ރަޖްނީކާންތުގެ އާ ފިލްމު “ޖެއިލާ 2” ގައި ޝާހްރުކް ޚާންގެ ރޯލެއް ނުހިމެނޭކަމަށް ޚަބަރުތައް ބުނެފިއެވެ.
ކުރިން “ޖެއިލާ 2” ގައި ޝާހްގެ ކުޑަކުޑަ ރޯލެއް ހިމެނޭނެކަމުގެ އިޝާރާތެއް ލިބިފައި އޮތް ނަމަވެސް ޝާހް ވަނީ އޭނައަށް ލިބުނު ހުށަހެޅުން ރީތިގޮތުގައި ދޫކޮށްލާފައެވެ. ރިޕޯޓްތައް ބުނާގޮތުން ޝާހް އެ ހުށަހެޅުމަށް ނޫނެކޭ ބުނީ އޭނާގެ ކުރިއަށް އޮތް ފިލްމު “ކިންގް” އަށް ފުރިހަމައަށް ސަމާލުކަން ދޭންކަމަށް ވެއެވެ.
ޕިންކްވިލާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި “ކިންގް” ރިލީޒްވުމުގެ ކުރިން އެހެން ފިލްމަކުން ފެނުމަކީ ޝާހް ބޭނުންވާ ކަމެއް ނޫނެވެ. އެއީ “ކިންގް” ފިލްމުގައި އޭނާ ފެންނާނީ ވަކި ޚާއްސަ ސިފައެއްގައި ކަމުން، އެ ސިފައިގައި އެހެން ފިލްމަކުން ފެންނަން ބޭނުން ނުވާކަމަށް ޝާހް ބުނެފައިވާކަމަށް ވެސް ޕިންކްވިލާއިން ރިޕޯޓްކޮށްފައިވެއެވެ. ޚާއްސަކޮށް “ކިންގް” އަކީ ޝާހްގެ އަންހެން ދަރިފުޅު ސުހާނާ ޚާން ބޮޑު ސްކްރީނަށް ލޯންޗުކުރާ ފިލްމަށް ވުމުން، މި ފިލްމަށް ދެވޭ ސަމާލުކަން ވަނީ ވަރަށް ބޮޑުވެފައެވެ.
“ޖެއިލާ 2 ގެ ޓީމުން ޝާހްރުކް ޚާން ލައްވައި 5 ދުވަހުގެ ކެމިއޯއެއް ކުޅުވަން ބޭނުންވި. އެ ހުށަހެޅުމަށް އޭނާ ތައްޔާރުވެސްވި. ނަމަވެސް ކިންގް ރިލީޒްވާ ފަހުން ޖެއިލާ 2 ނެރެދިނުމަށް އެދުނީ، ކިންގް ގައި އޭނާ ފެންނަނީ ވަކި ސިފައެއްގައި ކަމުން، އެ ސިފައިގައި އޭގެ ކުރިން އެހެން ފިލްމެއްގައި ފެންނަން ބޭނުން ނުވާތީ.” ޕިންކްވިލާއާ ވާހަކަދެއްކި ފަރާތަކުން ބުނެފައިވެއެވެ.
“ޖެއިލާ 2″ގެ ޓީމުން ބަލަނީ އޮގަސްޓް މަހު އެ ފިލްމު ރިލީޒްކުރެވޭތޯ ކަމަށާއި، “ކިންގް” ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރުގައި ކަމުން، ތާރީޚުތައް ފުށުއަރާތީ ދެފަރާތުން ވާހަކަދެއްކުމަށްފަހު ޝާހް ރީތިގޮތުގައި އެ ހުށަހެޅުން ދޫކޮށްލީ ކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
ޝާހްރުކް ޚާން ވަނީ ރަޖްނީކާންތަށް ވަރަށް އިޙުތިރާމާއެކު ގުޅައި، ކުރިމަގުގައި އެކުގައި މަސައްކަތްކުރެވޭނެ ރަނގަޅު ފުރުސަތެއްގައި ބައިވެރިވާން ތައްޔާރުކަމުގެ ޔަޤީންކަން ދީފައެވެ. އަދި “ޖެއިލާ 2” ގެ ޓީމުން މިހާރު އަންނަނީ އެ ރޯލަށް އެހެން ސުޕަސްޓާރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ސިދާތު އާނަންދު ލިޔެ ޑައިރެކްޓްކުރާ “ކިންގް” ގައި ޝާހްރުކް ޚާންގެ އިތުރުން ސުހާނާ ޚާން، ދީޕިކާ ޕަޑުކޯން، އަބީޝެކް ބައްޗަން، އަނިލް ކަޕޫރް، ޖެކީ ޝްރޯފް، އަރްޝަދު ވާރްސީ އަދި ރާނީ މުކަރްޖީ ފަދަ ތަރިން ހިމެނެއެވެ.
ނެލްސަން ދިލީޕްކުމާރް ލިޔެ ޑައިރެކްޓްކުރާ “ޖެއިލާ 2” ގެ ޝޫޓިން ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި ފިލްމު މިހާރު އޮތީ ފައިނަލް ޕޯސްޓް ޕްރޮޑަކްޝަންގައި ކަމަށް ރަޖްނީކާންތު މިމަހު ވަނީ ކަށަވަރުކޮށްދީފައެވެ.
