ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު “ލަވް އެންޑް ވޯރ” އަންނަ އަހަރު ސިނަމާތަކަށް ގެންނަން ނިންމައި ތާރީޚު އިޢުލާނުކޮށްފިއެވެ.
ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ މި ފިލްމު ރިލީޒްކުރާ ތާރީޚު ހިއްސާކޮށްފައިވަނީ ބަންސާލީ ޕްރޮޑަކްޝަންސްގެ މީސްމީޑިއާ މަންސަތައް މެދުވެރިކޮށެވެ. ސަންޖޭ ލީލާ ބަންސާލީގެ އެހެން ފިލްމުތަކަކޭ ވެސް އެއްގޮތަށް ބޮޑު ސްކޭލާއި ލޯތައް ތަރަތަރަ ޖަހައިގެންދާ ފަދަ ފުރިހަމަކަމާއެކު ގެނެސްދޭ މި ފިލްމު ހިންދީ ބަހުގެ އިތުރުން ތަމަޅަ އަދި ތެލުގޫ ބަހުން ރިލީޒްކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
ކުރިން މި އަހަރުގެ ހޫނު މޫސުމުގައި ގެނެސްދޭން ރޭވި މި ފިލްމުގެ ޝޫޓިންއަށް ދިމާވި އެކި ދަތިތަކާއި ގުޅިގެން ފިލްމު ލަސްވީކަމަށް ޚަބަރުތައް ބުނެއެވެ.
ރަންބީރް ކަޕޫރާއި، އާލިއާ ބަޓް އަދި ވިކީ ކޯޝަލް އެކުގައި ފެނިގެންދާ މި ރޮމޭންޓިކް އެކްޝަން ފިލްމަކީ ހަތަރު އަހަރަށްފަހު ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ. އާލިއާ ބަޓްއާއެކު 2022 ގައި “ގަންގޫބާއި ކަތިއާވާޅީ” ގެނެސްދިންއިރު، ރަންބީރް ބޮލީވުޑަށް ތައާރަފުކުރީ އޭނާގެ “ސާވަރިޔާ” އިންނެވެ. އަދި މިއީ ވިކީއާއެކު އޭނާ މަސައްކަތްކުރާ ފުރަތަމަ ފިލްމުކަން ފާހަގަކޮށްލެވެއެވެ.
ދިގު އިންތިޒާރަކަށްފަހު އަންނަ ސަންޖޭ ލީލާ ބަންސާލީގެ “ލަވް އެންޑް ވޯރ” ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ 21 ޖެނުއަރީ 2027 ގައެވެ.
