ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އެއާރ ކެނެޑާ ބޯޓެއް އުޅަނދެއްގައި ޖެހި ދެ ޕައިލެޓުން މަރުވެއްޖެ
ލަގާޑިއާ އެއަރޕޯޓުގައި އެއަރ ކެނެޑާގެ މަތިންދާބޯޓެއް ބިމުގައި ދުއްވަމުން ދަނިކޮށް، އެއަރޕޯޓުގައި ބޭނުންކުރާ އެއްގަމު އުޅަނދަކާ މުޑިއަރައި އެކްސިޑެންޓެއް ހިނގައިފިއެވެ. ފޮޓޯ: އެންޖެލާ ވައިސް / އޭ.އެފް.ޕީ، ގެޓީ އިމޭޖަސް މެދުވެރިކޮށް.

ނިއު ޔޯކުގެ ލެގާޑިއާ އެއާޕޯޓުގައި އެއާރ ކެނެޑާ އެކްސްޕްރެސްގެ ފްލައިޓެއް ބިމުގައި އޮތް އުޅަނދެއްގައި ޖެހި ދެ ޕައިލެޓުން މަރުވެ، އެއާޕޯޓު ބަންދުކޮށްފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި ޖެޒް އޭވިއޭޝަނުން އޮޕަރޭޓް ކުރާ ސީއާރުޖޭ-900 މަރުކާގެ ބޯޓު ޖެހުނީ ރަންވޭ މަތީގައި އޮތް ޕޯޓް އޮތޯރިޓީގެ ރެސްކިއު އެންޑް ފަޔާފައިޓިން އުޅަނދެއްގައި ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުންޏެވެ. އެ ފަޔާ ޓްރަކް އެ ސަރަހައްދުގައި އޮތީ ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓަކުން ވަސް ދުވާ މައްސަލައެއް ރިޕޯޓުކުރުމާ ގުޅިގެން އެ ފްލައިޓަށް ރެސްޕޮންޑް ކުރަން ދަނިކޮށް ކަމަށް ނިއު ޔޯކް ޕޯޓް އޮތޯރިޓީގެ އެގްޒެކެޓިވް ޑައިރެކްޓަރު ކެތެރީން ގާސިއާ ވިދާޅުވިއެވެ.

ލައިވް އޭޓީސީ ޑޮޓް ނެޓް އިން އާންމުކުރި އެއާ ޓްރެފިކް ކޮންޓްރޯލް ރެކޯޑިންގައި، ކޮންޓްރޯލަރު ޓްރަކަށް ރަންވޭ 4 ހުރަސްކުރަން ހުއްދަ ދިން އަޑު އިވެއެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން “ސްޓޮޕް، ސްޓޮޕް، ސްޓޮޕް، ސްޓޮޕް ޓްރަކް 1! ސްޓޮޕް، ސްޓޮޕް، ސްޓޮޕް!” ކިޔައި ކޮންޓްރޯލަރު ހުއްޓުވަން މަސައްކަތް ކުރި އަޑު އެ ރެކޯޑިންގުން އިވެއެވެ.

ގާސިއާ ވިދާޅުވި ގޮތުގައި ބޯޓުގެ ދެ ޕައިލެޓުން ވަނީ މަރުވެފައެވެ. އަދި 39 ފަސެންޖަރުންނާއި ޓްރަކުގައި ތިބި ދެ އޮފިސަރުން ހިމެނޭ ގޮތަށް 41 މީހުން ހޮސްޕިޓަލަށް ގެންދެވުނެވެ. ޓްރަކުގައި ތިބި ދެ އޮފިސަރުންގެ ހާލު ސްޓޭބަލް ކަމަށާއި ފުރާނައަށް ނުރައްކާ ނޫން ކަމަށް ގާސިއާ ވިދާޅުވިއެވެ. ޖެޒް އޭވިއޭޝަނުން ބުނީ ބޯޓުގައި 72 ފަސެންޖަރުންނާއި ހަތަރު ކުރޫ މެމްބަރުން ތިބި ކަމަށާއި، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުންދާ ކަމަށެވެ.

ނެޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) ގެ ތަހުގީގު ކުރިއަށް ގެންދިއުމަށް ހޯމަ ދުވަހުގެ މެންދުރު 2 ޖެހެންދެން އެއާޕޯޓު ބަންދުވާނެ ކަމަށް ގާސިއާ ވިދާޅުވިއެވެ.

ފްލައިޓް ރާޑާ 24 ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހު ލެގާޑިއާގެ 271 ފްލައިޓް ކެންސަލް ކުރެވުނެވެ. ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ބުނީ އެފްއޭއޭ އިން ވެސް ތަހުގީގަށް ޓީމެއް ފޮނުވާފައިވާ ކަމަށެވެ. އެއާ ކެނެޑާ އިން ވަނީ ފްލައިޓް އޭސީ8646ގެ ފަސެންޖަރުންގެ އާއިލާތަކަށް ހެލްޕްލައިނެއް ގާއިމުކޮށްފައެވެ.

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top