އެކްޝަން ފިލްމުތައް ކުޅުމަށް މަޝްހޫރު ބޮލީވުޑް އެކްޓަރު ޓައިގާ ޝްރޯފް އަނެއްކާ ވެސް ވަރުގަދަ އެކްޝަން ފިލްމަކުން ފެންނާނެކަމަށް ޚަބަރުތައް ބުނެފިއެވެ.
އަދި ނަން ހާމަނުކުރާ މި ފިލްމަކީ “ދޫމް 3” ގެ ޑައިރެކްޓަރު ވިޖޭ ކްރިޝްނާ އަޗާރިޔާ ޑައިރެކްޓްކުރާ ފިލްމެކެވެ. މިހާރު ކުރިއަށްދަނީ ފިލްމުގެ ޕްރީ ޕްރޮޑަކްޝަން މަސައްކަތްތައް ކަމަށާއި އަންނަ އޮގަސްޓް މަހު ޝޫޓިން ފެށުމަށް ތައްޔާރީތައް ވަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ.
ވަރަށް ވަރުގަދަ، ބޮޑު ފިލްމެއްގެ ގޮތުގައި އުފައްދާ މި ފިލްމުގައި ޓައިގާ ކުރިން ނުފެންނަ، ބެލުންތެރިން ހައިރާންކޮށްލާނެ ފަދަ ތަފާތު ގޮތަކަށް ބެލުންތެރިންނަށް ދައްކަން ޓީމުން މަސައްކަތްކުރާ ކަމަށް ވެއެވެ.
ޓައިގާ މި ފިލްމުގެ މަސައްކަތް ފަށާނީ އޭނާ މިހާރު ޝޫޓްކުރަމުން އަންނަ ޕްރޮޑިއުސަރު މުރާދު ކޭތަނީ އާއި ޑައިރެކްޓަރު ސަޗިން ރަވީގެ އަދި ނަން ހާމަނުކުރާ ފިލްމުގެ ޝޫޓިން ނިންމާލާފައެވެ.
ވިޖޭގެ މި ފިލްމު ޕްރޮޑިއުސްކުރަނީ ވިނޯދު ބަނުޝާލީ އާއި ޓޮނީ ޑީ’ސޫޒާއެވެ. ފިލްމު ރިލީޒްކުރަން ވިސްނާފައި އޮތީ 2027 ވަނަ އަހަރުއެވެ.
