ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މޯހިތު ސޫރީގެ އާ ފިލްމަކުން އަހާން ޕާންޑޭ އަދި އަނީތް ޕައްޑާ

“ސައްޔާރާ”ގެ ކާމިޔާބު ޓީމު އަލުން އެކުގައި މަސައްކަތްކުރަން ތައްޔާރުވެއްޖެއެވެ. އެ ފިލްމަށް ލިބުނު ބޮޑު ތަރުހީބަށްފަހު، ޑައިރެކްޓަރު މޯހިތު ސޫރީ އާއި، ޔޭޝް ރާޖް ފިލްމްސްގެ ޕްރޮޑިއުސަރު އަކްޝޭ ވިދާނީގެ އިތުރުން، ޒުވާން ދެ ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ގުޅިގެން އައު ލޯބީގެ ފިލްމެއް އުފެއްދުމަށް ވަނީ ނިންމާފައެވެ.

އަދި ނަން އިއުލާނުކޮށްފައިނުވާ މި ފިލްމަކީ އަސަރުގަދަ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް، ހިތްގައިމު މިއުޒިކްތަކެއް ހިމެނޭނެ ފިލްމެއް ކަމަށް ބެލެވެއެވެ. އަހާން އާއި އަނީތު މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާއިރު، ފިލްމު ސިނަމާތަކަށް ނެރުމަށް އަމާޒު ހިފާފައިވަނީ 2027 ވަނަ އަހަރަށެވެ.

“ސައްޔާރާ” އަކީ 2025 ވަނަ އަހަރު ނުކުތް ލޯބީގެ ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ހޯދި އެއް ފިލްމެވެ. އެގޮތުން އިންޑިއާއިން އެކަނިވެސް 338 ކްރޯޑް ރުޕީސް ހޯދާފައިވާއިރު، މުޅި ދުނިޔޭގެ ބޮކްސް އޮފީހުން މި ފިލްމަށް ވަނީ 580 ކްރޯޑް ރުޕީސް ލިބިފައެވެ. އަހާން އާއި އަނީތުގެ ޖޯޑަށް އާންމުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާއިރު، ސަޕޯޓަރުން އެ ދެތަރިންނަށް “އަަހްނީތު”ގެ ނަމުން ނިސްބަތްކުރެއެވެ. އެ ދެ ތަރިންގެ މެދުގައި އޮތް ގުޅުމާއި ދެއްކި މޮޅު ހުނަރާއެކު، އަލުން އެކުގައި ބޮޑު އިސްކްރީނުން ފެނިގެންދާތީ ސަޕޯޓަރުން ތިބީ ވަރަށް ބޮޑު އިންތިޒާރެއްގައެވެ.

މޯހިތު ސޫރީ ބުނިގޮތުގައި އޭނާ އަބަދުވެސް ޝައުގުވެރިވަނީ ލޯބީގެ ވާހަކަތަކަށެވެ. ވަކިން ހާއްސަކޮށް، އިހުސާސްތައް އިންތިހާއަށް ގަދަވެ، އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވައި، އެކަންކަމަށް ފަރުވާކުޑަ ނުކުރެވޭ މިންވަރަށް ކަންކަން ދިއުމުން އެއީ ވަރަށް އަސަރުގަދަ ކަމެކެވެ.

“ލޯތްބަކީ އޭގެ އެންމެ ފުން މިނުގައި އިހުސާސް ކުރަންޖެހޭ އެއްޗެއް ކަމަށް އަހަރެން ގަބޫލުކުރަން. ވާހަކަ ކިޔައިދޭ މީހެއްގެ ހައިސިއްޔަތުން އަހަރެން މިފަދަ މައުލޫއުތަކަށް ލެނބެނީ އެ ސަބަބަށްޓަކައި. މި ފިލްމުގައިވެސް ފެނިގެންދާނީ އެފަދަ ހަގީގީ އިހުސާސްތަކެއް. ‘ސައްޔާރާ’ ގެ ޓީމާއެކު އަލުން މަސައްކަތް ކުރަން ލިބުމަކީ ވަރަށް ހާއްސަ ކަމެއް. މިއީ ފަހަރެއްގައި ކުރިންވެސް މިންވަރުގައި ލިޔެވިފައިވާ ކަމަކަށް ވެދާނެ. މިއީ އަލުން އާއިލާއާ ބައްދަލުވެ، އެނބުރި ގެއަށް އާދެވުނު ފަދަ އިހުސާސެއް. ނަމަވެސް މިފަހަރު އުފެއްދުންތެރިކަމުގެ ރޫހު ކުރިއަށްވުރެ މާ ވަރުގަދަ. އަހަރެންނަށް މިހާރު އިހުސާސް ކުރެވެނީ ދާއިރާއަށް އަލަށް ނުކުމެގެން އުޅޭ މީހެއްގެ ގޮތުގަ. މި ވާހަކައާ މެދު އަހަރެން ހުރީ ވަރަށް ފޯރިއާއި ނުތަނަވަސްކަމެއްގެ ތެރޭގަ. އަދި އަހަރެންގެ ފިލްމުތަކުން އަބަދުވެސް މަސައްކަތްކުރާ ފަދައިން، މި ފިލްމުގެ މިއުޒިކުންވެސް މީހުންގެ ހިތްތަކަށް އަސަރުކުރާނެ ކަމަށް އުންމީދު ކުރަން.” މޯހިތު ސޫރީ ފާހަގަކުރިއެވެ.

“މޯހިތާއި އަހަރެމެންގެ ގުޅުމަކީ އުފެއްދުންތެރިކަމުގެ އެއް ވިސްނުމަކާއި، މީހުންގެ ހިތްތަކާ ކުޅެލާ ފަދަ ވާހަކަތަކެއް ކިޔައިދިނުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް. މޯހިތާއެކު މަސައްކަތް ކުރުމަކީ ހަމައެކަނި ފިލްމެއް އުފެއްދުމެއް ނޫން. އެއީ އިހުސާސެއްގެ ފަހަތުން ދިއުމެއް؛ މިއުޒިކުގެ ރާގަކުން ނުވަތަ ފިލްމު ނިމުމަށްފަހުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ފަދަ ވަގުތުކޮޅެއް އުފެއްދުމެއް. ‘ސައްޔާރާ’ އަކީ އަހަރެމެން އަބަދުވެސް ހަނދާން ބަހައްޓާނެ އެފަދަ ހާއްސަ އުފެއްދުމެއް. އަހަރެމެން އަލުން ގުޅިގެން މި ކުރާ ދެވަނަ މަސައްކަތުގައި ހޯދަމުން މިދަނީ ކުރިއަށްވުރެ ބޮޑަށް އިހުސާސްތައް ބަންޑުންކޮށްދޭ، އަދި ގިނަ ދުވަހަށް ދެމިގެންދާނެ ފަދަ ތަފާތު ކަމެއް. މި ޖީލުގެ (ޖެން-ޒީ) އެންމެ މަގުބޫލު ޖޯޑު ކަމަށްވާ އަހާން އަދި އަނީތު، މޯހިތު ސޫރީގެ ލޯބީގެ ފިލްމަކުން އަލުން އެކުގައި ފެނިގެންދާނެތީ އަހަރެމެން ތިބީ ވަރަށް އުފަލުން.” އަކްޝޭ ވިދާނީ މި ފިލްމާމެދު ވާހަކަދައްކަމުން ބުންޏެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top