ބޮލީވުޑްގެ މަޝްހޫރު އެކްޝަން ތަރި އަކްޝޭ ކުމާރު، ފިލްމް އިންޑަސްޓްރީގައި ވީއެފްއެކްސް އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެކްޝަން މަންޒަރުތައް ނެގުމާ ދެކޮޅަށް ވާހަކަ ދައްކައިފިއެވެ.
ކަރާޓީ، މުއައި ތައި، ޓައެކްވޮންޑޯ އަދި ކޫޑޯ ފަދަ މާޝަލް އާޓްސްގައި ފަރިތަ އަކްޝޭ ބުނީ މިހާރު އެކްޝަން ފިލްމްތައް ހެދޭ ގޮތް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.
“ކުރިން އެކްޝަން ހުންނާނީ އަސްލު، މިހާރު ހުރިހާ ކަމެއް ކުރަނީ ވީއެފްއެކްސް އިން. އެއީ މަޖާ ކަމެއް ނޫން، އެއީ ފޭކް އެއްޗެއް ހެން ހީވާތީ. އަހަރެން ބޭނުންވަނީ އަސްލު ފިލްމެއް ހަދަން.”
ޕީޓީއައި އަށް ދިން އިންޓަވިއުއެއްގައި އަކްޝޭ ބުންޏެވެ.
“މިސާލަކަށް އަހަރެން ފުންމާ ނަމަ، އަސްލު ފުންމަނީ، ވީއެފްއެކްސް ބޭނުންކޮށްގެނެއް ނޫން. ކިކް ޖަހާ ނަމަ އަސްލު ކިކް ޖަހަނީ، 15 މީހުން އެހީވެގެނެއް ނޫން. އަހަރެން ބޭނުންވަނީ ވީއެފްއެކްސް ބޭނުން ނުކޮށް އެކްޝަން ފިލްމެއް ހަދަން”
އުމުރުން 58 އަހަރުގެ އަކްޝޭ ދެކޭ ގޮތުގައި އޭއައި ބޭނުންކޮށްގެން ހަދާ އެކްޝަން މަންޒަރުތަކާއި އަސްލު އެކްޝަން މަންޒަރުތަކާ ހުރި ތަފާތު ބެލުންތެރިންނަށް ފާހަގަކުރެވެއެވެ.
އަކްޝޭ ހިންދީ ސިނަމާގައި ފެށީ އެކްޝަން ތަރިއެއްގެ ގޮތުގައެވެ. “ކިލާޅީ” ފްރެންޗައިޒް، “މޮހްރާ”، “ސުހާގް”، “އޭލާން” އަދި “ޖާންވަރު” ފަދަ ކާމިޔާބު ފިލްމްތައް ގެނެސްދިނުމަށް ފަހު ޑްރާމާ، ކޮމެޑީ އަދި އިޖުތިމާޢީ މައުޟޫޢުތަކުގެ ފިލްމްތަކަށް ބަދަލުވިއެވެ. ފަހަކަށް އައިސް “ހޮލިޑޭ”، “ގައްބަރް އިޒް ބެކް” އަދި “ސޫރިޔަވަންޝީ” ފަދަ އެކްޝަން ފިލްމްތަކުގައި ވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.
