ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ޑައިމަންޑް ޖުބުލީ އިންވިޓޭޝަނަލް ކަޕަށް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސީނިއާރ ގައުމީޓީމުން ބާއްވާ ފަރިތަކުރުންތައް 26 ވަނަ ދުވަހު ފެށުމަށް ހަމަޖައްސައިފިއެވެ.
1 ޖޫން އިން 10 ޖޫންއަށް މާލޭގައި ބާއްވާ މިމުބާރާތުގައި ދިވެހިރާއްޖޭގެ ސީނިއާރ ގައުމީޓީމުގެ އިތުރުން ދެން ވާދަކުރާނީ ސްރީލަންކާގެ ސީނިއާރ ގައުމީޓީމާއި ޕާކިސްތާނުގެ ސީނިއާރ ގައުމީޓީމު އަދި ބަންގުލަދޭސްގެ 23 އަހަރުން ދަށުގެ ޓީމެވެ.
އަންނަ އާދިއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރެކްޓިސްއަށް އެކުލަވާލީ ސްކޮޑްގައި، އޭޝިއަން ކަޕް ކޮލިފައިންއަށް އެކުލަވައިލި ޓީމުގައި ހިމެނުނު ތަޖުރިބާ ކުޅުންތެރިންނާއި، ދާދިފަހުން ނިމުނު ސާފް 20 އަހަރުން ދަށު މުބާރާތުގައި ކުޅުން ބައެއް ކުޅުންތެރިން ހިމެނިފައި ވެއެވެ.
32 ކުޅުންތެރިން ހިމެނޭ މިފަހަރުގެ ސްކޮޑްގައި ވެސް އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. މިއަހަރުގެ ލީގު ޗެންޕިއަންކަން ހޯދި މާޒިޔާގެ 11 ކުޅުންތެރިން ހިމެނޭއިރު، ގައުމީމުބާރާތުގެ ޗެންޕިއަން އޮޑި ސްޕޯރޓްސްގެ 6 ކުޅުންތެރިން ހިމެނެއެވެ. އެފްއޭކަޕްގެ ޗެންޕިއަން ނިއުރޭޑިއަންޓްގެ 5 ކުޅުންތެރިންނާއި އީގަލްސް 3 ކުޅުންތެރިން އަދި ބުރުގެ 3 ކުޅުންތެރިންގެ އިތުރުން ވިކްޓަރީގެ 2 ކުޅުންތެރިން ހިމެނެއެވެ. ޓީސީ އާއި ވެލެންސިޔާއިން ޖާގަ ލިބުނީ ކޮންމެ ޓީމަކުން ކުޅުންތެރިއަކަށެވެ.
ދިވެހިރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދިއުމަށް ހަމަޖެއްސި 19 އަހަރުން ދަށުގެ މުބާރާތް މިހާރު ވަނީ ނިމިފައެވެ. މާލޭ ސަރަހައްދުގެ 4 ޓީމެއް ވާދަކުރި މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ ސީ.އެޗް.އެސް.ސީ މާލެއެވެ.
މިމުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ނާސިއު އަހްމަދު ސިހާމަށް ވެސް ވަނީ މިފަހަރު އެކުލަވައިލި ސީނިއާރ ގައުމީޓީމުގެ ސްކޮޑުން ޖާގަ ލިބިފައެވެ.
އަންނަ އާދިއްތަ ދުވަހު ގައުމީޓީމުގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާއިރު، މިފަހަރު އެކުލަވައިލި ސްކޮޑްގެ 60% އަށްވުރެ ގިނަ ކުޅުންތެރިން މިވަގުތު ތިބީ ނ. ކެނދިކުޅުދޫގައި ބާއްވާ ” ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެންޕިއަންޝިފް ” މުބާރާތް ކުޅެން އެރަށުގައެވެ.
ގައުމީޓީމުގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވާ ތާރީހު ކުޑަތަންކޮޅެއް ފަސްކޮށްލައިދިނުމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރައޫފް ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކިބައިން އެދިފައެވެ.
