ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކާގޮތުގައި، ސިކުނޑީގެ ވަކި ސަރަޙައްދެއްގެ ސަބަބުން ބައެއް މީހުންގެ ލޭގެ ފިއްތުން (ބްލަޑް ޕްރެޝަރު) މަތިވުމަށް މަގުފަހިވެއެވެ. އަދި އެންމެ މުހިންމު ކަމަކީ، މިއީ އަނބުރާ އިޢާދަކުރެވިދާނެ ނުވަތަ ރަނގަޅު ކުރެވިދާނެ ކަމެއް ކަމަށް މި ދިރާސާއިން ދައްކައެވެ.
ބްރެޒިލްގެ ޔުނިވަރސިޓީ އޮފް ސައޮ ޕައުލޯ އަދި ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް އޯކްލޭންޑްގެ މާހިރުން ގުޅިގެން ކުރިއަށްގެންދިޔަ މި ދިރާސާއިން ހާމަވިގޮތުގައި، ސިކުނޑީގެ “ލެޓަރަލް ޕެރަފޭޝަލް” (pFL) ސަރަޙައްދަކީ ހަށިގަނޑަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ލޭގެ ފިއްތުން މަތިކުރުވާ ސަރަޙައްދެކެވެ.
މި ސަރަޙައްދަކީ ނޭވާލުން ކޮންޓްރޯލް ކުރުމާ ގުޅިފައިވާ ތަނެކެވެ. ޚާއްޞަކޮށް ކަސްރަތު ކުރާއިރު، ނުވަތަ ކެއްސާ، ހުނުން ފަދަ ވަގުތުތަކުގައި ބާރަށް ނޭވާ ބޭރުކުރުމުގެ މަސައްކަތް މި ސަރަޙައްދުން ބަލަހައްޓައެވެ. ނަމަވެސް، މީދާ ބޭނުންކޮށްގެން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި، މި ސަރަޙައްދުން ލޭހޮޅިތައް ހަނިކުރުމުގެ މަސައްކަތްވެސް ކުރެއެވެ.
ދިރާސާވެރިން ބަޔާންކުރާ ގޮތުގައި، ނޭވާލުމުގެ ނިޒާމާއި ލޭހޮޅިތަކުގެ މަސައްކަތާ ދެމެދު އޮންނަ މި ގުޅުމަކީ ބައެއް މީހުންގެ ލޭގެ ފިއްތުން މަތިވުމުގެ އަސްލެވެ. މިއީ ލޭގެ ފިއްތުން ކުޑަކުރާ ބޭސް ބޭނުންކުރި ނަމަވެސް، ގާތްގަނޑަކަށް 40 އިންސައްތަ މީހުންގެ ލޭގެ ފިއްތުން ކޮންޓްރޯލް ނުވާ ސަބަބު ކަމުގައި ވެދާނެއެވެ.
މި ދިރާސާއިން އިތުރަށް ހާމަވަނީ، “ލެޓަރަލް ޕެރަފޭޝަލް” ގައި ހުންނަ ނިއުރޯންތަކުގެ ސަބަބުން ނޭވާލުމުގެ ރިދަމަށް އަންނަ ބަދަލުތަކާއި، ހަށިގަނޑުގެ ނާރުގެ ނިޒާމުގެ (ސިމްޕަތެޓިކް ނާރވަސް ސިސްޓަމް) މަސައްކަތްތަކާ ގުޅުވައިދޭ ކަމެވެ. މިއީ ކުރިން ކުރެވިފައިވާ ދިރާސާތަކުންވެސް ލޭގެ ފިއްތުމާއި ނާރުގެ ނިޒާމާ ހުރި ގުޅުމަށް ބާރުދޭ ކަމެކެވެ.
ދިރާސާގައި ބައިވެރިވި މާހިރުން ވިދާޅުވާ ގޮތުގައި، ލޭގެ ފިއްތުން މަތިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 އިންސައްތަ މީހުންގެ ބަލީގެ އަސްލަކީ ނާރުގެ ނިޒާމާ ގުޅުންހުރި ކަންކަމެވެ. އެހެންކަމުން، މި އާ ހޯދުމުގެ ސަބަބުން، މި ބައްޔަށް ފަރުވާ ދިނުމުގައި އާ ގޮތްތަކެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ.
މީދާ ބޭނުންކޮށްގެން ހެދި ތަހުލީލުތަކުގައި، ޖެނެޓިކް އިންޖިނިއަރިންގް ބޭނުންކޮށްގެން “ލެޓަރަލް ޕެރަފޭޝަލް” ނިއުރޯންތައް މަސައްކަތްކުރާ މިންވަރު ބަދަލުކޮށްގެން އޭގެ ނަތީޖާ ވަނީ ބަލާފައެވެ. އެގޮތުން، މި ނިއުރޯންތައް އިތުރަށް މަސައްކަތް ކުރުވުމުން ލޭގެ ފިއްތުން މަތިވާކަން ފާހަގަކުރެވުނެވެ. އަދި ލޭގެ ފިއްތުން މަތި މީދާތަކުގެ މި ސަރަޙައްދު މަސައްކަތް ނުކުރާ ގޮތަށް ހެދުމުން، ލޭގެ ފިއްތުން އާދައިގެ މިންވަރަށް ދަށްވިކަން ޔުނިވަރސިޓީ އޮފް އޯކްލޭންޑްގެ ފިޒިއޮލޮޖިސްޓް ޖޫލިއަން ޕޭޓަން ފާހަގަކުރެއްވިއެވެ.
މި ހޯދުމަކީ ނިދީގައި ނޭވާލުމަށް ދަތިވާ މީހުންނަށް (ސްލީޕް އެޕްނިއާ) ލޭގެ ފިއްތުން މަތިވުމުގެ ފުރުޞަތު ބޮޑުވާ ސަބަބުވެސް ބަޔާންކޮށްދޭ ހޯދުމެކެވެ. ސަބަބަކީ “ލެޓަރަލް ޕެރަފޭޝަލް” ނިއުރޯންތަކަކީ އާދައިގެ ހާލަތްތަކުގައި މަސައްކަތް ނުކުރި ނަމަވެސް، ހަށިގަނޑުގައި ކާބަން ޑައިއޮކްސައިޑް އިތުރުވެ އޮކްސިޖަން މަދުވާ ހާލަތްތަކުގައި (ނިދީގައި ނޭވާލުމަށް ދަތިވާ ވަގުތުތަކުގައި) މަސައްކަތް ކުރަން ފަށާ ސަރަޙައްދެކެވެ.
މި ދިރާސާ މިހާތަނަށް ހަދާފައިވަނީ ޖަނަވާރު ބޭނުންކޮށްގެން ކަމަށްވީ ނަމަވެސް، މިއީ އިންސާނުންގެ ހަށިގަނޑުގައިވެސް މިކަން ހިނގާ ގޮތް ކަމަށް ބެލެވެއެވެ. ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުންނަކީ ލޭގެ ފިއްތުން މަތިވުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުން ކަމަށްވާއިރު، މިއީ ހިތުގެ ބަލިތަކާއި ޑިމެންޝިއާ ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، އާ ފަރުވާތަކެއް ހޯދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ސައިންސްވެރިންގެ ދެން އޮތް އަމާޒަކީ، ސިކުނޑީގެ އެހެން މަސައްކަތްތަކަށް ބުރޫނާރާނޭ ފަދަ ގޮތަކަށް، މި”ލެޓަރަލް ޕެރަފޭޝަލް” ނިއުރޯންތަކަށް އަމާޒުކޮށްގެން ބޭހެއް އުފެއްދުމެވެ. މިގޮތުން، ކަރުގައި ހުންނަ “ކެރޮޓިޑް ބޮޑީޒް” ނަމަކަށް ކިޔާ ސެލްތަކަށް ބޭސް ދީގެން، ސިކުނޑީގެ އެ ސަރަޙައްދު ކޮންޓްރޯލް ކުރެވިދާނެ ކަމަށް މާހިރުން ލަފާކުރެއެވެ.
މި ދިރާސާ މިހާރު ވަނީ “ސާކިއުލޭޝަން ރިސާޗް” މަޖައްލާގައި ޝާއިޢުކޮށްފައެވެ.
