ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މާޒިޔާ އާއި ޖިބިއްލީ ބައްދަލުކުރި ފޯރިގަދަ މެޗު އެއްވަރުވެގެން ނިމިއްޖެ
ނ. ކެނދިކުޅުދޫގައި މިއަދު ފެށި “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެންޕިއަންޝިފް” ގެ ދެވަނަ މެޗު ވެސް އެއްވަރު ވެއްޖެއެވެ. އދ. މަހިބަދޫ ޖިބިއްލީ ސްޕޯރޓްސް އާއި މާޒިޔާގެ 23 އަހަރުންދަށު ޓީމް މިރޭ ވާދަކުރި މިމެޗު އެއްވަރު ވީ 2-2 އިންނެވެ. މިމުބާރާތުގެ ފުރަތަމަ މެޗް ވެސް ނިމުނީ މި ނަތީޖާއިންނެވެ.
ސީނިއާރ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޖިބިއްލީ އާއި މާޒިޔާ ބައްދަލުކުރި މެޗު ފަށައިގެން މޮޅަށް ކުޅެ ގިނަ ފުރުސަތު ހޯދީ މާޒިޔާއިންނެވެ. އެގޮތުން މެޗުގެ 2 ވަނަ މިނިޓްގައި އިބްރާހީމް އައިސަމް ފޮނުވާލި ބޯޅަ ކީޕަރު މުޙައްމަދު ސަފީއުގެ ބޯމަތިން ގޮސް އަމާޒުވީ އަރިމަތީ ދަނޑިއަށެވެ. ދެވަނަ ފަހަރަށް އެ ބޯޅަ މާޒިޔާ ކުޅުންތެރިއަކަށް ލިބުނު ނަމަވެސް މިފަހަރު ފޮނުވާލި ބޯޅަ ދިޔައީ މާމަތިން ބޭރަށެވެ. އޭގެ އިރުކޮޅެއްފަހުން ފޮނުވާލީ ނުރައްކާތެރި ހަމަލާއެއް ކީޕަރ މުޙައްމަދު ޝަފީއު ދިފާއުކޮށްފައިވެއެވެ. ޒުވާން ގައުމީޓީމުގެ ބައެއް ކުޅުންތެރިން ވެސް ހިމެނޭ މާޒިޔާއިން ލަނޑެއް ޖެހުމަށް ކުރަމުން އައި މަސައްކަތް ކާމިޔާބު ނުވެ އުޅެނިކޮށް، ޖިބިއްލީއިން ވަނީ މެޗުގެ ކޮންޓުރޯލް ހޯދައިފައެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖިބިއްލީ އިން ކާމިޔާބުކުރީ 24 ވަނަ މިނިޓްއެވެ. އިބްރާހީމް އުސާމާ މާޒިޔާގެ އޭރިޔާތެރެއިން ޖައްސާލި ބޯޅަ ހޯދުމަށްފަހު، އަލީ އަޝްފާގަށް ޖައްސާލައި ދެވަނަ ފަހަރަށް އެ ބޯޅަ ހޯދައި ގޯލްގެތެރެއަށް ފޮނުވާލީ އެންމެފަހުން ނިމުނު އެފްއޭކަޕްގައި އެންމެ ގިނަ ލަނޑުޖެހި އަލީ ފާސިރު (ސެންޓޭ) އެވެ.
މަޑުމަޑުން މެޗްގެ ތެރެއަށް ވަތް ޖިބިއްލީއިން ލަނޑެއް ޖަހައި މެޗްގެ ކޮންޓްރޯލް ހޯދި ނަމަވެސް، ލަނޑު ޖަހާނެ ފުރުސަތުތައް މާޒިޔާއިން ދިޔައީ ހޯދަމުންނެވެ.
ނަތީޖާ ހަމަހަމަ ކުރެވޭތޯ މާޒިޔާއިން މަސައްކަތް ކުރަމުން ދަނިކޮށް ޖިބިއްލީ އިން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައިފައެވެ. މިހާތަނަށް ރާއްޖެދުއް އެންމެމޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) މިލަނޑު ޖެހީ އަހްމަދު ރިޒްވާން މަތިމަތިން ގޯލް ކުރިމައްޗަށް ނަގައިދިން ބޯޅަ ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 2-0 އިން ޖިބިއްލީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ފެށުމާއިއެކު މާޒިޔާއިން ކުޅުން ރަނގަޅުކުރި ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ކުރެވޭވަރެއް ނުވިއެވެ. ނަތީޖާ ހަމަހަމަ ކުރާނެ އެތައް ފުރުސަތެއް ލިބި އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުކުރެވުނެވެ.
ދެވަނަ ހާފުގައި ޖިބިއްލީއިން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަހްމަދު ރިޒުވާން އަށެވެ. ހުސްކޮށް ކަހަލަ ގޮތަކަށް އޭރިޔާތެރެއަށް ވަދެ ރިޒްވާން ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުވެ ގޯލް ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.
ޖިބިއްލީއަށްވުރެ ރަނގަޅަށް ކުޅެމުންދިޔަ މާޒިޔާއިން އުފައްދަމުންދިޔަ ހަމަލާތަކުން ހަމަލާއެއް ގޯލްގެ މަތީ ދަނޑިއަށް ވެސް އަމާޒުވިއެވެ.
މާޒިޔާއިން އެޓީމުގެ ފުރަތަމަ ލަނޑު ޖެހީ 85 ވަނަ މިނިޓްގައެވެ. ކޯނަރަކުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލްގެތެރެއަށް ފޮނުވާލީ އައިދު މުޙައްމަދު ޖަވީޒް އެވެ.
ގާތްގާތުގައި ފުރުސަތުތައް ފަހިކުރަމުން ލަނޑެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ މާޒިޔާގެ ހަމަލާތައް ހުއްޓުވުމުގައި ޖިބިއްލީގެ ކީޕަރާއި ޑިފެންޑަރުން ވަނީ ކާމިޔާބު ހޯދައިފައެވެ. އިތުރު ވަގުތުގެތެރޭގައި އައިދު މުޅިން ހުސްކޮށް އޭރިޔާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލަން މަސައްކަތް ބޯޅައެއް ވެސް ކީޕަރު މުޙައްމަދު ސަފީއު ވަނީ ދިފާއުކޮށްފައެވެ.
މާޒިޔާއިން މެޗްގެ ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނިޓްގައެވެ. ކޯނަރަކުން ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލްގެތެރެއަށް ފޮނުވާލައި މާޒިޔާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަމޫހް އަލީ އެވެ. ސީނިއާރ ގައުމީޓީމުގެ ކެޕްޓަން ސަމޫހް އަލީ އަކީ ޖިބިއްލީ ސްޕޯރޓްސްގެ މުހިންމު ކުޅުންތެރިއެކެވެ.
ޖިބިއްލީ އިން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެލަނޑު ޖަހައި މާޒިޔާއިން އެއްވަރުކުރި މިމެޗްގައި އދ.މަހިބަދޫއަށް ނިސްބަތްވާ ޖިބިއްލީ ސްޕޯރޓްސް ކޮޅަށް ލަނޑު ޖެހި ދެ ކުޅުންތެރިންނަކީ ވެސް އދ.މަހިބަދޫ ދެކުޅުންތެރިންނެވެ.
މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދިން ސަމޫހް އަލީއެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މިމެޗްގައި ބައްދަލުކުރާނީ ކެނދިކުޅުދޫ ސްޕޯރޓްސް ކުލަބާއި އަލިފުށީ ރެކްރިއޭޝަން ކުލަބެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top