މުސްލިމުންގެ އެންމެ މުގައްދަސް ބިނާ ކަމަށްވާ ކައުބަތުﷲ ގެފުޅު ހުންނަ ސައުދީ އަރަބިއްޔާގެ މައްކާ ސިޓީއަށް ޚާއްޞަ އެއާޕޯޓެއް ބިނާކުރުމުގެ ބޮޑު މަޝްރޫއު އެގައުމުގެ ސަރުކާރުން ރަސްމީކޮށް ފާސްކޮށްފިއެވެ.
މި މަޝްރޫއަކީ ސައުދީ އަރަބިއްޔާގެ “ވިޝަން 2030” އިސްތިރާތީޖީގެ ދަށުން، އެގައުމަށް ޒިޔާރަތްކުރާ ހައްޖުވެރިންނާއި އުމްރާވެރިންގެ އަދަދު އިތުރުކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ނިންމި ނިންމުމެކެވެ. މިހާތަނަށް މައްކާއަށް ދަތުރުކުރާ ފަރާތްތަކުން އެންމެ ގާތް އެއާޕޯޓެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ޖިއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއާޕޯޓެވެ.
ސައުދީ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި އައު އެއާޕޯޓް ބިނާކުރުމުގެ ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް އަންނަ ޒިޔާރަތްތެރިންނަށް ފަސޭހަކަމާއެކު ސީދާ އެ ސިޓީއަށް އާދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. މީގެ އިތުރުން، ޖިއްދާ އެއާޕޯޓަށް ބާރުބޮޑުވާ މައްސަލައަށް މިކަމުގެ ސަބަބުން ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މި އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު، ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ފަދަ ބޮޑު ފެންވަރެއްގައެވެ. މިއީ މައްކާގެ އިގްތިސާދަށާއި، ސައުދީގެ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
މި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ މައްކާއާއި ޖިއްދާއާ ދެމެދު އޮންނަ މައްކާ-ޖިއްދާ ހައިވޭއާ ގާތް ސަރަހައްދެއްގައެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް މިހާރު ވަމުންދާއިރު، މިއީ މައްކާގެ ތާރީޚުގައިވެސް ދަތުރުފަތުރުގެ ދާއިރާއިން އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅު ކަމުގައި ބެލެވެއެވެ.
