މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުމުގެ ކައުންޓްޑައުނާ ގުޅުވައިގެން ބާއްވާ “މަޖީދީ ދަންމަރު” މިއުޒިކް ޝޯ ސިލްސިލާގެ ތިންވަނަ ޝޯ މި އެޕްރީލް މަހުގެ 28 ވަނަ ދުވަހު އޮލިމްޕަހުގައި ބާއްވަން ހަމަޖެހިއްޖެއެވެ.
މަޖީދިއްޔާގެ ކުރީގެ މިއުޒީޝަނުންތަކެއް އިސްނަގައިގެން ބާއްވާ މި ޝޯގެ ޓިކެޓު މާދަމާއިން ފެށިގެން ވިއްކަން ފަށާނެއެވެ. ޓިކެޓުގެ އަގުތައް އުޅެނީ 150 ރުފިޔާއާއި 500 ރުފިޔާއާ ދެމެދުގައެވެ. އެގޮތުން 150 ރުފިޔާ، 200 ރުފިޔާ، 300 ރުފިޔާ އަދި 500 ރުފިޔާގެ ކެޓަގަރީތަކަށް ޓިކެޓު ލިބެން ހުންނާނެއެވެ. ޓިކެޓު ބުކްކުރުމަށް 7727264 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ. ބުކްކުރެވޭނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 14:00 އިން ހަވީރު 17:00 އާ ދެމެދުގައެވެ. ބުކްކުރާ ޓިކެޓު ދޫކުރާނީ އޮލިމްޕަހުގެ ކައުންޓަރުން ރޭގަނޑު 20:30 އިން 22:30 އާ ދެމެދުގައެވެ.

މި ޝޯގެ ގެސްޓް އާޓިސްޓުންގެ ގޮތުގައި އަމީނިއްޔާގެ ކުރީގެ ބައެއް ދަރިވަރުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޚާއްޞަ ގެސްޓް އެޕިއަރެންސްގެ ގޮތުގައި “ވަރުތަ” އާއި “ބުންޒީލަ”ގެ ބޮޑުބެރު އައިޓަމްތައް ވެސް ފެނިގެންދާނެއެވެ.
މި ސިލްސިލާގެ ފުރަތަމަ ޝޯ ބާއްވާފައިވަނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ދެވަނަ ޝޯ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ 16 ގައެވެ. މަޖީދިއްޔާ ސްކޫލަށް މިއަހަރު 99 އަހަރު ފުރޭއިރު، 2027 ވަނަ އަހަރަކީ އެ ސްކޫލަށް 100 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރާނެ އަހަރެވެ. މި ޝޯގެ މީޑިއާ ޕާޓްނަރަކީ އެސްއެސްޓީވީއެވެ. މެއިން ސްޕޮންސަރަކީ އެޒައިޑޮން އެވެ.
@muniavasMajeedhee Dhammaru 3
