ނ. ކެނދިކުޅުދޫގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިފްގައި ވާދަކުރާ ތިން ޓީމެއްގެ ޓީމު ލިސްޓްގައި، އެންމެފަހުން އެކުލަވާލި ސީނިއާ ޤައުމީ ޓީމުގެ 17 ކުޅުންތެރިން އެބަތިއްބެވެ. އަތޮޅުތެރޭ ރަށެއްގައި ބާއްވާ އެންމެ އަގުބޮޑު އެއް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި މިއަހަރު 7 ޓީމެއް ވާދަކުރެއެވެ.
މުބާރާތުގައި ވާދަކުރާ ޓީމްތަކަށް ބަލައިލާއިރު:
މާޒިޔާ ޖޫނިއާ
މި މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރެއިން ފުރަތަމަ ޑިވިޝަނަށް ނިސްބަތްވާ ހަމައެކަނި ޓީމަކީ މާޒިޔާ ޖޫނިއާ އެވެ. މާޒިޔާ ޖޫނިއާ ޓީމުގައި ސީނިއާ ޤައުމީ ޓީމުގެ އަށް ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމުގެ ކެޕްޓަން ސަމޫހް އަލީ، ކީޕަރ ހުސެއިން ޝަރީފް، ހަމްޒާ މުޙައްމަދު، ނާއިޒް ހަސަން، ހައިޝަމް ހަސަން، ހުސެއިން ޝިފާއު، އިބްރާހިމް އައިޝަމް، އަހްމަދު އައިހަމް ހިމެނެއެވެ. އަދި ދާދިފަހުން ނިމުނު ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރި 20 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަން އަދި އެ މުބާރާތުގެ ރަންބޫޓު ހޯދި މުޙައްމަދު އިލާން އާއި ދިވެހި ޓީމުގެ ކުރީގައި މޮޅު ކުޅުމެއް ދެއްކި ނައްސާހް އިބްރާހީމް ހިމެނެއެވެ. އަދި އެ ޓީމުގައި ހިމެނުނު އައިދު މުޙައްމަދު ފަދަ އެތައް ކުޅުންތެރިންނެއް މި ޓީމުގައި ހިމެނެއެވެ. މި ޓީމުގައި ރާއްޖޭން ބޭރު އެއްވެސް ކުޅުންތެރިއަކު ހިމަނާފައެއް ނުވެއެވެ.
ޖިބިއްލީ ސްޕޯރޓްސް ކުލަބް
މި މުބާރާތަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ދުރުން ދާ ޓީމަކީ އދ. މަހިބަދޫއަށް ނިސްބަތްވާ އަދި މަހިބަދޫ ފުޓްބޯޅައިގެ ރަސްގެފާނު ޖިބިއްލީ ސްޕޯރޓްސް ކުލަބެވެ. ޖިބިއްލީއަށް ބަލައިލާއިރު މާޒިޔާ ޖޫނިއާ ފިޔަވައި ސީނިއާ ޤައުމީ ޓީމުގެ ކުޅުންތެރިން ދެން އެންމެ ގިނައީ މި ޓީމުގައެވެ. މި ޓީމުގައި ހިމެނޭ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ބަލައިލާއިރު، މިހާރު ރާއްޖޭގައި ހުރި އެންމެ އިތުބާރު ފޯވާރޑް އަލީ ފާސިރު (ސެންޓޭ) ހިމެނެއެވެ. ސެންޓޭގެ އިތުރުން ތޯއިފް ޤާސިމް، އިބްރާހީމް މަހުދީ، ކީޕަރ މުޙައްމަދު ޝަފީއު، އަހްމަދު ރިޒްވާން، އަލީ ސާމިސް އަދި މިހާތަނަށް ރާއްޖެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މި ޓީމުގައި ހިމެނެއެވެ. އަދި ކުރިން ޤައުމީ ޓީމަށް ކުޅުނު އިތުބާރު ފޯވާޑް އަސަދުﷲ އަބްދުﷲ އާއި އިބްރާހީމް އުސާމާ، ކީޕަރު މުޙައްމަދު ޖަޒުލާން، ހުސެއިން ނިޔާޒް މުޙައްމަދު، ހިސާމް ސަލީމް، އިސްމާއިލް އީސަ ފަދަ އެތައް ތަރިންނެއް އެބަތިއްބެވެ. އަދި މިހާރު ވެސް ފުރަތަމަ ޑިވިޝަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަހްޒަމް ރަޝީދު އާއި އަބްދުﷲ މިދްހަތު ފަހުމީ އަދި އަލީ ނަސޫހް ވެސް ހިމެނެއެވެ. މި ޓީމަކީ ވެސް ހުސް ދިވެހި ކުޅުންތެރިން ހިމެނޭ ޓީމެކެވެ.
ކެނދިކުޅުދޫ ސްޕޯރޓްސް ކުލަބް
މި މުބާރާތުގައި ވާދަކުރާ ކެނދިކުޅުދޫ ޓީމުގައި ވެސް ޤައުމީ ޓީމުގެ ދެ ކުޅުންތެރިއަކު ހިމެނެއެވެ. އެއީ މުޙައްމަދު އިރުފާން އާއި އަހްމަދު އަބްދުﷲ އެވެ. މީގެ ކުރިން މުބާރާތް ބޭއްވި ހަތަރު އަހަރު ވެސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މުބާރާތް ބާއްވާ ކެނދިކުޅުދޫއަށް ނިސްބަތްވާ ދެ ޓީމެވެ. ފުރަތަމަ ދެ އަހަރު ޗެމްޕިއަންކަން އެރަށަށް ނިސްބަތްވާ ކޮމެޓްސް ހޯދިއިރު ވޭތުވެދިޔަ ދެ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެރަށަށް ނިސްބަތްވާ ވިންޑްވޯރިއާސް އެވެ. މުޅިން ދިވެހި ކުޅުންތެރިން ހިމެނޭ މި ޓީމުގައި ގިނައީ ރަށު ކުޅުންތެރިންނެވެ.
ނައިފަރު ޗެލްސީ
ވޭތުވެދިޔަ އަހަރުގެ ރަނަރަޕްގެ މަގާމް ހޯދި ނައިފަރު ޗެލްސީން މި އަހަރުގެ މުބާރާތަށް ނެރެނީ މުޅިން ތަފާތު ޓީމެކެވެ. ސީދާ ތަށްޓަށް އަމާޒުކޮށް ނުކުންނަ މި ޓީމުގައި ރާއްޖޭން ބޭރު 11 ކުޅުންތެރިން ހިމެނެއެވެ. އޭގެ ތެރޭގައި މި އަހަރު ފުރަތަމަ ޑިވިޝަންގައި މޮޅު ކުޅުމެއް ދެއްކި އެތައް ކުޅުންތެރިންނެއް ހިމެނެއެވެ. ނިމިދިޔަ އެފްއޭ ކަޕްގައި ދެވަނައަށް އެންމެ ގިނަ ގޯލްޖެހި އަލްހާޖީ ގެރޯ ވެސް ހިމެނެއެވެ. ކުރިން ޤައުމީ ޓީމަށް ކުޅުނު މުޙައްމަދު ނާއިމް އާއި މިހާރު ވެސް ފުރަތަމަ ޑިވިޝަންގައި ކުޅެމުންދާ މުޙައްމަދު ފާސިރު ފަދަ ބައެއް ކުޅުންތެރިން މި ޓީމުގައި ހިމެނެއެވެ. ނައިފަރު ޗެލްސީގެ ޓީމުގައި ހިމެނެނީ ނައިފަރަށް ނިސްބަތްވާ ހަތަރު ކުޅުންތެރިންނެވެ.
އަލިފުށީ ރެކްރިއޭޝަން ކުލަބް
ތަޖުރިބާކާރު ކޯޗް އާދަމް އަބްދުލް ލަތީފް (ލައްޗޭ)ގެ ކޯޗުކަމުގެ ދަށުން ނުކުންނަ އަލިފުށީ ޓީމުގައި ގިނައީ ރަށު ކުޅުންތެރިންނެވެ. މިހާރު ވެސް ފުރަތަމަ ޑިވިޝަން ކުޅެމުންދާ މުހައްމަދު ރަޝީދު (ހޮކޭ) އާއި އަހްމަދު ވިޖުދާން އަދި އަހްމަދު ހުސާމް ފަދަ ކުޅުންތެރިން ހިމެނޭ މި ޓީމުގައި ރާއްޖޭން ބޭރު 5 ކުޅުންތެރިން ހިމެނެއެވެ. މިއީ މިހާރު ވެސް ރާއްޖޭގައި ކުޅެމުންދާ އަދި ރާއްޖޭގެ ފުޓްބޯޅައަށް ފަރިތަ ކުޅުންތެރިންނެވެ. ގޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ވާދަކުރި އަލިފުށްޓަށް ނިސްބަތްވާ މި ޓީމާއިމެދު އަލިފުށީ ރައްޔިތުންނަށް އިތުބާރު އެބައޮތެވެ. ރައްޔިތުން ތިބީ ޓީމާއިއެކުއެވެ.
މަނަދޫ ސްޕޯރޓްސް ކުލަބް
މަނަދޫ ސްޕޯރޓްސް ކުލަބުގައި ވެސް ގިނައީ ރަށު ކުޅުންތެރިންނެވެ. ރަށު ކުޅުންތެރިންނާއިއެކު ރަނގަޅު ހިސާބަކަށް ވާސިލްވުމުގައި އުންމީދުގައި ނުކުންނަ މި ޓީމުގައި ޤައުމީ ޓީމުގެ ކުޅުންތެރިއެއް އަދި ރާއްޖޭން ބޭރު ކުޅުންތެރިއެއް ވެސް ނެތެވެ. މިއީ ފުޓްބޯޅައިން ކުރިޔަށް ދާން ބޭނުންވާ ރަށު ކުޅުންތެރިންނަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.
މާފަރު ފުޓްބޯޅަ ކުލަބް
މީގެ ކުރިން ދެ އަހަރު ވެސް ސެމީ ފައިނަލްގައި ކުޅެފައިވާ، މާފަރު ފުޓްބޯޅަ ކުލަބްގައި ވެސް ގިނައީ އެރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ޤައުމީ ޓީމުގެ ކުޅުންތެރިއެއް އަދި ރާއްޖޭން ބޭރު ކުޅުންތެރިއެއް މި ޓީމުގައި ނެތެވެ. އެކަމު މިހާރު ވެސް ފުރަތަމަ ޑިވިޝަންގައި މޮޅު ކުޅުމެއް ދައްކަމުންދާ މުހައްމަދު ނިޒާމާއި ޒައިން ޒަފަރު، މުޙައްމަދު ރަޒާން އާއި އައިހަމް ހަމްދޫން އަދި އަބްދުﷲ ސަމީހް މޫސާ މި ޓީމުގައި ހިމެނެއެވެ. ފުޓްބޯޅައިން ދިވެހިރާއްޖެއަށް ރަން މެޑަލް ހޯދައިދިން ކެޕްޓަން އަސްއަދު އަބްދުލްޣަނީ އާއި އަކްރަމް އަބްދުލްޣަނީ ނިސްބަތްވާ މާފަރަކީ ފުޓްބޯޅައިގެ ފޯރި އިންތިހާއަށް އޮތް ރަށެކެވެ. މި ޓީމުގެ އަމާޒަކީ މި އަހަރު ވެސް ދަށްވެގެން ސެމީ ފައިނަލާއި ހަމައަށް ދިއުމެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ މާފަރު ފުޓްބޯޅަ ކުލަބާއި މަނަދޫ ސްޕޯރޓްސް ކުލަބެވެ.
