އޭޝިއާގެ އެންމެ މުއްސަނދި މީހާ މުކޭޝް އަމްބާނީ އާއި ނީތާ އަމްބާނީގެ އެންމެ ހަގު ދަރިފުޅު އަނަންތު އަމްބާނީއަށް 31 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ބޮލީވުޑްގެ ބޮޑެތި ތަރިން ވަނީ އޭނާއަށް ހެޔޮ އެދުންތައް ފޮނުވައިފައެވެ.
ޝާހް ރުކް ޚާން ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީޒްގައި އަނަންތުއަށް ޚާއްޞަ މެސެޖެއް ލިޔެފައެވެ. “އަނަންތު އަމްބާނީއަށް އުފާވެރި އުފަންދުވަހަކަށް އެދެން. ތިޔަ ކުރާ ހެޔޮ ކަންކަން ކުރިއަށް ގެންދާތި، އަދި ހެޔޮ އަދި ރަނގަޅު ހުރިހާ ކަމެއް ދެމެހެއްޓުމުގައި ދެމިހުރޭ” ކަމަށް ޝާހް ރުކް ޚާން ލިޔެފައިވެއެވެ. އަދި “ރަނގަޅު މަސައްކަތް ކުރިއަށް ގެންދޭ، ތިޔަ މަސައްކަތުން މީހުންގެ މޫނަށް ހިނިތުންވުން ގެނެސްދެމުން ގެންދޭ. ދުޅަހެޔޮ ޞިއްޙަތާއި އުފާވެރިކަން ކަލާނގެ މިންވަރު ކުރައްވާށި” ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
ސަލްމާން ޚާން ވެސް ވަނީ އަނަންތުއާ އެކު ނަގާފައިވާ ކުރީގެ ފޮޓޯއެއް ޕޯސްޓުކޮށް، ރިލަޔަންސް އިންޑަސްޓްރީޒް ލިމިޓެޑްގެ އެގެޒެކެޓިވް ޑައިރެކްޓަރާ އޮންނަ ގާތް ގުޅުން ދައްކާލައިފައެވެ. ރަންވީރް ސިންގް ވަނީ އޭނާގެ “ބާއީ” އަށް މަޖާ ގޮތަކަށް އެޑިޓް ކޮށްފައިވާ ފޮޓޯއަކާ އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔައިފައެވެ. މީގެ އިތުރުން ސަންޖޭ ދަތް ވެސް ހެޔޮ އެދުންތައް ފޮނުވި ތަރިންގެ ތެރޭގައި ހިމެނެއެވެ.
އަނަންތު އަމްބާނީ 2024 ވަނަ އަހަރު ރާދިކާ މާޗެންޓާ ކުރި ކައިވެނީގެ ސަބަބުން ބޮޑު ސަމާލުކަމެއް ލިބިފައިވާއިރު، އޭނާ ބޮލީވުޑްގެ ގިނަ ތަރިންނާ ވަރަށް ގާތް ގުޅުމެއް ބާއްވައެވެ. މި ގުޅުންތައް ސިފަކުރެވެނީ ވިޔަފާރީގެ ގުޅުންތަކަށް ވުރެ ދުރަށް ފެތުރިގެންދާ ހަގީގީ އެކުވެރިކަމެއްގެ ގޮތުގައެވެ.
