ދަރާ ރަޝީދު ފިލްމީ ދާއިރާއާ ގުޅުނީ 1981 ވަނަ އަހަރުއެވެ. އެއީ އޭރުގެ ޓީވީ މޯލްޑިވްސްއިން އުފެއްދި ދިވެހި ފިލްމު “ނަތީޖާ” އިންނެވެ. އެއަށްފަހު، އޭނާ ވަނީ މިވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެތަކެއް ލަވަޔަކާއި، ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކާއި ފިލްމުތަކުން ފެނިގެން ގޮސްފައެވެ.
ދިވެހި ފަންނާނުންނާއި މުނިފޫހި ފިލުވުމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ދަރާ ރަޝީދު ގެންދަނީ “މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިން އާޓްސް” (އެމް.އެސް.ޕީ.އޭ) އުފައްދާ ހިންގުމުގައި އިސްދައުރެއް އަދާކުރަމުންނެވެ. އެ ޖަމްއިއްޔާގެ ޗެއާރމަންގެ ހައިސިއްޔަތުން އޭނާ ވަނީ ފަންނާނުންނަށް ބޭނުންވާ ތަމްރީނުތައް ހޯދައިދިނުމަށާއި، ފިލްމީ، މިއުޒިކީ އަދި އާޓްގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްދީ އަދި މިހާރުވެސް ކޮށްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މިއަދު ދަރާ ރަޝީދަކީ ދިވެހި ފިލްމީ ދާއިރާގެ “ލެޖެންޑް” އެކެވެ. އޭނާގެ 45 އަހަރުވީ ދިގު ރާސްތާގައި ދައްކައިދީފައިވަނީ ސާބިތުކަމާއި، ދާއިރާއަށް އޮތް ލޯތްބެވެ. އޭނާގެ މި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް ދައުލަތުން ވަނީ 2025 ވަނަ އަހަރު މުނިފޫހި ފިލުވުމުގެ ދާއިރާއަށް ހިދުމަތް ކޮށްދިނުމުގެ ރޮގުން އާއްމު ހިދުމަތުގެ ޤައުމީ އިނާމް ދެއްވާފައެވެ. މީގެ އިތުރުން ދިވެހި ފިލްމީ ދާއިރާއިން ދެވޭ އެންމެ ޝަރަފުވެރި އެއް އިނާމުކަމަށްވާ ‘ހަޔާތީ އަރުތަ އިނާމު’ (ލައިފްޓައިމް އެޗީވްމެންޓް އެވޯޑް) ވެސް ރަޝީދަށް ވަނީ 2019 ވަނަ އަހަރު ލިބިފައެވެ. ދިވެހި ފިލްމީ ތާރީޚުގައި ދަރާ ރަޝީދުގެ ނަން ލިޔެވިގެންދަނީ ދާއިރާގެ މުހިންމު ތަނބެއްގެ ގޮތުގައެވެ.
ދަރާ ރަޝީދު ގެންދަނީ ދިވެހި ފިލްމާއި މިއުޒިކީ ދާއިރާގެ ހުނަރު ރާއްޖޭންބޭރަށް ތަޢާރަފް ކުރުމުގެ މަސައްކަތް ތަކެއް ކުރަމުންނެވެ، އަދި ދިވެހި ފަންނާނުންނައް އިންޓަނޭޝަނަލް އެވޯޑްސް އާއި ރިކޮގްނިޝަން ހޯދައިދިނުމަށް މަސައްކަތް ތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ދިވެހި ސިނަމާއަށް އައި ބަދަލުތަކާއެކު، އާ ޓެކްނޮލޮޖީއާއި އާ އުކުޅުތަކަށް ފަންނާނުން އަހުލުވެރިކުރުވުމުގައި އޭނާ އިސްދައުރެއް އަދާކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިން އާޓްސް (އެމް.އެސް.ޕީ.އޭ) މެދުވެރިކޮށް އޭނާ ކުރަމުން އަންނަ އެންމެ މުހިންމު އެއް މަސައްކަތަކީ، ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަމާއި އިހުތިރާމް ހޯދައިދިނުމެވެ. ފިލްމީ ފަންނާނުންގެ އަގުވަޒަންކުރުމަށް އެމްއެސްޕީއޭ މެދުވެރިކޮށް ފިލްމު އެވޯޑް ދިނުންވެސް ވަނީ ފަށާފައެވެ. ދާއިރާގައި ހަރަކާތްތެރިވާ ޒުވާން ފަންނާނުންނަށް މަގުދައްކައިދީ، އެކްޓިންގެ ހުނަރުތައް ދަސްކޮށްދިނުމުގައި އޭނާއަކީ އަބަދުވެސް ނަމޫނާ ޝަޚްޞިއްޔަތެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ފިލްމީ ދާއިރާއަކީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫނެވެ. އެއީ ގައުމުގެ ސަގާފަތާއި އާދަކާދަ ދިރުވައި އާލާކުރާ ވަސީލަތެކެވެ.
ޚުލާޞާކޮށް ދަރާ ރަޝީދުގެ ވަނަވަރު
📽️ ވަޒީފާގެ ތަޖުރިބާ އާއި ފަންނީ ދާއިރާގެ ކުރިއެރުން
ފަންނީ ދާއިރާގެ މަސައްކަތް ފެށީ 10 ޑިސެމްބަރ 1980 ގައި ޓީވީ މޯލްޑިވްސްގެ ކެމެރާމަނެއްގެ ގޮތުގައެވެ. އެކްޓިންގް ދާއިރާއަށް ނުކުތީ 1981 ގައެވެ. މިއަދާ ހަމައަށް 35 އަށްވުރެ ގިނަ ފީޗަރ ފިލްމާއި ގިނަ އަދަދެއްގެ ޑްރާމާ ސިލްސިލާތަކުގައި އެކްޓްކޮށްފައިވެއެވެ. މީގެ އިތުރުން 4 ފީޗަރ ފިލްމެއްގެ ހެޑް ކެމެރާމަންކަން ކޮށް، 4 ފީޗަރ ފިލްމާއި 6 ކުރު ފިލްމު ޑައިރެކްޓްކޮށް، އަދި 5 ފީޗަރ ފިލްމު ޕްރޮޑިއުސްކޮށްފައިވެއެވެ.

📽️ އެކްޓްކޮށްފައިވާ ބައެއް ފިލްމުތަކާއި ޑްރާމާ ސިލްސިލާތައް:
މީގެ ތެރޭގައި ލީޑް ރޯލްތަކާއި ސަޕޯޓިންގ ރޯލްތައް ހިމެނެއެވެ.
ބައެއް މަޝްހޫރު ފިލްމުތަކަކީ:
ނަތީޖާ، ސަޒާ، އެއްމެ މަލެއް އެކަނި، ކަނޑު ރޯދި، އޯކިޑް އޭނާގެ މާ، އިޚްތިޔާރު، އިތުބާރު، ފިދާ، ޔޫސުފް އެންޑް ޒައިނަބް، ލޭ ކަރުނަ، ހާސިލް، ވޭނީ ޒަޚަމް، އުދާސް، ޒަލްޒަލާ އެނބުރި އައުން، ޗުއްޓީ، ހީރޯ، ހަޔާތް، ފުރުސަތު، ގިލަން، ޕްރީ ވެޑިންގ ހަނީމޫން، ހަފަރާތް، ހެޕީ ބާތުޑޭ، ޖިންނި، އަދިވެސް ތީ ލޯތްބަށް އިތުބާރު ކުރަން، ހައްދު، ރޭޝަމް، ބަވަތި، 24 ގަޑިއިރު، ބިތުފަންގި، އަނދިރިކަން، ހާލި، ދޯދި، މީ އިޝްޤް، ކަމަނާ، ހަޔާތް، ހިންތާ، ފެށުމާއި ނިމުން، މޫސުން، އިލްޒާމް، ޕަރީ، އަލްވިދާ، ކީއްވެ، އަދި ވަފާތު އެވެ.

📽️ އިޝްތިހާރުތަކާއި ހޭލުންތެރިކަމުގެ ވީޑިއޯތައް:
🎭 15 އަށްވުރެ ގިނަ އިޝްތިހާރުގައި އެކްޓްކުރުން.
🎭 30 އަށްވުރެ ގިނަ އިޖުތިމާއީ ހޭލުންތެރިކަމުގެ ވީޑިއޯގައި އެކްޓްކުރުން.
🎭 15 އަށްވުރެ ގިނަ އިޝްތިހާރާއި 45 ހޭލުންތެރިކަމުގެ ވީޑިއޯ ޑައިރެކްޓްކުރުން.
🎭 މޯލްޑިވްސް ޕޮލިސް ސާވިސްއަށް 10 ވީޑިއޯ ޑައިރެކްޓްކޮށް ހުށަހަޅައިދިނުން (2018).
🎭 ޕީ.އެސް.އެމް އަށް 15 ކުރު ޑްރާމާ ޑައިރެކްޓްކުރުން (2019).
📽️ މަސައްކަތުގެ ތަޖުރިބާ:
🎭 ޓީވީ މޯލްޑިވްސް (1980–1988): ކެމެރާމަނެއްގެ ގޮތުގައި އެކި ޕްރޮގްރާމްތަކާއި، ޚަބަރު އަދި 100 އަށްވުރެ ގިނަ ލަވަތަކުގައި މަސައްކަތްކުރުން. ރާއްޖޭގެ ފުރަތަމަ 35އެމްއެމް ފިލްމު “ޔޫސުފް އެންޑް ޒައިނަބް” ގެ ޕްރޮޑަކްޝަން މެނޭޖަރުކަން ކުރުން.
🎭 ވޯލްޑްވިއު އިންޓަނޭޝަނަލް ފައުންޑޭޝަން (1989–1996): ސީނިއާ ކެމެރާމަން، އެޑިޓަރު އަދި ޓެކްނިކަލް ސުޕަވައިޒަރުގެ ގޮތުގައި ސަރުކާރާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތަކަށް (UNDP, UNICEF, WHO) 60 އަށްވުރެ ގިނަ ޑޮކިއުމެންޓްރީ ތައްޔާރުކުރުން.
🎭 އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު (1997–2006): ސީނިއާ ކެމެރާމަނެއްގެ ގޮތުގައި ތައުލީމީ ޕްރޮގްރާމްތައް އުފެއްދުމާއި، ދިވެހިރާއްޖޭގެ އަޑަށް 1000 އަށްވުރެ ގިނަ ރޭޑިއޯ ޕްރޮގްރާމް ޕްރޮޑިއުސްކުރުން.
🎭 ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (2006–2011): ސުޕަވައިޒަރެއްގެ ގޮތުގައި ގައުމީ ފިލްމީ އެވޯޑްތައް އިންތިޒާމުކުރުމާއި ފިލްމީ ދާއިރާގެ ވޯކްޝޮޕްތައް ހިންގުން.
🎭 އިތުރު މަގާމުތައް: މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިންގ އާޓްސް (MSPA)ގެ ސެކްރެޓަރީ ޖެނެރަލް އަދި ޗެއާމަންކަން، މޯލްޑިވްސް އެންޓަޓެއިންމަންޓް ކޮމްޕެނީގެ ޗެއާމަންކަން، އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (HDC)ގެ ކޮމިއުނިޓީ އެންގޭޖްމަންޓް ފެސިލިޓޭޓަރުކަން.
📽️ ބައިނަލްއަގުވާމީ ތަޖުރިބާ:
ސްރީލަންކާ، އިންޑިއާ، އަދި ނޯވޭގެ ޑައިރެކްޓަރުންނާއެކު އެކި ޕްރޮޖެކްޓްތަކުގައި ކެމެރާމަން، ޑައިރެކްޓަރު އަދި އެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ. މީގެ ތެރޭގައި އިންޑިއާގެ ވެބް ސިލްސިލާތަކާއި، އާސާމީ ލަވަތަކާއި، ބައިނަލްއަގުވާމީ ޑޮކިއުމެންޓްރީތައް ހިމެނެއެވެ. ހިންދީ ވެބް ސިލްސިލާއެއްގައި މުހިންމު ރޯލެއް ކުޅުނު ފުރަތަމަ ދިވެހި ފަންނާނަކީވެސް ދަރާ ރަޝީދު އެވެ.

🏆 ލިބިފައިވާ ކާމިޔާބީތައް:
🎭 އެންމެ މޮޅު ކެމެރާމަންގެ އެވޯޑް (1996 – ފިލްމު ‘ހަނގު އަނބި’).
🎭 ނޯވޭގެ ގްލޯބަލް ޓީވީ ޗެނަލަށް ތައްޔާރުކުރި ޑޮކިއުމެންޓްރީއަކަށް އެންމެ މޮޅު ކެމެރާމަންގެ އެވޯޑް.
🎭 ފިލްމީ ދާއިރާއަށް ޚިދުމަތްކުރުމުގެ ގައުމީ ހިތްވަރު ދިނުމުގެ އެވޯޑް (2005).
🎭 ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތުގެ އަގުވަޒަންކޮށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (2019).
🎭 ބެންކޮކް އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގެ އިންޓަނޭޝަނަލް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް (2023).
🎭 އިންޑިއާގެ ‘ދާދާސާހޭބް ޕާލްކޭ އެޗީވާސް އެވޯޑް 2024’ އިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް.

🎓 ތައުލީމާއި ތަމްރީނު:
🎭 އޭޝިއަން އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޜަން (AAFT) އިން މާސްޓަރ ޑިޕްލޮމާ އިން ވިޝުއަލް ކޮމިއުނިކޭޝަން.
🎭 އެކްޓިންގް، ކެމެރާ އެންޑް ލައިޓިންގް، އެޑިޓިންގް، ފިލްމް ޑައިރެކްޓިންގް އަދި ޓީވީ ޖާނަލިޒަމްގެ ދާއިރާއިން ޑިޕްލޮމާ ހާސިލްކުރުން.
🎭 މީގެ އިތުރުން މުވާސަލާތީ ދާއިރާއާއި ތައުލީމީ ދާއިރާގެ އެކި ތަމްރީނު ފުރިހަމަކޮށްފައިވެއެވެ.
މުޙައްމަދު ރަޝީދު (ދަރާ ރަޝީދު) ދިވެހި ފިލްމީ ދާއިރާއަށް ވޭތުވެދިޔަ 45 އަހަރު ކޮށްދެއްވި ޚިދުމަތަކީ ދިވެހި ފިލްމީ ތާރީޚުގެ ރަން އަކުރުން ފަވާލެވޭނެ ޚިދުމަތްތަކެކެވެ. އޭނާގެ މަސައްކަތްތަކުން ހާމަވަނީ ކެތްތެރިކަމާއި، ސާބިތުކަމާއެކު މަސައްކަތްކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެކަމެވެ. އޭނާއަކީ މިއަދުގެ ފަންނާނުންނަށް ހުރި އުންމީދީ މިސާލެކެވެ. އުންމީދަކީ ކުރިއަށް އޮތް ތަނުގައިވެސް އޭނާގެ ފަރާތުން ދިވެހި ފަންނުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދިއުމެވެ.
