ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
އަނދިރީގެ ތެރޭން – ފުރަތަމަ ބައި (މިނީ ސީރީޒް)

ދަރިއަކު ލިބުނީ އެކަމަށް އެދި މަސައްކަތްކުރާތާ ފަސް އަހަރު ވީފަހުންނެވެ. އޭރު އަލަތު ކައިވެންޏަށް ހަތް އަހަރު ވަނީއެވެ. ދަރިއަކު ހޯދުމަށްޓަކައި އޭރު ނުކުރާކަމެއް ނޯންނާނެއޭ ބުނާވަރަށް ކަންކަން ކުރީމެވެ. ދިވެހިބޭހާއި ބިދޭސީބޭހެވެ. އެތައް ގައުމަކަށް ގޮސް އެތައް ޑޮކްޓަރުންނަށް ދެއްކީމެވެ. އެފަދަ ކަމަކާއި ގުޅިގެން ކިރިޔާ ވެސް މަޢުލޫމާތެއް ދެވޭނެފަދަ މީހެއް އެނގޭއިރަށް އެމީހަކާއި ބައްދަލުކުރީމެވެ.

ގޭތެރެއަށް ވެރިވެފައިވަނީ ހަލަބޮލިކަމެވެ. ސިޓިންގްރޫމްތެރެ ވަނީ ކުޑަކުދިންގެ އަޑުން ގުގުމާލާފައެވެ. ތަނުގެ ޒީނަތްތެރިކަމާއި އެއްވަރަށް ރަހަތައް ވެސް ރަނގަޅެވެ. ވަސްމީރުވެފައި ބާވަތްތައް ވެސް ގިނައެވެ.

އުފަންދުވަސް ފާހަގަކުރާތީ ދަރިފުޅު މައިހާ ހުރީ ނުހަނު އުފަލުންނެވެ. ކުލާސް ކުދިންނާއި ދިމާވުމުން އެވާހަކަތައް ދައްކައި ވަރަށް ހީ އުޅުނެވެ. އެދުވަހަށް މައިހާ އިންތިޒާރުކުރާތާ އޭރު އެތައް ދުވަހެއް ވެއްޖެއެވެ.

އިރުގެ ދައުރުވުން އޮއްސުމާއި ދިމާއަށް ދަތުރުކުރަމުން ދިޔައިރު، މޫސުމަށް ބޮޑު ބަދަލެއް އަންނަން އުޅޭ ކަމުގެ ނިޝާންތައް ފާޅުވަމުންދިޔައެވެ. ވައިބާރުވަމުން ދިޔައިރު، ކަނޑުގެ ލޮނުގަނޑު އުސްވެ ރާޅުތައް ބޮޑުވަމުން ދިޔައެވެ.

ކޭކު ފެޅުމަށް ހަމަޖެހިފައިއޮތީ ފަސްގަޑި ފަންސަވީހުގައެވެ. އެއީ މައިހާ ދުނިޔެއަށް ނޭވާލީ ގަޑިއެވެ.

“ކޮބާ މައިހާ! ދަރިފުޅެއް ނެތް.” ކުއްލިއަކަށް އިވުނީ ބިޝާރާގެ އަޑެވެ.

ޒިނާން ދިޔައީ ތެޅިގަނެގެންނެވެ. މައިހާއަށް ގޮވަމުން ސިޓިންގްރޫމާއިއެކު ގޭތެރެ ހޯދިއެވެ. އެއިން އެއްވެސް ތާކުން މައިހާ ފެންނަން ނެތުމުން ބޭރަށް ނުކުމެ މަގުމަތި ވެސް ބެލިއެވެ. އެހިސާބަކުން ވެސް ނުފެނުނެވެ.

މައިހާ އެންމެގިނައިން ނުކުމެއުޅޭ ތަނަކީ ގެއާއި ދިމާއިން އަތިރިމައްޗެވެ. އެތަނުގައިވާ ބޮޑެތި ދިއްގާ ގަސްތަކާއި ހިރުނދުގަސްތައް އެކުލެވިގެން އުފެދިފައިވާ ހިޔަލަކީ އޭނާގެ ހިތްހަމަ ޖެހުމެވެ. މުޅިހިސާބަށް ފެތުރިފައިވާ ދޮންވެލީގެ މުއްސަނދިކަން ތަނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. އެހިސާބުގައި ހުންނަ ހޮޅުއަށި ކައިރީ ވެސް ބައެއް ފަހަރު ހުންނާނެއެވެ. އެހެން ތަނަކަށް އޭނާ އެކަނި ނުދާނެއެވެ. ކިތަންމެ އިރަކު ވެސް އެތަނުގައި އޭނާ އެކަނި އުޅެފާނެއެވެ. މޫދު ކައިރިއަކަށް ނުދާނެއެވެ.

ޒިނާން ދުވެފައި ގޮސް އަތިރިމަތި ބެލިއެވެ. މައިހާއަށް ގޮވަމުން ގަސްތަކުތެރެ ހޯދިއެވެ. މޫދާއި ދިމާއަށް ގޮސްފައިވާ ވޭތޯ ގޮނޑުދޮށް ވެސް ބެލިއެވެ. މައިހާއެއް ނުފެނުނެވެ. ފިޔަވަޅެއް ވެސް ފާހަގައެއް ނުވިއެވެ.

މައިހާ ހޯދުމުގެ މަސައްކަތް ފެށުނެވެ. ދެމަފިރިންގެ ޢާއިލާ މީހުނާއި ރައްޓެހިން ބައިވެރިވިއެވެ. އެއްބަޔަކު މޫދަށް އެރުނުއިރު އަނެއް ބަޔަކު ރަށުތެރެ އާއި ގޯތިތަކުތެރެ ބެލިއެވެ. ޚަބަރު ލިބުނު ކޮންމެ މީހަކު އެކަމުގައި ބައިވެރިވިއެވެ. ރައްޔިތުންގެ އެހީއަށް ކައުންސިލުން ގޮވާލުމާއިއެކު ރައްޔިތުން ދުވެފައި ކަހަލަ ގޮތަކަށް ނުކުތެވެ.

އިރުއޮއްސޭން ކައިރިވެފައި ހުއްޓައި ރަށުގެ ފުއްޓަރުފަރާތު އަތިރިއާދިމާއަށް މައިހާ އެކަނި ދަނިކޮށް ފެނުނު ވާހަކައެއް ފެންމަތިވިއެވެ. އެއްބަޔަކު އެދިމާއަށް ދުއްވައިގަތެވެ. އެދިމާ ގޮނޑުދޮށުން ފެނުނުކަމަށް ބުނާ ފިޔަވަޅުތަކާއިމެދު ސުވާލު އުފެދުނެވެ. އެއީ ކުޑަކުއްޖެއްގެ ފިޔަވަޅުކަމަށް އެއްބަޔަކު ބުނާއިރު އަނެއް ބަޔަކު ބުނަނީ އެއީ ހީއެއް ކަމަށެވެ. ކުޑަކުއްޖެއްގެ ފިޔަވަޅު އެހެން ނުހުންނާނެ ކަމަށެވެ.

ރަށް ކައިރީ އޮތް ދެ ރިޒޯޓްގެ އެހީތެރިކަން ވަރަށް ފަސޭހައިން ލިބުނެވެ. ޒަމާނީ ވަސީލަތްތަކާއިއެކު އައި ޑައިވަރުން އެމީހުންގެ މަސައްކަތް ފެށިއެވެ. މޫސުމް ހުރި ގޮތުންނާއި ކަނޑާއި ފަޅުތެރެ ގަދަކަމުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެވެ. ކުޑަކުޑަ ފުރާނައެއް ސަލާމަތްކުރުމަށްޓަކައި ކިތަންމެ ބޮޑު ގުރުބާނެއް ވާން ޖެހުނަސް އެމީހުން ތިބީ އެކަން ކުރާގޮތަށެވެ.

މައިހާ މޫދުގައި ވީނަމަ، ވަޔާއި ރާޅު އަދި އޮއިވަރު ހުރިގޮތަށް ބަލާއިރު އޭނާ ލައްވާނީ ރަށުގެ ގޮނޑުދޮށަށްކަން އެންމެނަށް ވެސް ޔަގީނެވެ. މޫދަށް ފޭބި ޑައިވަރުން ވެސް ދިނީ އެޔަގީންކަމެވެ.

ގަދަ ވަޔާއިއެކު ވިދާ ގުގުރައި ވާރޭ ވެހިގަތީ އިރުއޮއްސުނު ވަގުތުއެވެ. އިތުރު އުނދަގުލެއް ކުރިމަތިވި ނަމަވެސް ރައްޔިތުން ތިބީ ފަހަތަށް ޖެހޭގޮތަކަށް ނޫނެވެ.

ޚަބަރުހުސްވެގެން ސިއްހީމަރުކަޒަށް ގެންދިޔަ ބިޝާރާގެ ކަންކަމާއިގެން އުޅުނީ އޭނާގެ މަންމަ އާއި މައިދައިތަ އެވެ. އެމީހުންގެ ލޮލުން ވެސް ކަރުނަ ނުހިކެއެވެ. އެކަކު އަނެކަކަށް ހިތްވަރާއި ނަސޭހަތް ދެމުން ހެޔޮދުޢާ ކުރަމުން، އެމީހުންގެ މަސައްކަތާއިގެން އުޅެމުން ދިޔައެވެ.

ކުރަމުންދިޔަ ވިއްސާރައާއިއެކު ވަގުތުގެ ދައުރުވުން މަޑުޖެހުމެއްނެތި ކުރިޔަށް ދިޔައެވެ. ވަރުބަލިކަމެއް، ހުއްޓުމެއްނެތި  ރަށްޔިތުން ސާބިތުކަމާއިއެކު ތިއްބެވެ.

ކަމަކާއިގެން މާބޮޑަށް އުޅެން ޖެހިއްޖެނަމަ، މާބޮޑަށް ބޯގޮވައިފިނަމަ ގޯސްހެދޭ ފަހަރު ވެސް އަންނަނީ މަދެއްކޮށެއް ނޫނެވެ. ބިޝާރާ އާއި ޒިނާނަށް ވެސް އަންގާނުލައި، ބިޝާރާގެ ޢާއިލާ ބަޔަކު އިންޑިޔާގައި ތިބި ބަޔަކު މެދުވެރިކޮށް ފާލުބެލިއެވެ. އެކަމުގައި އިސްކޮށްހުރީ ބިޝާރާގެ ބައްޕައެވެ.

މައިހާ މަރެއް ނުވެއެވެ. އޭނާ ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުއްޓެވެ. އަދި އޭނާ ފެންނާނެއެވެ. އޭނާ މިހާރު ހުރީ ކައިރީގައިވާ ފަޅުރަށުގައެވެ. އިރުކޮޅަކުން އެހެން ރަށަކަށް ވެސް ހިނގައިދާނެއެވެ.

ކުއްލިއަކަށް ފެތުރުނު އެވާހަކަ އެއް ބަޔަކު ގަބޫލުކުރިއިރު، އެކަމާއި ދެކޮޅަށް ވާހަކަ ދެއްކި މީހުން މާގިނައެވެ.

އެދުވަހު ހަވީރުވީ ފަހުން ރަށުން އެއްވެސް އުޅަނދެއް ނުފުރައެވެ. އެއްވެސް އުޅަނދެއް ރަށަށް ނުވެސް އާދެއެވެ.

މެންދަމުން އަލިވެ ދޭއްޖަހަންވީރު ދެވަނަ ފަހަރަށް މުޅިރަށް އެކުގައި ބަލައިފިއެވެ. ފަޅުތެރެއާއި ފަޅުގެ ބޭރުކައިރި ވެސް ތިން ފަހަރަށް ޗެކުކޮށްފިއެވެ.

މައިހާއެއް ނުފެނުނެވެ. އޭނާއާ ގުޅުންހުރި ނިޝާނެއް ވެސް ނުފެނުނެވެ.

ކައިރީގައިވާ ރަށްތަކާއި ދެ ފަޅުރަށް ވެސް އެކުގައި ބެލިއެވެ.

މައިހާ ހޯދުމުގެ މަސައްކަތް ހުއްޓާލީ ދެދުވަސްވާން ދެން މަސައްކަތް ކުރުމަށްފަހު ކާމިޔާބެއް ކުރިއެރުމެއް ނުލިބިގެންނެވެ.

އުމުރުން ސާޅީހަކަށް އަހަރުގެ ރާބިޔާއަކީ މޮޔައެކެވެ. ބައެއް މީހުން ބުނާގޮތުން އޭނާ ހުރީ ޖިންނި އަވަލާފައެވެ. އޭނާއަށް ކުރިމަތިވެފައިވަނީ ނަފްސާނީ މައްސަލައެއްކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އެކަމަށްޓަކައި އޭނާއަށް ބޭސްކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބެއެވެ.

ޢާއިލާ މީހުންނާއި ވަކިން އެކަނިމާއެކަނި އުޅޭ ރާބިޔާގެ ފިރިއެއް ދަރިއެއް ނުހުރެއެވެ. ކައިވެންޏާއިމެދު އޭނާ ކުރި އުންމީދުތައް ވިއްސިވިހާލިވީ ޒުވާން އުމުރުގައި އޭނާއަށް ދިމާވި އެކަންތައްގަނޑެވެ.

ދުވަހުގެ ހަވީރު ވަގުތެވެ.

ރާބިޔާ އާއި ޒިނާން ދިމާވީ ފުއްޓަރުފަރާތު އަތިރިއާ ކައިރިންނެވެ.

“ޒިނާން! … ޒިނާން!” ޒިނާން ފެނުމާއިއެކު ރާބިޔާ ގޮވަން ފެށިއެވެ. އަދި ވަރަށް އަވަހަށް ޒިނާނާއި ދިމާއަށް އައެވެ.

“ޒިނާންގެ ދަރިފުޅު މަރެއް ނުވޭ. ގަދަވެ ސަލާމަތުން ދުނިޔޭގައި އޭނާ އެބަހުރި …. އެކަމު …. އެކަމު … އަސްލު އެއީ ކަލޭގެ ދަރިއެއް ނޫން.” ވަށައިގެން ހޯދާލަމުން ރާބިޔާ ވާހަކަދެއްކިއެވެ.

އެވާހަކަތައް އަޑުއިވިފައި ޒިނާން އައީ ހިންޏެވެ. އޭނާ ދައްކާނީ އެފަދަ ތާކުންތާކު ނުޖެހޭ ވާހަކަތަކެއްކަން މާކުރިން ވެސް ޒިނާނަށް އެނގެއެވެ. އެހެންވެ އޭނާ އެކަމަށް ސަމާލުކަމެއް ނުދެއެވެ.

ރާބިޔާއަށް މާބޮޑު ސަމާލުކަމެއް ނުދީ ޒިނާން ހިނގައިގަތެވެ.

“އޭރުވެސް އެނގޭ އަހަރެން ދައްކާ ވާހަކަ ގަބޫލުނުކުރާނެކަން. އެކަމު …. ނިކަން ހަނދާންކޮށްލަބަލަ …. މައިހާ ގެއްލުނުރޭ މީހަކު ކަލެއާ ދިމާއަށް ކިޔާލި އެއްޗިސް. މައިހާ ގެއްލިގެން އޭނާ އެހާވަރެއް ވާން ޖެހޭތަ؟” ހިތްހަމަ ނުޖެހުމާއިއެކު ޒިނާނަށް ފުރަގަސްދެމުން ރާބިޔާ ހިނގައިގަތެވެ.

ހަނދާނުގެ ފަރުދާ މަޑުމަޑުން ކެހުނެވެ. ރާބިޔާ ބުނިހެން ކޮންމެވެސް މީހަކު އެރޭ ވަރަށް ރުޅިއައިސްގެން އޭނާއާ ދިމާއަށް އެއްޗެތި ކިޔެވެ. އެތައް ބަދުނާމެއް ބޮލުގައި އަޅުވައި ހެއްދެވި ނުހެއްދެވިޔަށް ގޮވާލިއިރު، ގެއްލިގެން އުޅެނީ އޭނާގެ ދަރިއެއް ބާއޭ ވެސް ހިތަށް އަރާވަރުކޮށްލިއެވެ. އެއީ ކާކުބާއެވެ.

ހިލްމީ އާއި ދިމާވީ ކޮފީޝޮޕް ކައިރިންނެވެ. ޒިނާނަށްވުރެ ކުރިން އޭނާ ގޮވާލިއެވެ. ކޮންމެވެސް ބޮޑު ވިސްނުމަކަށް ގެއްލިފައި ހުރިހެން ހީވާ ވާހަކަ އާއި ކިހިނެތްވީތޯ ސުވާލުކުރިއެވެ.

ޒިނާނާއި ހިލްމީ ވަނީ ކޮފީޝޮޕަށެވެ. ކޮފީޝޮޕްގެ އޯޕަންބައި އޮތީ ހުސްކޮށެވެ. ގަސްތަކުތެރޭ ހުރި މޭޒުތަކުން މޭޒެއް ކައިރީ އިށީންދެލަމުން ޒިނާން ވާހަކަ ދައްކަން ފެށިއެވެ. ރާބިޔާއާ ދިމާވި ހިސާބުން ފެށިގެން މިހިސާބަށް އަންނަންދެން ކިޔައިދިނެވެ. އެއްކަމެއް ސިއްރު ކުރިޔަސް މައިގަނޑު ހުރިހާ ވާހަކައެއް ބުނެދިނެވެ. އެރޭ އެހާވަރެއް އަރުވާލީ ކާކުކަން ހަނދާންނުވި ވާހަކަ ވެސް ބުންޏެވެ.

“އަލިއްޔު …. އެހެންނު ވާނީ ބިޝާރާގެ ދަރިއެއްވިއްޔަ ގެއްލުނީ.” ހިލްމީ ދިޔައީ ސީދާ ޕޮއިންޓަށެވެ. އެކަމެއް ހިނގީ އެތަނުގައި އޭނާ ވެސް ހުއްޓައެވެ. އެކަން ހުއްޓުވަން މަސައްކަތްކުރި މީހަކީ ވެސް އޭނާއެވެ.

“ބިޝާރާއާހެދި ވަރެއްވެފައި ހުންނަ މީހެއް އެއީ. ކަލޭ އަޑެއް ނާހަންތަ؟ އެދެމީހުނަށް ކައިވެނި ނުކުރެވުނީ ބިޝާރާގެ ބައްޕަ އެއްބަސް ނުވެގެން. ކަލެއާ އިންނަން ބިޝާރާ އެއްބަސްވީ އޭނާގެ މަންމަގެ ބަލިހާލަތު ހުރިގޮތުން މަންމައަށްޓަކާ. މިހާރު އެއިން އެއްވެސްކަމެއް ހަނދާނެއް ނެތްދޯ؟” ހިލްމީ ކިޔައިދިނީ ކަންކަން ހިނގައިދިޔަ ގޮތެވެ.

ހިލްމީ ދެއްކި ވާހަކަތަކާއިއެކު ޒިނާންގެ ހަނދާނަށް ބައެއްކަންކަން އައެވެ. އެކަމާއިމެދު ފުންކޮށް ވިސްނާލެވުނެވެ.

ހިލްމީއާއެކު ވާހަކަދައްކައި ކޮފީއެއް ބޯލަން ސާޅީހަކަށް މިނިޓް ޒިނާން މަޑުކުރިއެވެ.

ގެއާއި ހަމައަށް ޒިނާނަށް ދެވުނުއިރު، އިރުއޮއްސުމާއި ގާތްވެއްޖެއެވެ. ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ ބިޝާރާ އެވެ. ގެއާދިމާ އަތިރިމަތީ ގަސްތަކުދަށު ހޮޅުއަށީގައި އިށީންދެލައިގެން މޫދާއި ދިމާއަށް ބަލަހައްޓައިގެން އިންއިރު ހިތާމައިގެ ތަސްވީރެއް ފަދައެވެ. އެއީ އޭނާގެ މިހާރުގެ އާދައެވެ. އެކަމުން އޭނާ ދުރުކުރުމަށް ޒިނާން ކުރި މަސައްކަތް ހުއްޓާލީ ބިޝާރާ ހިތްހަމަ ނުޖެހުމުންނެވެ.

ޒިނާން ގޮސް ބިޝާރާ ކައިރިއަށް ހުއްޓެމުން ގޮވާލުމާއިއެކު ތެދުވިއެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަމުން ގޮނޑުދޮށާއި ދިމާއަށް ބަލައިލިއެވެ. މަޑުމަޑުން އައިސް ޒިނާންގެ އަތުގައި ހިފަމުން މައިހާ އަދިވެސް ނުފެނޭތޯ އަހާލިއެވެ.

ބިޝާރާ ގެނެސް ގައިގަ ލައްކޮށްލަމުން ބޮލުގައި ފިރުމާލައި އާނއެކޭ ޒިނާން ބުންޏެވެ.

“އަހަރުމެންގެ ދަރިފުޅު އަދި މަރެއް ނުވޭ …. މައިހާ އަދި ފެންނާނެ.” މަޑުމަޑުން ގެއާއި ދިމާއަށް ހިނގައިގަތް ނަމަވެސް ބިޝާރާގެ ނަޒަރު ހުރީ ގޮނޑުދޮށާއި ދިމާއަށެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top