ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާޅުތައް – ޗެޕްޓަރ 13

އެ އެއްބަސްވުން

މި ވާހަކައިގެ ފުރިހަމަ ޙަޤީޤަތް އެ ރަށުގެ އެކަކަށްވެސް އެނގިފައެއް ނުވެއެވެ. އެކި މީހުން ދައްކަމުންދިޔަ ވާހަކަތަކުންނާއި، ދުވަސްވީ މުސްކުޅި އަންހެންމީހާއަށްވެސް އެކަމުގެ އަސްލެއް ނޭނގެއެވެ. އަދި ކީއްތޯއެވެ؟ ޔަސްމީނަށް އަމިއްލައަށްވެސް އެ ޙަޤީޤަތް އޮތީ ސިއްރުވެފައެވެ. ސަބަބަކީ އެ ޙަޤީޤަތަކީ އެމީހުންނާ ގުޅުންހުރި ކަމަކަށް ނުވާތީއެވެ.

އެ ޙަޤީޤަތް ވަނީ އެހެން ދުނިޔެއެއްގައެވެ. ބޭނުމެއްނެތި ޖެހޭ ވައިރޯޅިތަކުގެ ތެރޭގައެވެ. ދައުވަތަކާ ނުލައި ފެންނަ ހުވަފެންތަކުގައެވެ. އަދި ޔަސްމީނުގެ ފައިބުޑުން ދުވަހަކުވެސް ވަކިނުވާ، ލޮލަށް ނުފެންނަ އެ ބާރުގެ ތެރޭގައެވެ.

ހަޅޭކުގެ އަޑުތަކުން ނާމާންވި އެ ރޭގެ މާ ކުރިން… އެކި ވާހަކަތައް ފެތުރި، ބިރުވެރިކަން ރަށުތެރެއަށް ވެރިވުމުގެ މާ ކުރިން… ވަޢުދެއް ވެވުނެވެ. އެއީ އިންސާނަކު ވީ ވަޢުދެއް ނޫނެވެ. އަދި މި ފަނާވަނިވި ދުނިޔެއާ ގުޅިފައިވާ ކަމެއްވެސް ނޫނެވެ. އެއީ ހިމޭންކަމާއި، ކަޅު އަނދިރިކަމާއި، ފުން އިޙްސާސްތަކެއްގެ ތެރޭގައި ކުރެވުނު އިޤުރާރެކެވެ.

ޔަސްމީނުގެ މަންމައަކީ ރަށު މީހުން ހީކުރި ކަހަލަ އާދައިގެ މީހެއް ނޫނެވެ. އެއީ ހަމައެކަނި ރީތި، މަޑުމައިތިރި، އަދި އުޅުމާއި ހެދުން އެޅުމުގައި ތަފާތުގޮތެއް ހުންނަ އަންހެނެއް ނޫނެވެ. އޭނާ ދިޔައީ ކަމަކަށް ފެންބޮވައިގެންފައިވާ ހާލު އެއްޗެއް ހޯދަމުންނެވެ. އެ ކުޑަކުޑަ ރަށާއި، ބިޔަ ކަނޑާއި، އަދި އިންސާނީ ދިރިއުޅުމުގެ އިންތަކުން ބޭރުގައިވާ ކަމެއް ހޯދުމަށެވެ.

އަދި އެއްރެއަކު، ޔަސްމީން މަންމައަށް އެކަން ފެނުނެވެ. ނޫނީ އެ ކަންތައް އޭނާ ހޯދައިގަތީއެވެ. ފުރަތަމަ އުފެދުނު ޝައުޤުވެރިކަން ފަހުން އަޅުވެތިކަމަށް ބަދަލުވިއެވެ. ލިބުނު ބާރުގެ އިޙްސާސް ފަހުން އޭނާގެ ހަށިގަނޑުގެ މައްޗަށް ވެރިވެގަތެވެ. އަދި މަޑުމަޑުން އެއްބަސްވުމެއް ޤާއިމުވިއެވެ. އެއީ ދުލުން ބުނި ބަސްތަކެއް ނޫނެވެ. ނަމަވެސް އެއީ ނިޔަތާއި، އަމާންދިނުމާއި، ނަފްސުގެ އެދުންތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.

އިތުރު ބާރާއި ނިޢުމަތްތަކުގެ ބަދަލުގައި، އަގުބޮޑު އެއްޗެއް ދިނުމަށް ވަޢުދުވިއެވެ. ސާފުތާހިރު، ކުށެއްނެތް، އަދި އެއްވެސް ކަމެއްގެ އަސަރު ފޯރާފައިނުވާ މައުޞޫމު ފުރާނައެކެވެ. އޭނާގެ އަމިއްލަ ދަރިފުޅެވެ.
އެއީ ޔަސްމީނެވެ.

އެކަން ހިނގާނެ ރޭ ކަނޑައެޅިފައިވަނީ ޔަސްމީނަށް އެކަން ވިސްނޭ ވަރަށްވުރެ މާ ކުރިންނެވެ. އެ ރޭ ކަނޑު އޮތީ ނުތަނަވަސްވެފައެވެ. ވައިރޯޅިތައް ހުރީ ގޮތް ނޭނގޭ ބިރުވެރިކަމެއްގެ ތެރޭގައެވެ. މުޅި ރަށަށްވެސް އެ ބަދަލު އިޙްސާސް ކުރެވުނެވެ. ނަމަވެސް އެއީ ކީއްވެގެންކަމެއް އެކަކަށްވެސް ނޭނގެއެވެ.

އޭރު ޔަސްމީނުގެ އުމުރަކީ އެންމެ ފަސް އަހަރެވެ. އެ ކުޑަކުޑަ މައުޞޫމު ކުއްޖާއަށް އޭނާ އެ ގެންދެވެނީ ކޮންފަދަ ނުރައްކާތެރި މިޞްރާބަކަށް ކަމެއް ކުޑަކޮށްވެސް ރޭކާނުލައެވެ.
އޭނާގެ މަންމަ ހުރީ ޔަސްމީނުގެ އަތުގައި ވަރަށް ބާރަށް ހިފަހައްޓައިގެންނެވެ.
އެއީ އާދައިގެ ހިފެހެއްޓުމެއް ނޫނެވެ.
އޭނާގެ އަތްތިލަ ހުރީ އާދަޔާޚިލާފަށް ފިނިވެފައެވެ.
ނަމަވެސް، އެ ރޭ އެތަނުގައި ތިބީ ހަމައެކަނި އެ ދެމީހުންނެއް ނޫނެވެ. އެތަނުގައި އަބަދުވެސް އެހެން ފަރާތެއްގެ ހާޒިރުވުންވެއެވެ. އެއީ އެއްވެސް މުޢާމަލާތެއް ނުވަތަ ދަހިވެތިކަމަކާ ގުޅުމެއްނެތް ފަރާތެކެވެ. އެ ފަރާތުން ދިޔައީ ފެށުނީއްސުރެ ހިމޭންކަމާއެކު، ކެތްތެރިކަމާއެކު ބަލަމުންނެވެ.

އެއީ ޖިންނިއެކެވެ.
ޒުވާން، ހިމޭން ޖިންނިއެކެވެ.
އޭނާ އެ ކުއްޖާގެ ގާތަށް އައީ އެއްވެސް ފަންޑިތައަކުން ނުވަތަ ސިހުރަކުންނެއް ނޫނެވެ. ނަމަވެސް އެއަށްވުރެ މާ ނުރައްކާތެރި ކަމެއްގެ ސަބަބުންނެވެ. އެއީ އުފެދުނު ލޯތްބާއި ކުލުުނުގެ ސަބަބުންނެވެ. އޭނާ ޔަސްމީނަށް ފާރަލާތާ ކިތަންމެ ދުވަހެކެވެ. އޭނާގެ ހިނިތުންވުމާއި، މައުޞޫމުކަމާއި، އޭނާގެ ވަށައިގެން އެނބުރެމުންދިޔަ އަނދިރިކަމުގެ އެއްވެސް އަސަރެއް ނެތި އުޅެމުންދިޔަ ގޮތް އެ ޖިންނި ދިޔައީ ދެކެމުންނެވެ.
އަދި އެ ޖިންނީގެ ހިތުގެ ތެރޭގައި މަނާކުރެވިފައިވާ އިޙްސާސްތަކެއް އުފެދުނެވެ. އޭނާ ބޭނުންވީ އެ ކުއްޖާ އަމިއްލަ ކުރާކަށް ނޫނެވެ. ނުވަތަ އެ ކުއްޖާއަށް ގޯނާކުރާކަށްވެސް ނޫނެވެ. އޭނާ ބޭނުންވީ އެ ކުއްޖާ ރައްކާތެރިކޮށް ހިމާޔަތްކުރުމަށެވެ.

އެހެންކަމުން، އޭނާ ހުރީ ބަލާށެވެ.
އޭނާ އިންތިޒާރުކުރިއެވެ.
އަދި ކަންކަން ދަސްކުރިއެވެ.
ނިމުމަކާ ހަމައަށް ދާންޖެހޭ އެ ރޭ އައިސް ޖެހެންދެނެވެ.

އޭނާގެ މަންމަ ޔަސްމީން ގޮވައިގެން ގޮނޑުދޮށާ ދިމާއަށް މިޞްރާބުޖެހި ހިނދު…
އެ އިންތިޒާރުކުރަމުންދިޔަ އަނދިރިކަމުގެ ތެރެއަށް…
ވެފައިވާ ވަޢުދު ފުރިހަމަކުރުމަށްޓަކައި ދިޔަ ހިނދު…
އެ ޖިންނި ފަހަތުން ދިޔައެވެ.
ހަމައެކަނި ހިޔަންޏެއްގެ ގޮތުގައެއް ނޫނެވެ.

ނަމަވެސް ސާބިތުކަމާއެކު ހުރި ހިމާޔަތްތެރިއެއްގެ ގޮތުގައެވެ.
އެ ރޭ، ރަށުގެ މީހުންނަށް އަމާން ނިންޖަކުން ނިދޭގޮތެއް ނުވިއެވެ. މީހުންނަށް ފެންނަމުންދިޔައީ ނުތަނަވަސް ހުވަފެންތަކެވެ. ބަރު ހުވަފެންތަކެވެ. ބިރުވެރިކަމާއި، ސިއްރު ވާހަކަތަކާއި، ކޮންމެވެސް ދިމާއަކުން ބަލަން ހުންނަ ލޮލެއްގެ އިޙްސާސް ކުރެވޭ ހުވަފެންތަކެވެ. ބައެއް މީހުން ބިރުން ހޭލެވުނުއިރު، އަނެއް ބަޔަކު އަލުން ނިދަންވެސް ބިރުގަތެވެ. ނަމަވެސް އެމީހުންނަށް ނޭނގޭ ކަމަކީ، އެމީހުން އެތިބީ އެ ދިމާއަށް ނުބަލަން މަޖުބޫރު ކުރެވިފައެވެ. ގޭތެރޭގައި ތިބުމަށާއި، ބޭރަށް ނުނިކުތުމަށާއި، އެރޭ ހިނގާ ކަންކަން ނުދެކުމަށް ބާރުފޯރުވިފައިވާ ކަމެވެ.

ސަބަބަކީ އެރޭ ހިނގި ކަންތައްތަކަކީ އެއްވެސް އިންސާނަކަށް ފެންނަން އޮތް ކަންތައްތަކަކަށް ނުވާތީއެވެ.

ކުއްލިއަކަށް ކަނޑު ގަދަވެ، ރާޅުތައް ބިޔަވިއެވެ.
ތޫނު ވައިރޯޅިތަކެއް ޖެހި، އުޑުމަތި އާދަޔާޚިލާފަށް އަނދިރިވިއެވެ. ބިޔަ ރާޅުތަކުގެ ތެރެއަށް ޔަސްމީނުގެ މައިންބަފައިން ގެއްލުނެވެ. އެމީހުންގެ އެއްވެސް ނިޝާނެއް، ހަށިގަނޑެއް، ނުވަތަ އެންމެ ފަހުގެ ހަޅޭކުގެ އަޑެއްވެސް ގޮނޑުދޮށާ ހަމައަކަށް ނައެވެ.
އޮތީ ހަމައެކަނި ހިމޭންކަމެވެ.
އަދި އެކަނިވެފައިވާ ކުޑަ ކުއްޖެކެވެ.

ހެނދުނުވީއިރު، ޔަސްމީން ފެނުނީ އޭނާގެ މާމަގޭ ދޮރުމަތީގައި އޮއްވައެވެ. އެކަނިމާއެކަންޏެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ނުލިބިއެވެ. ހީވަނީ މީހަކު ވަރަށް އޯގާތެރިކަމާއެކު އޭނާ އެތަނުގައި ބޭއްވިހެންނެވެ. ނުވަތަ އޭނާއަކީ ޚާއްޞަ އިޚްތިޔާރެއް ކުރެވިފައިވާ ކުއްޖެއްގެ ގޮތުގައެވެ.

އެކަމާ ބެހޭގޮތުން އެކަކުވެސް މާ ފުންކޮށް ސުވާލެއް ނުކުރެއެވެ. ސަބަބަކީ ބިރުވެރިކަމަކީ އިންސާނާގެ ދޫ ބަންދުކޮށްލުމުގެ ބާރު ލިބިގެންވާ އެއްޗަކަށް ވާތީއެވެ.

ނަމަވެސް އެ ދުވަހަށްފަހު، ޔަސްމީން ދުވަހަކުވެސް އެކަނިވެފައެއް ނުވެއެވެ.

އެ ޖިންނި އޭނާއާއެކު މަޑުކުރިއެވެ. ފެންނަން ނެތް މުޙާފިޡެއްގެ ގޮތުގައެވެ. ހިމޭން ފާރަވެރިއެއްގެ ގޮތުގައެވެ. އޭނާގެ ހަށިގަނޑަށް ބަދަލެއް ނައަޔަސް، އޭނާގެ ބާރާއި، ޝައުޤުވެރިކަން ދިޔައީ އިތުރުވަމުންނެވެ. އެއީ ހިމާޔަތްކުރުމާއި އަމިއްލަ މިލްކަކަށް ހެދުމުގެ ދެމެދުގައިވާ ފުސް ރޮނގެއް ފަދަ ކަމެކެވެ.

އޭނާ ޔަސްމީން ބޮޑުވަމުންދިޔަ މަންޒަރު ދެކެމުންދިޔައެވެ. ކުޑަކުއްޖަކުން ފެށިގެން، ޒުވާން އަންހެން ކުއްޖަކަށްވެ، ފުރާވަރުގެ އަންހެނަކަށް ވަންދެނެވެ. ކޮންމެ ފިޔަވަޅެއް، ކޮންމެ ނޭވާއެއް، އަދި އޭނާ އެކަނި ހުރި ކަމަށް ހީކުރި ކޮންމެ ވަގުތަކުވެސް އެ ޖިންނި އޭނާގެ ގާތުގައި ހުއްޓެވެ. ކެތްތެރިކަމެއް ނެތި، ފެނުމެއް ނެތި، ހަމައެކަނި އިންތިޒާރުގައެވެ.

މިއަދާ ހަމައަށްވެސްމެއެވެ.
ނަމަވެސް މިހާރު ކަންތައްތައް ބަދަލުވެއްޖެއެވެ.
އޭނާ ސަލާމަތްކުރި ކުޑަކުއްޖާ މިހާރު އެއީ ބޮޑުވެފައިވާ އަންހެނެކެވެ.
އެ ޖިންނިއަށް ދެން އޭނާއާ ދުރުގައި ނުހުރެވޭނެ ހިސާބަށް ކަންތައް ގޮސްފިއެވެ.

އަދި އެއްދުވަސްވަރެއްގައި ޔަސްމީންގެ މަންމަ މައްޗަށް ވެރިވެގަންނަން އުޅުނު އަނދިރިކަން އަލުން ހޭލަން ފަށައިފިއެވެ.

އެއީ ހަމައެކަނި ހަނދާނެއްގެ ގޮތުގައެއް ނޫނެވެ. ނަމަވެސް އަނބުރާ އައުމެއްގެ ގޮތުގައެވެ.

ސަބަބަކީ ވެވޭ އެއްބަސްވުންތަކަކީ، އޭގެ އުޞޫލުތަކާ ޚިލާފުވި ނަމަވެސް، ފޮހެވިގެންދާ އެއްޗަކަށް ނުވާތީއެވެ. އެކަންކަން އޮންނާނީ އިންތިޒާރުގައެވެ. އެކަންކަން ދެމިހުންނާނެއެވެ. އަދި ކޮންމެވެސް ދުވަހަކުން، އެ ވަޢުދު ފުރިހަމަކުރުމަށްޓަކައި އަލުން އެނބުރި އަންނާނެއެވެ.

އެ ހުރިހާ ކަމެއް އަލުން އިއާދަވި ރޭ…
ރަށުގެ މީހުންނަށް އެކަން ފެނުމުގެ ކުރިން އިހުސާސް ކުރެވުނެވެ. ފުރަތަމަ އައީ ވަޔެވެ. އެއީ ހަމައެކަނި ޖެހިލި ރޯޅިއެއް ނޫނެވެ. އަދި އެއީ ތޫފާނެއް ވެސް ނޫނެވެ. އެއީ ދިިރިހުރި އެއްޗެއް ފަދަ އިހުސާސެކެވެ. ހަނި ގޯޅިތަކުގެ ތެރެއިންނާއި، ގޭގޭގެ މެދުތެރެއިންނާއި، ކުޑަކޮށް ހުޅުވިފައި ހުރި ދޮރުތަކުގެ ތެރެއިން އެ އެއްޗެއް ދަތުރުކުރަމުން ދިޔައީ، ހީވާގޮތުން އެއްޗެއް ހޯދާ ފަދައިންނެވެ. ގޮވަމުންނެވެ. މިލްކު ކުރަމުންނެވެ.

އެ މުސްކުޅި އަންހެންމީހާގެ ގޭގެ ތެރޭގައި، ވައި އަނެއްކާވެސް ބަރުވެއްޖެއެވެ. ކުރިއަށްވުރެ ބޮޑަށެވެ. އަނދިރިކަން ގަދަވެއްޖެއެވެ. ކިޔަވަމުންދިޔަ ކިޔެވުންތަކަށް ބުރޫއެރިއެވެ. އޭނާގެ ކައިރީގައި ހުރި ބައްތީގެ ހުޅުކޮޅު ނުހަނު ބާރަށް ތަޅުވަން ފެށިއެވެ. އަދި ގަޑިއިރުތަކެއް ވަންދެން އެއްވެސް ހަރަކާތެއް ނެތި އޮތް ޔަސްމީން ކުއްލިއަކަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ ހަށިގަނޑު ކުއްލިއަކަށް ދަމައިގަތެވެ. އެއީ އެތެރެހަށިން އެއްޗެއް ހިފައި ދަމައިގަތުމުން ފުއްޕާމޭގައި ހުރި ނޭވާ ހުސްވެގެންދިޔަ ފަދަ ގޮތަކަށެވެ. އޭނާގެ ލޯ ހުޅުވުނެވެ. ނަމަވެސް އެއީ އާދައިގެ ލޮލެއް ނޫނެވެ. އެއީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ހުރި ލޮލެއް ނޫނެވެ.

“ވަގުތު ޖެހިއްޖެ…” އެއީ އޭނާގެ އަމިއްލަ އަޑެއް ނޫނެވެ.

އޭނާގެ ކިބައިން އިވެމުންދިޔަ އެ އަޑަކީ އެކި ފަށަލަ ފަށަލައަށް، ދުރުން އިވޭ، ނުހަނު ގަދީމީ އަޑެކެވެ. މުސްކުޅި އަންހެންމީހާ ބިރުން ގަނޑުވިއެވެ. އޭނާއަށް އެ އަޑު އެނގުނެވެ. އަޑުގެ ރާގުންނެއް ނޫނެވެ. ނަމަވެސް އެ އަޑުގައި ހުރި ބަރުދަނުންނެވެ.

“ނޫން،” އޭނާ މަޑުމަޑުން ބުނެލިއެވެ.

އޭނާގެ އަތް ތުރުތުރުލަމުން ދިޔަ ނަމަވެސް، އަލުން ކިޔަވަން ފެށިއެވެ.

މިފަހަރު މާ ބާރަށެވެ.

މާ އަވަސްއަރުވާލާފައެވެ.

ނަމަވެސް އޭރު ކޮޓަރީގެ މާހައުލު އޮތީ ބަދަލުވެފައެވެ. ފާރުތައް ދުރުވަމުންދާހެން ހީވިއެވެ. ހިޔަނިތައް ކުރިއަށްވުރެ ކަޅުވެ ބޮޑުވަމުން ދިޔައެވެ. އެވަގުތު އޭނާ ފާޅުވިއެވެ. ފުރިހަމަ ސިފައެއްގައެއް ނޫނެވެ. އިންސާނެއްގެ ސިފައެއްގައެއް ވެސް ނޫނެވެ. ނަމަވެސް އޭނާގެ ހާޒިރުކަން އިހުސާސް ކުރެވުނެވެ. އެނބުރެމުންދިޔަ އަނދިރިގަނޑުގެ ތެރެއިން ސިފައެއް ފާޅުވަމުން ދިޔައެވެ. ދިގު، ދައުރުވާ ފަދަ، ދުމާއި ރިހިކުލައިގެ ފަނޑު އަލިން އުފެދިފައިވާ ސިފައެކެވެ. އެއީ ރޭގަނޑުގެ އޮއިވަރެއް ފަދައިން ހަރަކާތްކުރަމުން ދިޔަ ސިފައެކެވެ.

އެއީ ޖިންނިއެވެ.

އޭނާ ކައިރިވި ވަގުތު، ޔަސްމީންގެ ނޭވާ މަޑުޖެހިލިއެވެ. އެއީ ބިރެއް ނޫނެވެ. ހާސްކަމެއްވެސް ނޫނެވެ. ވޭނީ ކަމެކެވެ. ލޯތްބާއި އުނދަގުލެވެ.

“ތި އައީ…” ޔަސްމީން މަޑުމަޑުން ބުނެލިއެވެ.

އޭނާގެ އަޑުގައި ހުރީ އިންތިޒާރާއި އޮޅުންބޮޅުންގެ އަސަރެވެ. އޭނާގެ ވަށައިގެންވާ ވައިގެ ތެރޭގައި ވިންދެއް ޖަހާ ފަދަ ހަރަކާތެއް ހުއްޓެވެ. “އަހަރެން ދުވަހަކުވެސް ދުރަށް ނުދަން.” އެ އަޑު އިވެނީ ކަންފަތަކަށް ނޫނެވެ. އެ އަޑު އިހުސާސް ކުރެވެނީ ހިތަށެވެ. އޭނާގެ އެތެރެހަށިންނާއި، ވަށައިގެންވާ މާހައުލުންނެވެ. މުސްކުޅި އަންހެންމީހާ ބާރަށް ހަޅޭއްލަވައިގަތެވެ. “ދުރުގައި ހުރޭ! އޭނާ ދޫކޮށްލާ” ނަމަވެސް އެއިން އެކަކުވެސް ގުޑައެއް ނުލިއެވެ. ސަބަބަކީ މި ވަގުތަކީ ނުހަނު ގިނަ ދުވަހު އިންތިޒާރު ކުރެވުނު ވަގުތަކަށް ވާތީއެވެ.

“މިތަނުން ހަމަ މިހާރު ދޭ! އައިސްގެން ނުވާނެ، ނޫނީ މުޅި އުމުރަށް ތިބާ ނައްތާލާނެ،” ޔަސްމީން މަޑުމަޑުން ބުންޏެވެ. ނަމަވެސް އޭނާގެ ހަށިގަނޑު ހުރީ އޭނާގެ އިހުތިޔާރުން ބޭރުގައިވާ ބާރަކުން ދަމައިގަންނަ ފަދައިން، އެ ޖިންނިއާ ދިމާލަށް ކުޑަކޮށް ލެނގިލައިގެންނެވެ.

“އަހަރެން މިތަނަ ގެނައީ އަދި ގޮވީ ތިބާ.” ހިމޭން ވަގުތުކޮޅެއް ފާއިތުވުމަށްފަހު އޭނާ ޖަވާބުދިނެވެ. އަދި އެއީ ތެދެއްކަން ޔަސްމީންއަށް އެނގުނެވެ. ބަހަކުން ނޫނެވެ. ނަމަވެސް އޭނާގެ ނިދިނަގާލި ކޮންމެ ރެއަކުންނެވެ. ޖަވާބު ނުލިބޭ ކޮންމެ ރިހުމަކުންނެވެ. އޭނާއަށް އެކަނިވެރިކަން އިހުސާސްވި ކޮންމެ ވަގުތަކު، އޭނާއާއެކު މީހަކު ހުރިކަމުގެ އިހުސާސްވި ކޮންމެ ވަގުތަކުންނެވެ.

ނަމަވެސް އެވަގުތު ވައިގެ ތެރޭގައި އަނެއްކާވެސް ބަދަލެއް އައެވެ. ނުހަނު ބާރަށެވެ. ފިނިވެ، ބަރުވެ، ނުބައި އިހުސާސެއް ކުރެވުނެވެ.

ދެވަނަ ފަރާތެއް އެތަނަށް ވަނެވެ.

އެއީ އޯގާތެރި ފަރާތެއް ނޫނެވެ.

އެއީ ބަލަން ހުރި ފަރާތެއް ނޫނެވެ.

އެއީ ބަނޑުހައިވެފައިވާ ފަރާތެކެވެ.

ކޮޓަރި ތެރެ އާދަޔާ ހިލާފަށް އަނދިރިވެ، ދުމެއް ފަދައިން ނޭވާ ހާސްކުރުވާ ފަދަ ބާރެއް ކޮޓަރި ތެރެއަށް ފެތުރިގަތެވެ. އެއީ ޔަސްމީން މަންމަ ވެފައިވާ އެއްބަސްވުމެވެ. އަދި އެ ފަރާތުން މިލްކު ނުކުރެވި އޮތް ދައުވާއެވެ. ޔަސްމީންގެ ހަށިގަނޑު ގަނޑުވިއެވެ. ނޭވާ ތާށިވިއެވެ. އަދި ފުރަތަމަ ފަހަރަށް ބިރުވެރިކަން އޭނާގެ ހިތުގައި އުފެދުނު ލޯތްބަށްވުރެ ގަދަވިއެވެ.

“މި ފުރާނައަކީ އަދިވެސް އަހަރެންގެ މިލްކެއް…” އެ އަޑު މުޅި ތަނަށް ފެތުރިގެން ދިޔައެވެ. އެއީ ވަކި ދިމާލަކުން އައި އަޑެއް ނޫނެވެ، މުޅި މާހައުލުގައި ހުރި އަޑެކެވެ. މުސްކުޅި އަންހެންމީހާ ބިރުން ރޮއިގަތެވެ. އޭނާގެ ކިޔެވުން ބާރުކުރަން އުޅުނު ނަމަވެސް، އޭނާގެ އަޑު ދިޔައީ ބެދެމުންނެވެ. އެ ކަޅު ހިޔަނި ކައިރިވަމުން ދިޔައެވެ. ޔަސްމީނާ ދިމާލަށެވެ. ވައުދުވެފައިވާ ކަމަކާ ދިމާލަށެވެ. އަދި އެވަގުތު ޒުވާން ޖިންނި ކުރިއަށް ޖެހިލިއެވެ. ފުރިހަމައަށެވެ. ފުރަތަމަ ފަހަރަށެވެ. އޭނާގެ ސިފަ ސާފުވާން ފެށިއެވެ. އެނބުރެމުންދިޔަ ދުންގަނޑު އިންސާނެއްގެ ސިފައަށް ބަދަލުވަމުން ދިޔައެވެ. ވަރުގަދަ، ގުޑުމެއް ނެތް ސިފައެކެވެ. ނަމަވެސް އޭނާގެ ލޮލުން އަނދިރިކަމަށް ނަކަލު ނުކުރެވޭނެ ފަދަ ކަމެއް ފެންނަން ހުއްޓެވެ. އެއީ ވަފާތެރިކަމެވެ.

“އޭނާއަކީ ކަލޭގެ މިލްކެއް ނޫން.” އެ ބަސްތައް ބާރު ގުގުރިއެއް ފަދައިން ވައިގެ ތެރޭގައި ގުގުމާލިއެވެ.

“އޭނާއަކީ ވައުދުވެފައިވާ މީހެއް.!”

“އޭނާއަކީ އޭރު ކުޑަކުއްޖެއް.”

ހިމޭންކަން ފެތުރުނެވެ. ބަރުވެފައިވާ، ނުރައްކާތެރި ހިމޭންކަމެކެވެ. ކަޅު ހިޔަނި ނުހަނު ބާރަށް ތަޅުވަން ފެށިއެވެ. ގެވެސް ފަނޑުކޮށް ތަޅުވައިގަތެވެ. އަދި ޔަސްމީން މި ދެބާރުގެ ދެމެދުގައި ތާށިވެފައި ހުރެ އެ ހުރިހާ ކަމެއް އިހުސާސް ކުރަމުން ދިޔައެވެ. ދަމައިގަތުމެވެ. ބިރުވެރިކަމެވެ. ބޭނުންވުމެވެ. އަދި ހަގީގަތެވެ.

“ކަލޭ އޭނާ އިޚްތިޔާރު ކުރީ ކޮން ހައްގަކުން؟” އަނދިރިގަނޑުގެ ތެރެއިން ބުންޏެވެ.

“އަދި މިހާރު ކަލެއަށް އޭނާ ދޫކޮށްލާކަށް ނުކެރޭނެ.” ޒުވާން ޖިންނި އެކަމަކަށް އިންކާރެއް ނުކުރެއެވެ. ސަބަބަކީ އޭނާއަށް އެކަން ކުރެވެން ނެތީމައެވެ. އެއީ ތެދަކަށް ވާތީއެވެ. “އަހަރެން އޭނާ ރައްކާތެރި ކުރިން.” އޭނާގެ އަޑު މަޑުވިއެވެ.

“ނަމަވެސް އަހަރެން މި ފުރާނަ ގެއްލުވައެއް ނުލާނަން.” ވައިގެ ތެރޭގައި ގޮވުމެއް އިވުނެވެ. ފެންނަން ނެތް ބާރުތައް ކުރިއަށް އައެވެ.އަ ދި ހުރިހާ ކަމެއް ހަލަބޮލިވެގަތެވެ.

މުސްކުޅި އަންހެންމީހާގެ އަޑު ބާރުވެ، ރޮއިގަނެވުނެވެ. ގޭތެރޭގައި ވައިރޯޅިތައް ހަޅޭއްލަވަމުން ދިޔައެވެ. ހިޔަނިތަކާއި އަލިތައް އެކި ދިމާލުން ކުރިމަތިލަމުން ދިޔައެވެ. އަދި ޔަސްމީން އޭނާގެ ހަށިގަނޑު ކުދިކުދިވަމުންދާ ފަދަ އިހުސާސެއް ކުރެވުނެވެ. ހަށިގަނޑަކުން ނޫނެވެ. ނަމަވެސް އެއަށްވުރެ ފުންކޮށެވެ. އޭނާގެ ރޫހެވެ. އޭނާގެ ނިންމުމެވެ. އަދި އެ ހަލަބޮލިކަމުގެ ތެރެއިން އޭނާއަށް ވިސްނުނެވެ. މިއީ ހަމައެކަނި އޭނާގެ މަންމަވީ އެއްބަސްވުމެއްގެ ވާހަކައެއް ނޫނެވެ. މިއީ އޭނާގެ ވާހަކައެވެ. އޭނާގެ އަމިއްލަ ނިންމުމެވެ. އޭނާގެ އަމިއްލަ އިހުތިޔާރެވެ. އޭނާގެ އަމިއްލަ އަޑެވެ. އަދި އޭނާގެ ތުރުތުރުލާ ހަށިގަނޑުގައި ހުރި އެންމެ ފަހުގެ ހަކަތައާއެކު އޭނާ ވާހަކަދެއްކިއެވެ.

“ހުއްޓާލާ!” ހުރިހާ ކަމެއް މަޑުޖެހުނެވެ.

ފުރިހަމައަކަށް ނޫނެވެ.

ނަމަވެސް އެކަށީގެންވާ ވަރަށެވެ.

އޭނާގެ ނޭވާ ތުރުތުރުލައެވެ.

އޭނާގެ ލޯ އެ ދެބާރުގެ ދެމެދުގައި ދަތުރުކުރަމުން ދިޔައެވެ. އަނދިރިކަމެވެ. އޭނާގެ މައްޗަށް ދައުވާކުރަން ބޭނުންވާ ފަރާތެވެ.

އަދި ދުވަހަކުވެސް އޭނާ ދޫކޮށް ނުދިޔަ ފަރާތެވެ.

“އަހަރެންނަކީ ދުވަހަކުވެސް ކަލޭގެ މިލްކެއް ނޫން،” ޔަސްމީން ބުންޏެވެ. އޭނާގެ އަޑު މަޑު ނަމަވެސް ސާފެވެ. ކަޅު ހިޔަނި ފަހަތަށް ޖެހިލިއެވެ. “އަދި އަހަރެން މިގޮތަށް ސަލާމަތްވާކަށްވެސް ބޭނުމެއް ނޫން…” އޭނާ ޒުވާން ޖިންނިއާ ދިމާލަށް ބަލާލަމުން މަޑުމަޑުން ބުންޏެވެ. މިފަހަރު އޭނާގެ ބެލުން އޯގާތެރިއެވެ… ނަމަވެސް ވޭނީ އަސަރެއް ހުއްޓެވެ. ބަރްޤާންގެ ސިފައަށް ބަދަލެއް އައެވެ. ފުރަތަމަ ފަހަރަށް ނުތަނަވަސްކަމެވެ.

“ނަމަވެސް އަހަރެން އިޚްތިޔާރު ކުރަނީ…” ޔަސްމީންގެ އަޑު ތުރުތުރުލިއެވެ. ބަލިކަށިކަމުންނެއް ނޫނެވެ. ހަގީގަތުގެ ސަބަބުންނެވެ. “އަހަރެން އިޚްތިޔާރު ކުރަނީ އަހަރެންގެ މާމަގެ ރައްކާތެރިކަން އަދި މުޅި މި ރަށުގެ ރައްކާތެރިކަން… އަދި އަހަރެންގެ ނަފްސު.”

އެ ބަސްތަކުން ހުރިހާ ގުޅުމެއް ކަނޑާލިއެވެ.

ސާފުކޮށް، ނިހާއީކޮށްނެވެ. ދަމައިގަތް ބާރު ކެނޑިގެން ދިޔައެވެ.

އަނދިރިގަނޑު ހަޅޭއްލަވައިގަތެވެ… ރުޅިވެރިކަމާއެކު، ނާކާމިޔާބުވެ، ކުރި ދައުވާ ފުނޑުފުނޑުވެގެން ދިޔައެވެ. އެ ބާރުގަނޑު އައި ދިމާލަކަށް، ފެންނަން ނެތް ތަނަކަށް ދަމައިގަތެވެ.

ގެއްލުނީއެވެ.

ހިމޭންކަން ފެތުރުނެވެ.

އިވެމުން ދިޔައީ ހަމައެކަނި ވައިގެ އަޑެވެ. މަޑުމަޑުން މަޑުވަމުންދާ ވަޔެވެ. ބަރްޤާން ހުއްޓިގެން ހުއްޓެވެ. ޔަސްމީންއަށް ބަލާށެވެ.

އަތްފޯރުވުމެއް ނެތެވެ.

ބާރު ފޯރުވުމެއް ނެތެވެ.

މިލްކު ކުރުމެއް ނެތެވެ.

ފުރަތަމަ ފަހަރަށް އޭނާ ދޫކޮށްލީއެވެ.

އޭނާގެ ސިފަ ފަނޑުވާން ފެށިއެވެ. މިހާރު މާ ފަނޑެވެ. ޔަގީންކަން ކުޑައެވެ. ނަމަވެސް އޭނާ ގެއްލުމުގެ ކުރިން ޔަސްމީންއަށް އެކަން އިހުސާސް ކުރެވުނެވެ.

އެ ހޫނުކަމެވެ. އެ ހާޒިރުކަމެވެ. އެ ފުން، ވޭނީ ލޯތްބެވެ.
ގެއްލިގެން ދިޔައީއެއް ނޫނެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ.
ހަމައެކަނި… އެތަނުގައި ހުރީއެވެ.
އަދި އެއަށްފަހު އޭނާ ގެއްލިއްޖެއެވެ.
ގޭތެރެއަށް ހިމޭންކަން ވެރިވިއެވެ. މުސްކުޅި އަންހެންމީހާ ވަރުބަލިވެގެން ހިމޭންވިއެވެ. އަދި ޔަސްމީން އެންމެ ފަހުން އޭނާގެ އަމިއްލަ އިހުތިޔާރުގައި ނޭވާލިއެވެ.
އޭނާގެ މުޅި ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ފުރިހަމަ މިނިވަންކަމާއެކުގައެވެ… އަދި ދުވެފައި ގޮސް އެނދުގައި އޮތް މާމަ ގައިގާ އޮޅުލައިގަތެވެ.

( ނުނިމޭ )

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top