ނ. ކެނދިކުޅުދޫގައި ކުރިއަށްދާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެންޕިއަންޝިފް” މިއަދު ފެށިއިރު، މުބާރާތުގެ ފުރަތަމަ މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. މިދިޔަ ދެ އަހަރުގެ މުބާރާތުގައި ވެސް ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ ނ. މާފަރާއި ނ. މަނަދޫ ބައްދަލުކުރި މި ފޯރިގަދަ މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މެޗު ފެށުނީއްސުރެ މާފަރުން ދިޔައީ ރަނގަޅު ކުޅުމެއް ދައްކައި، ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުންނެވެ. އެގޮތުން ލިބުނު މަދު ފުރުސަތުތަކެއްގެ ބޭނުން ނުކުރެވި ދިއުމަށްފަހު، މެޗުގެ ފުރަތަމަ ލަނޑު ޖަހައި މާފަރުން ލީޑު ނެގީ ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އައިހަމް ހަމްދޫނެވެ. އޭނާ މި ލަނޑު ޖެހީ މާފަރުގެ ކުޅުންތެރިއަކު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް، މަނަދޫގެ ޑިފެންޑަރުންގެ ތެރެއިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މާފަރުން ލީޑު ނެގި ނަމަވެސް، މަނަދޫން ވަނީ ހިތްވަރާއެކު ކުޅެ މެޗުގެ 31 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މަނަދޫގެ މުޙައްމަދު މާނިއު މި ލަނޑު ކާމިޔާބުކުރީ އޭރިޔާ ތެރެއަށް ވަދެ، ހަނި އޭންގަލަކުން ފޮނުވާލި ހިތްގައިމު ހަމަލާއަކުންނެވެ. އެހެންނަމަވެސް، މަނަދޫގެ މި އުފާވެރިކަން މާގިނައިރަކަށް ދެމިއެއް ނޯތެވެ. މެޗުގެ 35 ވަނަ މިނެޓުގައި މާފަރުގެ ކުޅުންތެރިއަކަށް އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އައްޒާމް އަބްދުﷲ ވަނީ އަލުން މާފަރަށް ލީޑު ހޯދައިދީފައެވެ.
ފުރަތަމަ ހާފު 2-1 އިން މާފަރު ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފު ފެށިގެން މަނަދޫން ވަނީ ކުޅުން ވަރުގަދަކޮށްފައެވެ. އެ ޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވެ، މެޗުގެ 51 ވަނަ މިނެޓުގައި އަހްމަދު އަލީ ވަނީ ހިތްގައިމު ފްރީ ކިކަކުން ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭނާ ފޮނުވާލި މި ބޯޅަ ގޯލުގެ ތެރެއަށް ވަނީ މާފަރުގެ ކީޕަރު އަތުގައި ޖެހިފައެވެ.
މުޅި މެޗަށް ބަލާއިރު ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމަށް ވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބުނު ނަމަވެސް، އިތުރު ލަނޑެއް ނުފެނި މެޗު ނިމުނީ އެއްވަރުވެގެންނެވެ.
މި މުބާރާތުގެ ފޯރިގަދަ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މިރޭ ބައްދަލުކުރާނީ އދ. މަހިބަދޫ ޖިބިއްލީ ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ 23 އަހަރުން ދަށުގެ ޓީމެވެ.
