ޓޮމް ހޮލަންޑާއި ޒެންޑޭޔާގެ އާ ފިލްމު ‘ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ’ ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގައެވެ.
‘ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ’ ގެ ޓީޒާ ޕޯސްޓަރުތައް އާންމުކުރުމާއެކު، ޓޮމް ހޮލަންޑާއި ޒެންޑޭޔާގެ މެދުގައި ފެންނަ ވަރުގަދަ ކެމިސްޓްރީ ނުވަތަ ގުޅުމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
މި އޭޕްރީލް މަހުގެ 4 ވީ އަންގާރަ ދުވަހު، މި ފިލްމުގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުން އާންމުކުރި ޕޯސްޓަރާއެކު ސޯޝަލް މީޑިއާގައި ވަނީ ބޮޑު ބަހުސެއް އުފެދިފައެވެ. އެ ޕޯސްޓަރުގެ ކެޕްޝަންގައިވަނީ، “ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭގެ އާ ޓީޒާ ޕޯސްޓަރު. ޖުލައި 31 ގައި މި ފިލްމު ސިނަމާތަކަށް،” މިހެންނެވެ.
އަލަށް ނެރުނު ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯއަކުން ޒެންޑޭޔާ ވަރަށް ބޮޑަށް ފާހަގަކޮށްފައިވާއިރު، މިއީ ކުރިއަށް އޮތް ފިލްމުގައި އޭނާގެ ކެރެކްޓަރަށް ދެވިފައިވާ އިހުސާސްތަކުން ފުރިގެންވާ މުހިންމު ދައުރެއްކަން ދޭހަވެއެވެ.
‘ސިނަމާކޮން’ އިވެންޓުގައި މި ޕޯސްޓަރުތައް ދައްކާލާފައިވަނީ، ސްޕައިޑަރ-މޭންގެ އާ ބާބަކަށް ފޭނުން ކެތްމަދުވެފައި ތިބި ވަގުތެއްގައެވެ.
މި ޕޯސްޓަރުތައް ސޯޝަލް މީޑިއާގައި ވައިރަލްވުމާއެކު، ޕީޓަރ ޕާކަރާއި އެމް.ޖޭގެ މެދުގައި އޮތް އާ ގުޅުމާ މެދު ގިނަ ބަޔަކު ދަނީ ޝުއޫރު ފާޅުކުރަމުންނެވެ. ބައެއް މީހުން ލަފާކުރާ ގޮތުގައި، 2012 ވަނަ އަހަރު ނެރުނު ‘ދަ އެމޭޒިންގ ސްޕައިޑަރ-މޭން’ ފިލްމުގައި އެމާ ސްޓޯން ކުޅުނު ގްވެން ސްޓޭސީގެ ކެރެކްޓަރަށް ދިމާވި ފަދަ ހިތާމަވެރި ގޮތެއް، ޒެންޑޭޔާ ކުޅޭ އެމް.ޖޭ ގެ ކެރެކްޓަރަށް ވެސް ކުރިމަތިވެދާނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ޕޯސްޓަރުތައް ދައްކާލާފައިވަނީ ލަސްވޭގަސްގައި ބޭއްވި ސޮނީގެ ‘ސިނަމާކޮން’ ޕްރެޒެންޓޭޝަންގައެވެ. އަދި މި އިވެންޓުގައި ފިލްމުގެ ބައެއް ޚާއްޞަ މަންޒަރުތައް ވެސް ވަނީ ދައްކާލާފައެވެ.
ޑެސްޓިން ޑެނިއަލް ކްރެޓަން ޑައިރެކްޓްކުރާ މި ފިލްމަކީ ސްޕައިޑަރ-މޭންގެ ދަތުރު މުޅިން އާ ގޮތަކަށް ފެނިގެންދާނެ ފިލްމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.
‘ސްޕައިޑަރ-މޭން: ބްރޭންޑް ނިއު ޑޭ’ ސިނަމާތަކަށް އަންނާނީ 31 ޖުލައި 2026 ގައެވެ.
