ހިންދީ ޓީވީ އިންޑަސްޓްރީގެ އެންމެ ލޯބި އެއް އޮން-ސްކްރީން ކަޕްލްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ސްރިތީ ޖާ އާއި ޝައްބީރް އަހްލުވާލިއާ އެކުގައި ކުޅޭ ޑްރާމާ ސިލްސިލާ “އޯ ހަމްނަވާ ތުމް ދޭނާ ސާތު މެރާ” ދައްކަން ފަށާ ތާރީޚު އިޢުލާނުކޮށްފިއެވެ.
2014 ވަނަ ޒީ ޓީވީއިން ދައްކަން ފެށި “ކުމްކުމް ބާގްޔާ” އަށްފަހު މި ދެ ތަރިން އެކުގައި ފެންނާނެ ދުވަހަކަށް ބެލުންތެރިން ކުރި ދިގު އިންތިޒާރަށް ނިމުމެއް އަންނަން ކައިރިވެފައިވާއިރު، މިފަހަރު ސްޓާ ޕްލަސްއިން ގެނެސްދޭ މި ސިލްސިލާއަކީ ވެސް ބެލުންތެރިން ގަޔާވާނެ ފަދަ ހިތްގައިމު ޑްރާމާއަކަށް ވާނެކަމަށް ބެލެވެއެވެ. ވަރުގަދަ ކާސްޓެއް ހިމެނޭ މި ސިލްސިލާގެ އިތުރުން ތަރިންނަށް ބަލައިލާއިރު ތާނިޔާ ޝަރްމާ، އަމަން ޝަރްމާ، ގައުރަވް ވާދްވާ، ރާޖޭޝް ގަނޭޝް ޝަރްމާ، ޕްރަސާދު އަތަލްޔޭ، ޝުރުތީ ގޯލަޕް، މަނީޝާ ޕުރޯހިތު އަދި ނިޝިގަންދާ ވާދް ފަދަ ތަރިން ހިމެނެއެވެ.
މި ސީރީޒްގައި ސްރީތީ ޖާ ފެނިގެންދާނީ ހިތާމަވެރި މާޒީއެއް ތަހައްމަލުކުރަމުންދާ ފަންނާނެއް ކަމަށްވާ އަޕަރާޖިތާގެ ރޯލުންނެވެ. ޝައްބީރު އަހްލުވާލިއާ ފެނިގެންދާނީ ލޯތްބަށް ހިތް ބަންދުކޮށްފައިވާ ވިޔަފާރިވެރިއެއް ކަމަށްވާ ރަކްޝިތުގެ ރޯލުންނެވެ. ތަޤުދީރުގެ ސަބަބުން އެކުވެގެން ދެމީހުންގެ ހިތުގައިވާ ޒަޚަމްތަކުން އަރައިގަނެ، އަލުން ލޯތްބަށް ހިތް ހުޅުވާލެވޭތޯ ކުރާ ދަތުރު މި ސީރީޒުން ދައްކުވައިދޭނެއެވެ.
“އޯ ހަމްނަވާ ތުމް ދޭނާ ސާތު ތެރާ” ޕްރޮޑިއުސްކުރީ އެލް.އެސް.ޑީ ޕްރޮޑަކްޝަންސްގެ ކުޑައިގެ ދަށުން ޕްރަތީކް ޝަރްމާއެވެ. މި ސީރީޒް މި ހިނގާ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ރޭ ސްޓާ ޕްލަސް އިން ދައްކަން ފަށާއިރު އެޕިސޯޑްތައް ގެނެސްދޭނީ ކޮންމެ ރެޔަކު 8:00 (ރާއްޖެ ގަޑިން 7:30) ގައެވެ.
