫޓްވެސް ކުރިއެވެ. ނަމަވެސް 24 ދުވަހުގެ ޝޫޓިންއަށްފަހު އޭނާ ފިލްމުން ވަކިވި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. ދެން އެ ރޯލު ސުޝްމީތާ ސެން، އައިޝްވާރިޔާ ރާއީ، ބިޕާޝާ ބާސޫ އަދި އަމީޝާ ޕަޓޭލްއަށް ހުށަހެޅިއެވެ. ނަމަވެސް އެ ހުރިހާ ތަރިންވެސް އެ ރޯލަށް ނޫނެކޭ ބުނެފައެވެ. އަމީޝާ “ކަހޯ ނާ ޕިޔާރް ހޭ” ކުޅެންވެގެން ފިލްމަށް ނޫނެކޭ ބުނިއިރު އެހެން ތަރިން މި ފިލްމަށް ނޫނެކޭ ބުނި ސަބަބު ހާމަކޮށްފައެއް ނުވެއެވެ. ޕްރީތީއަށް އެ ރޯލު ލިބުނީ ދެނެވެ.

ޕްރިޔާގެ ރޯލު ޝިލްޕާއަށް

ފިލްމުގައި ރާނީ މުކަރްޖީ ކުޅުނު ޕްރިޔާގެ ރޯލު ފުރަތަމަ ހުށަހެޅީ ޝިލްޕާ ޝެޓީއަށެވެ. ދެން އީޝާ ޑިއޯލްއަށެވެ. ނަމަވެސް އެ ތަރިންވެސް ފިލްމަށް ނޫނެކޭ ބުނުމުން ދެން ހުށަހެޅީ ރާނީއަށެވެ.

އައްބާސް-މުސްތާންގެ ތަފާތު ފުރަތަމަ ފިލްމު

މިއީ ބޮލީވުޑްގެ މަޝްހޫރު ދެ ޑައިރެކްޓަރުން ކަމަށްވާ އައްބާސް-މުސްތާންގެ ތަފާތު ފިލްމެއް ފެނުނު ފުރަތަމަ ފަހަރެވެ. މުޅިންވެސް ވަރުގަދަ އެކްޝަން ފިލްމުތަކާއި ތުރިލާ ފިލްމުތައް އުފައްދަމުން އައި އައްބާސް-މުސްތާންގެ މި ފިލްމަކީ ރޮމޭންޓިކް ޑްރާމާ ފިލްމެކެވެ. އެމީހުންގެ އެހެން ފިލްމުތަކެކޭ އެއްފަދައިން މި ފިލްމަކީވެސް ބޮކްސް އޮފީހުގައި ކާމިޔާބު ފިލްމެކެވެ.

އައްބާސް-މުސްތާންއާ ސަލްމާންގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ފިލްމު

މިއީ ސަލްމާން އައްބާސް-މުސްތާންގެ ޑައިރެކްޝަނެއްގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ. 1993 ގައި ގެނެސްދިން “ބާޒީގަރް” ގެ ފުރަތަމަ ހޮވުމަކީ ސަލްމާން ނަމަވެސް އޭނާ އެ ފިލްމަށް ނޫނެކޭ ބުނުމުން އެމީހުންގެ އެއްވެސް ފިލްމެއް އޭނާއަށް ހުށަހަޅާފައެއް ނުވެއެވެ. މި ފިލްމުގެ މަސައްކަތް އެމީހުން ކުރީ އޭގެ 7 އަހަރު ފަހުންނެވެ.

ފިލްމު ރިލީޒްކުރުން ހުއްޓުވި

މި ފިލްމަކީ 2000 ވަނަ އަހަރު ރިލީޒްކުރަން ތާވަލްކުރި ފިލްމެކެވެ. ނަމަވެސް ޕްރޮޑިއުސަރު ނާޒިމް ރިޒްވީ ހައްޔަރުކުރުމާއި ފިލްމަށް ޚަރަދުކުރި ބަރަތު ޝާހް ހައްޔަރުކުރުމާއި ގުޅިގެން ފިލްމު ރިލީޒްކުރުން ލަސްވީއެވެ. އެ ދެމީހުންވެސް ހައްޔަރުކުރީ އިންޑިއާގެ އަންޑަވާރލްޑް ކުށްވެރިއެއް ކަމަށްވާ ޗޯޓާ ޝަކީލް އަތުން ފައިސާ ހޯދައިގެން ފިލްމު އުފެއްދިކަމަށް ބުނެއެވެ. ނަމަވެސް ތިން މަސް ދުވަހަށްފަހު ފިލްމު އެޅުވުމުގެ ހުއްދަ ލިބުނީ ފުލުހުންނަށް ފިލްމުގެ ޚާއްސަ ސްކްރީނިންއެއް ބޭއްވުމަށް ފަހުއެވެ.

ޖޫހީ ޗާވްލާ ވެސް މި ފިލްމަށް ބުނީ ނޫނެކޭ

ޖޫހީ ޗާވްލާ އަށް މި ފިލްމުގައި ހިމެނޭ “މެހެންދީ” ލަވަ ކުޅުމަށް ހުށަހެޅިއެވެ. ނަމަވެސް ޖޫހީ ޗާވްލާ ވަނީ ނޫނެކޭ ބުނެފައެވެ. ސަބަބު ހާމަކޮށްފައެއް ނުވެއެވެ. ފަހުން އެ ލަވައިން ފެނިގެންދިޔައީ ދީޕްތީ ބަޓްނާގަރްއެވެ.

ފިލްމުގެ ލަވަތައް

އަނޫ މަލިކްގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ މި ލަވަތަކަކީ އެ އަހަރުގެ އެންމެ މަޝްހޫރު ލަވަތަކެވެ. އުދިތު ނާރަޔަން، އަލްކާ ޔަގްނިކް، ބާބުލް ސުޕްރިޔޯ، ސޯނޫ ނިގަމް، ޖޭސްޕިންދަރް ނަރޫލާ، އަނޫ މަލިކް އަދި އަނައިދާގެ އަޑުން ލަވަތައް އިވިގެން ދިޔައިރު ލަވަތަކުގެ ލިރިކްސް ލިޔެފައިވަނީ ސަމީރްއެވެ.

ގިނަ ލަވަތައް މަޝްހޫރުވެފައިވާއިރު އެންމެ މަޝްހޫރުވީ ބާބުލް ސުޕްރިޔޯއާއި އަލްކާ ޔަގްނިކްގެ އަޑުން އިވިގެންދިޔަ “ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ” އެވެ.

ފިލްމުގެ ވާހަކައިގެ ސަބަބުންނާއި ޕްރޮޑިއުސަރުންގެ ހައްޔަރާއެކު ވަރަށް ބޮޑަށް ކޮންޓްރޮވާޝަލްވި “ޗޯރީ ޗޯރީ ޗުޕްކޭ ޗުޕްކޭ” އަކީ 2001 ވަނަ އަހަރު ނުކުތް ސަލްމާން ޚާންގެ ހަމައެކަނި ފިލްމެވެ. ރާނީ މުކަރްޖީއާއެކު ފުލުފުލުގައި ނުކުންނަމުން ދިޔަ ފިލްމުތަކުގެ ތެރެއިން އެއް ފިލްމެކެވެ. ސަލްމާން، ޕްރީތީ އަދި ރާނީ ވަނީ 2000 ވަނަ އަހަރުގެ “ހަރް ދިލް ޖޯ ޕިޔާރް ކަރޭގާ” ގައި އެއްކޮށް ހަރަކާތްތެރިވެފައެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި “އެވަރެޖް” އެއްގެ ދަރަޖަ ލިބުނުއިރު މި ފިލްމަށް ބޮކްސް އޮފީހުގައި ލިބުނީ “ސެމީ ހިޓް” އެއްގެ ދަރަޖައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top