ހަށިގަނޑުގެ ތެރެއަށް ވަންނަ ނެނޯޕްލާސްޓިކް ބޭރުކުރުމުގައި ކޮރެއާގެ މަޝްހޫރު ކެއުމެއް ކަމަށްވާ ކިމްޗީ އެހީތެރިވެދޭ ކަމަށް ބައޯރިސޯސް ޓެކްނޮލޮޖީގެ މެއި 2026ގެ އަދަދުގައި ޝާއިޢުކުރި ދިރާސާއަކުން ދައްކައިފިއެވެ.
ނެނޯޕްލާސްޓިކަކީ ޢާންމު ބޭނުމުގެ ތަކެތިން އުފެދޭ ކުދިކުދި ޕްލާސްޓިކް އެތިކޮޅުތަކެކެވެ. މި އެތިކޮޅުތައް ކުޑަކަމުން ހަށިގަނޑުގެ ސެލްތަކާއި ޓިޝޫތަކާއި ލޭގެ ތެރެއަށް ވަދެގެންދެއެވެ. އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ބުނާ ގޮތުގައި މި ޕްލާސްޓިކް އެތިކޮޅުތައް އިންސާނުންގެ ހަށިގަނޑަށް ވާސިލުވަނީ “މައިގަނޑު ގޮތެއްގައި ކާބޯތަކެތި ހައްދާ ނުވަތަ ގެންގުޅޭ މާހައުލުގެ ތަޣައްޔަރުކަމުން” ކަމަށެވެ.
ކިމްޗީއަކީ ތަރުކާރީ ފާމެންޓް ކޮށްގެން ތައްޔާރުކުރާ ކެއުމެކެވެ. މި ދިރާސާއިން ހާމަވި ގޮތުގައި ކިމްޗީގައި ހިމެނޭ ލެކްޓިކް އެސިޑް ބެކްޓީރިއާ ގޮހޮރުގެ ތެރޭގައި ނެނޯޕްލާސްޓިކާ ގުޅި، ބޮޑު ސައިޒެއްގައި ބައުލް މޫވްމެންޓް ތެރެއިން ހަށިގަނޑުން ބޭރުވެގެންދެއެވެ.
މީދާ ބޭނުންކޮށްގެން ކުރި ޓެސްޓުތަކުން ދެއްކި ގޮތުގައި ކިމްޗީން ނެގި ލެކްޓިކް އެސިޑް ބެކްޓީރިއާ ދީގެން ގެންގުޅުނު ފިރިހެން އަދި އަންހެން މީދާތަކުގެ ބޮޑުކަމުދާ ތަކެތީގައި ނެނޯޕްލާސްޓިކް ހުރި މިންވަރު ދެ ގުނައަށް ވުރެ އިތުރުވިއެވެ. “މި ނަތީޖާއިން ދައްކާ ގޮތުގައި ޕްރޯބައޯޓިކް ގޮހޮރުގެ ތެރޭގައި ނެނޯޕްލާސްޓިކާ ގުޅުމުގެ ސަބަބުން އެ ތަކެތި ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދޭ” ކަމަށް ފިޒް.އޯގް އިން ރިޕޯޓްކޮށްފައިވެއެވެ. ދިރާސާވެރިން ފާހަގަކުރި ގޮތުގައި ނެނޯޕްލާސްޓިކް ހަށިގަނޑުން ރަނގަޅަށް ބޭރުކުރުމަކީ އިންސާނުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
ކިމްޗީގެ އިތުރުން ބާމިޔާ ފަދަ ކެއުންތަކުންވެސް މައިކްރޯޕްލާސްޓިކް ނައްތާލުމުގެ ޢަލާމާތްތައް ފެނިފައިވެއެވެ. ޓާލްޓަން ސްޓޭޓް ޔުނިވާސިޓީގެ ދިރާސާވެރިން ހޯދި ގޮތުގައި ތަޣައްޔަރުވެފައިވާ ފެނަށް ބާމިޔާ އަދި ފެނުގްރީކް އެޅުމުން އެ ތަކެތި މައިކްރޯޕްލާސްޓިކް އެއްކޮށް ގުޅުވައި، ފެނާ ވަކިކޮށް އަޑިއަށް ފައްތާލައެވެ.
