ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ތަރާވީސް ނަމާދުކޮށްލަން އެންމެ އަވަހަށް ނިމޭ މިސްކިތަށް ދިއުން – ސަޅިކަމެއް ނޫން!

ބަރަކާތްތެރި ރަމަޟާން މަހަކީ މާތް ﷲ ގެ ހަޟްރަތަށް ކުއްތަންވެ، ގިނަގިނައިން ހެޔޮ އަމަލުތައް ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މި މަހުގެ ރޭތައް އިޙްޔާކުރުމަށްޓަކައި މުސްލިމުން ކުރާ އެންމެ މުހިންމު އެއް އަޅުކަމަކީ ތަރާވީސް ނަމާދެވެ. ނަމަވެސް، ފަހަކަށް އައިސް އަޅުގަނޑުމެންގެ މުޖުތަމައުން ފެންނަމުންދާ އެންމެ ހިތާމަވެރި އެއް މަންޒަރަކީ، ނަމާދުގެ ފެންވަރަށްވުރެ ބޮޑަށް، ނަމާދު ނިމޭ އަވަސްމިނަށް އިސްކަންދޭ މަންޒަރެވެ.

ޚާއްޞަކޮށް، އަދުގެ ޒުވާނުންގެ މެދުގައި މިކަން ވަނީ ވަރަށް ބޮޑު އާދަޔަކަށް ވެފައެވެ. ރޭގަނޑުގެ ކެއުމަށްފަހު، އެކުވެރިންނާއެކު ތަރާވީހަށް ދާން ތައްޔާރުވާއިރު އެންމެ ބޮޑަށް މަޝްވަރާ ކުރެވެނީ “އެންމެ އަވަހަށް ނިންމާލާނީ ކޮން މިސްކިތަކުންތޯ؟” އެވެ. ބައެއް ފަހަރު ސޯޝަލް މީޑިއާގެ ގްރޫޕްތަކުގައި ވެސް އެންމެ އަވަހަށް ނަމާދު ނިމޭ މިސްކިތްތަކުގެ ލިސްޓުތައް ދައުރުވާތަން ފެނެއެވެ. މިއީ “ސަޅި” ކަމެއްގެ ގޮތުގައި ބައެއް ޒުވާނުން ދެކުނަސް، މިއީ ހަގީގަތުގައި ދީނީ ގޮތުންނާއި އަޚްލާގީ ގޮތުން ބަލާއިރު ވަރަށް ދެރަ ކަމެކެވެ.

ނަމާދަކީ ކުޅިވަރެއް ނޫނެވެ. އެއީ މާތް ﷲ ގެ ޙަޟްރަތަށް ކުއްތަންވެ، މަޑުމޮޅިކަމާއެކު ހުރެ، އެކަލާނގެ ކިބައިން ފުއްސެވުމާއި ރަޙުމަތަށް އެދި ކުރެވޭ މުނާޖާއެކެވެ. ނަމާދުގައި އޮންނަންޖެހޭ “ޚުޝޫޢަތްތެރިކަން” ނުވަތަ ހިތުގެ ހަމަޖެހުން ގެއްލޭ ފަދަ ގޮތަކަށް، ދުވެފައި ގޮސް ނިންމާލާ ނަމާދަކުން ލިބޭނެ ހަގީގީ ފައިދާއެއް ނެތެވެ. އިމާމް މީހާ ކިޔަވާ އާޔަތްތަކާމެދު ފިކުރުކޮށްލުމެއް، ރުކޫޢު އާއި ސަޖިދައިގައި ކުޑަވެސް މަޑުކޮށްލުމެއް ނެތި ކުރާ ނަމާދަކީ ހަމައެކަނި ހަށިގަނޑަށް ޖައްސާ ކަސްރަތަކަށް ވެގެން ހިނގައިދާނެއެވެ.

ޒުވާނުން ގަބޫލުކުރަންޖެހޭ ހަގީގަތަކީ، އަޅުކަމުގެ އަގު ވަޒަންކުރެވެނީ އެކަމަށް ހޭދަކުރާ ވަގުތާއި، އެކަމެއްގައި ހުންނަ އިޚްލާޞްތެރިކަމުގެ މައްޗަށެވެ. އަވަހަށް ނަމާދު ނިންމާލާފައި ކޮފީތަކަށާއި ކުޅިވަރުތަކަށް ދިއުމަށްޓަކައި ނަމާދު “އަވަސްކޮށްލުމަކީ” ނަމާދަށް ދެވޭ އިހުތިރާމެއް ނޫނެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ރަމަޟާން މަހުގެ ހަގީގީ ރޫޙާނީ ފައިދާ އަޅުގަނޑުމެންނަށް ނުލިބި ހިނގައިދެއެވެ.

ޒުވާނުން ވިސްނާލާށެވެ. ފުޓްބޯޅަ މެޗެއް ބަލަން ނުވަތަ ކުޅެން ހަމަ ގައިމުވެސް 90 މިނެޓަށް ވުރެން ގިނަ ވަގުތު އެބަ ހޭދަކުރަމުއެވެ. ވީއިރު، އަހަރަކު އެއްފަހަރު އަންނަ މި ރަމަޟާންމަހު އޮންނަ އެންމެ ބޮޑު ރޭ އަޅުކަމަށް ހަމަ އެންމެ ގަޑިއެއްހާއިރު ހުސްކޮށްލުން ކީއްތޯއެވެ؟

ތަރާވީސް ނަމާދަށާއި ދަމުނަމާދަށް ދާއިރު އަވަހަށް ނިމޭ މިސްކިތް ހޯދުމުގެ ބަދަލުގައި، އިމާމް މީހާގެ ކިޔެވުން ރީތި، ހަމަޖެހިލައިގެން ނަމާދުކޮށްލެވޭނެ މިސްކިތެއް އިޚްތިޔާރުކުރުން މާ ބުއްދިވެރިއެވެ. ރަމަޟާން މަހުގެ ބާއްޖަވެރިކަން ލިބޭނީ ނަމާދުގެ ފުރިހަމަ ގޮތުގައި ހިތް މަޑުމޮޅިކޮށްގެންނެވެ. އަވަސް އަރުވާލައިގެން ނަމާދު ނިންމާލުމަކީ ދީނީ ގޮތުންނާއި ދުނިޔަވީ ގޮތުން ވެސް އެއްވެސް “ސަޅި” ކަމެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަ ނަފްސަށް ހެދޭ މަކަރެކެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top