އިންޑިއާގެ މަޝްހޫރު އެކްޓަރު އަކްޝޭ އޮބެރޯއީ އޭނާގެ ކުރިއަށް އޮތް ފިލްމު “ލަވް ލޮޓަރީ” އާއެކު، އާންމުކޮށް ފިލްމުތަކުގައި ގެނެސްދޭ އާދަކާދަތަކުގެ އިންތައް ފަހަނައަޅައި ދިއުމަށް ތައްޔާރުވެއްޖެއެވެ. މި ފިލްމަކީ ޖިންސީ ތަފާތުކުރުންތަކުގެ ތެރޭގައި ހުންނަ އުނދަގޫ މައްސަލަތަކާއި، ގުޅުންތަކުގައި އުފެދޭ ދެބަސްވުންތަކާމެދު މީހުން ދެކޭގޮތް ބަދަލުކޮށްލާނެފަދަ، ފުން ވިސްނުމަކަށް ދަޢުވަތުދޭ ފިލްމެކެވެ.
މި ފިލްމުގައި ވަރަށް މުހިންމު، އަދި އެހާމެ މަދުން ނޫނީ މަޝްވަރާ ނުކުރެވޭ ސުވާލެއް އުފައްދައެވެ. އެއީ ހިތާމައާއި ނަފުސާނީ ގޮތުން ކުރިމަތިވާ ދަތިތަކަކީ ވަކި ޖިންސަކަށް ޚާއްސަ ކަންތައްތަކެއްގެ ބަދަލުގައި، ހުރިހާ ޖިންސަކަށްވެސް އެއްހަމައެއްގައި އިޙުސާސްކުރެވޭނެ ކަންކަން ކަމުގައި ބަލައިގަނެވިދާނެތޯއެވެ؟ އިންޑިއާގެ މިޒަމާނުގެ މާހައުލަކަށް ބިނާކޮށް އުފައްދާ މި ފިލްމަކީ، ސިޓީއެއްގައި ދިރިއުޅޭ ދެމަފިރިއެއްގެ ކައިވެނި ރޫޅި، އެކަމުގެ ތެރޭގައި އުފެދޭ ޤާނޫނީ އަދި އަޚުލާޤީ މައްސަލަތައް މުޖުތަމަޢުގެ އުންމީދުތަކާ އެއްގޮތަށް ބައްޓަންވަމުންދާ ގޮތް ދައްކުވައިދޭ ކޯޓު ޑްރާމާއެކެވެ.
އަކްޝޭ ބުނި ގޮތުގައި، މި ފިލްމަށް އޭނާ ޝައުޤުވެރިވީ އުނދަގޫ ސުވާލުތައް ކުރިމަތިކުރުވަން ފިލްމުގެ ވާހަކައިގައި ހުރި ހިތްވަރެއްގެ ސަބަބުންނެވެ.
“އަހަރެމެން މި އުޅެނީ ޖިންސީ ތަފާތުކުރުންތަކާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ބަދަލުވަމުންދާ ޒަމާނެއްގައި. ނަމަވެސް، ގިނަ ފަހަރަށް މި ވާހަކަތައް އޮންނަނީ ވަކި ކޮޅަކަށް ބުރަވެފައި ނުވަތަ ވަކި އޮނިގަނޑެއްގެ ތެރޭގައި ހަނިވެފައި. މި ފިލްމުގެ މަޤުސަދަކީ ވަކި ކޮޅަކަށް ޖެހުމެއް ނޫން. އެކަމަކު މީހުންގެ ވިސްނުން ފުޅާކޮށްދިނުން. ހިތާމައާއި، ބަލިކަށިކަމާއި، ނަފްސާނީ ހަނގުރާމައަކީ ވަކި ޖިންސަކަށް އެކަނި ޚާއްސަވެފައިވާ ކަންކަމެއް ނޫންކަން މި ފިލްމުން ދައްކުވައިދޭނެ. ބައެއް ހާލަތްތަކުގައި މީހުންގެ އަޑު ނީވި، އެމީހުންގެ ތަޖުރިބާތަކަށް އަޅާނުލެވި ހުރެދާނެ. އެކަން ބަލައިގަތުމަކީ އަނެކާގެ ތަޖުރިބާއަށް ނުވަތަ ހަނގުރާމައަށް އުނިކަމެއް އަންނަ ކަމެއް ނޫން. އެއީ މަޝްވަރާތައް އިތުރަށް މުއްސަނދިކޮށްދޭނެ ކަމެއް.” އޭނާ ބުންޏެވެ.
“ޕިއްޒާ”، “ޕީކޫ”، “ތާރް”، “ލަވް ހޮސްޓެލް” އަދި “ފައިޓާ” ފަދަ ތަފާތު ފިލްމުތަކުން ފެނިގެން ގޮސްފައިވާ މި އެކްޓަރު އިތުރަށް ބުނީ، އޭނާ އަބަދުވެސް ބޭނުންވަނީ މީހުންގެ ވިސްނުންތަކާ ކުޅެލާފަދަ ވާހަކަތަކެއްގެ ބައިވެރިއަކަށް ވާށެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ވަކި ގޮތެއް ނިންމުމަށްވުރެ ބޮޑަށް، މަޝްވަރާ ކުރެވޭނެ ފުރުސަތު ހުޅުވާލައިދޭ ވާހަކަތައް މުޖުތަމައަށް ގެނެސްދިނުން މުހިންމެވެ.
“ލަވް ލޮޓަރީ” އަކީ ވަކި ކަމެއް ސާބިތުކޮށްދޭން އުޅޭ ފިލްމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި މިއީ މީހުން ފުންކޮށް ވިސްނާލުމަށް ފުރުސަތު ހުޅުވާލާ ފިލްމެއް ކަމަށް އޭނާ ބުންޏެވެ. އަދި މި ފިލްމުގެ ސަބަބުން މުޖުތަމައުގައި ތެދުވެރި މަޝްވަރާތަކެއް އުފެދިއްޖެނަމަ، އެއީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. އަކްޝޭ ޤަބޫލުކުރާ ގޮތުގައި ކޮންމެ ކުރިއަރާފައިވާ މުޖުތަމައެއްގެ އަސާސަކީ އެކަކު އަނެކަކަށް ހަމްދަރުދީވުމެވެ. މި ފިލްމަކީ އެކަން އިތުރަށް ހަރުދަނާކުރުމަށް އެޅޭ ފިޔަވަޅެކެވެ.
މިދިޔަ މާރިޗު މަހު ޝޫޓިން ފަށާފައިވާ “ލަވް ލޮޓަރީ” އަކީ އަންކުރް ކަތުރީގެ ވާހަކައަކަށް އަރްވިންދު ޕާންޑޭ ޑައިރެކްޓްކުރާ ފިލްމެކެވެ. އަކްޝޭގެ އިތުރުން ހޭލީ ދާރުވާލާ، މައްނޫ ރިޝީ ޗައްޑާ އަދި ކަބީރް ދުހާން ސިންގް މައިގަނޑު ރޯލުތަކުން ފެނިގެންދާ މި ފިލްމު ސިނަމާތަކަށް ގެންނާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
