އިއްޔެ އަހަރެމެންގެ ތެރެއިން ވަކިވެގެން އެދިޔައީ 18 އަހަރުގެ އަންހެން ކުއްޖެކެވެ. މިއީ ހަމައެކަނި ޚަބަރެއްގެ ސުރުޚީއެއް ނޫނެވެ. ދުވަސްކޮޅަކުން ހަނދާން ނެތިގެންދާނެ އެހެން ވާހަކައެއް ވެސް ނޫނެވެ. އެއީ ދަރިއެކެވެ. އުޚުތެކެވެ. އޭނާއަކީ މީހަކު އޭނާގެ ވާހަކަ އަޑުއަހާނެ ކަމުގެ އުންމީދުގައި ހުރި، އެހީއަށް އެދި އަތްދިއްކުރަމުންދިޔަ ޒުވާން ފުރާނައެކެވެ.
މި ހާދިސާ މިހާ ހިތްދަތި ކަމަކަށް މިވަނީ، އެ ކުއްޖާ އެހީއަށް އެދި ގޮވަމުން ދިޔައީތީއެވެ. އޭނާ ފޯނު ކުރިއެވެ. އިންތިޒާރު ކުރިއެވެ. އަޑު އަހައިދިނުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް އެ ނާޒުކު ވަގުތުކޮޅުގެ ތެރޭގައި، އޭނާގެ އެ ހިތްދަތިކަމަށް ދޭންޖެހޭ ސަމާލުކަމެއް ނުލިބުނެވެ. އެކަން ނެގުނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. އުންމީދާއި މާޔޫސްކަމާ ދެމެދު އޮތް ކުޑަ ވަގުތުކޮޅުގެ ތެރޭގައި، ފޯނު ކޯލު ނިމުނުތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި، އޭނާ އެ ނިންމީ އަނބުރާ ރުޖޫއަ ނުކުރެވޭނެ ނިންމުމެކެވެ.
އޭގެ ކުރިން ވެސް އެކަމުގެ ނިޝާންތައް ފެނިފައި އެބަހުއްޓެވެ. އެއީ މިއަދު ފަސްއެނބުރި ބަލާއިރު ވަރަށް ބާރަށް ގޮވަމުންދިޔަ ހިމޭން ގޮވުންތަކެކެވެ. އިންސްޓަގްރާމްގައި “އަހަރެން މިދުނިޔެއާ ވަކިވާން ބާކީ އޮތީ 4 ދުވަސް ކަމަށް ގަބޫލެއް ނުކުރެވޭ” ޖަހާފައި އޮތް ސްޓޯރީއެވެ. އޭނާގެ ބޭބެއަށް ކުރި ކޯލްތަކާއީ ފޮނުވި މެސެޖު ތަކެވެ. އެއީ އޭނާގެ ހާލަތު ބަޔާންކޮށްދިނުމަށް ކުރި މަސައްކަތެކެވެ. ނަމަވެސް އެކަން މާނަކުރެވުނީ ސަމާލުކަން ހޯދަން ކުރާ ކަމެއްގެ ގޮތުގައެވެ. އެކަމަކު އެ ކުއްޖާ ބޭނުންވީ ހަމައެކަނި ސަމާލުކަން ހެއްޔެވެ؟ ނޫނެކެވެ. އޭނާ ބޭނުންވީ މީހަކާ ގުޅުމެވެ. “އަހަރެންނަށް ތިބާ ފެނެއެވެ. މަޑުކުރާށެވެ.” މިހެން ބުނާނެ މީހެކެވެ.
ނަފްސާނީ ދުޅަހެޔޮކަމާއި، ހޭލުންތެރިކަމާއި، އޯގާތެރިކަމުގެ ވާހަކަ އަހަރެމެން އަބަދުވެސް ދައްކަމެވެ. އެކަމަކު މިފަދަ ވަގުތުތަކުގައި އަމިއްލަ ނަފުސާ ކުރަންޖެހޭ ސުވާލަކީ، އެންމެ މުހިންމު ވަގުތު އަހަރެމެން ހަގީގަތުގައި ވެސް އަޑުއަހަން ހެއްޔެވެ؟ މި އަންހެން ކުއްޖާ ކުރިމަތިލަމުން ދިޔައީ ހަމައެކަނި އެއް ކަމަކާ ނޫނެވެ. މާޒީގެ ހިތްދަތިކަމާއި، އާއިލީ މައްސަލަތަކާއި، ނަފްސާނީ ގޮންޖެހުންތަކުގެ އިތުރުން، ބުލީކުރުމުގެ ބުރަދަނެވެ. އެއީ ސްކޫލު ނިމުމުން ނިމޭ ކަމެއް ނޫނެވެ. އެއީ އެންމެ އެކަހެރި ތަންތަނަށް ވެސް ފަހަތުން އަޅުވާލާ ކަމެކެވެ. އިންސާނާ މުޅިން އެކަނިވެފައިވާ ކަމަށް އަމިއްލަ ނަފުސަށް ގަބޫލުކުރެވޭ މިންވަރަށް ކުރާ އަނިޔާއެކެވެ.
އޭނާ ދޫކޮށްފައި ދިޔަ ހިމޭންކަމުގެ ތެރޭގައި އަހަރެމެން ސުވާލު ކުރަންޖެހެއެވެ. އެ ބުލީކުރި މީހުން ކޮބައިހެއްޔެވެ؟ މިއީ އިތުރު ނަފުރަތެއް އުފެއްދުމަށް ކުރާ ސުވާލެއް ނޫނެވެ. ނަމަވެސް ޒިންމާދާރު ކުރުވުމަށެވެ. މީސްމީޑިއާގައި ވިޔަސް ނުވަތަ ކުރިމަތީގައި ވިޔަސް، ބުނާ ބަސްތަކާއި ކުރާ އަމަލުތަކުން ފުން ލަކުނުތަކެއް ޖެހެއެވެ. ބައެއް ފަހަރު އެއީ ފެންނަން ނެތް ނަމަވެސް، ދާއިމީ ލަކުނުތަކެކެވެ.
މިއީ ހަމައެކަނި ބަޔަކު ކުށްވެރިކުރުމުގެ ވާހަކައެއް ނޫނެވެ. މިއީ ޒިންމާގެ ވާހަކައެވެ. މުޖުތަމައެއްގެ ގޮތުންނެވެ. ރަހުމަތްތެރިންނާއި އާއިލާގެ ގޮތުންނެވެ. އަދި އެހެން މީހުންގެ ވޭންތަކަށް ބެލުމެއް ނެތް ބީރައްޓެހިންގެ ގޮތުންނެވެ. އަހަރެމެން މިއަށްވުރެ ބޮޑަށް ހޭލުންތެރިވާން ޖެހެއެވެ. އެހީއަށް އެދި ގޮވާ ކޮންމެ ގޮވުމަކީ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަންޖެހެއެވެ. ވޭނުގައި އުޅޭ މީހަކަށް އެންމެ ބޮޑަށް ބޭނުންވަނީ ސަމާލުކަމެވެ. އެހީއަށް އެދޭ މީހަކު އެކަން ކުރަނީ ހަމައެކަނި “ސަމާލުކަން ހޯދަން” ކަމަށް ބުނެ އެކަން ދޫކޮށްނުލާށެވެ.
އެހީއަށް އެދުމުން އެކަމަށް އަވަސް ފިޔަވަޅު އަޅައި، އޯގާތެރިކަމާއެކު އަޑުއަހާނެ މާހައުލެއް އަހަރެމެން ބިނާކުރަން ޖެހެއެވެ. އޯގާތެރިކަމަކީ ހަމައެކަނި ދައްކާ ވާހަކައަކަށް ނުހަދައި، އެއީ ދިރިއުޅުމުގެ އާދައަކަށް ހަދަންޖެހެއެވެ. މިއަދު އަހަރެން ހިތާމަ މިކުރަނީ ހަމައެކަނި މި މުޖުތަމައުގެ މީހެއްގެ ހައިސިއްޔަތުން އެކަންޏެއް ނޫނެވެ. މައެއްގެ ހައިސިއްޔަތުން ވެސް މެއެވެ. ޒުވާން އަންހެން ކުއްޖެއްގެ ފުރާނަ މިފަދަ ގޮތަކަށް ގެއްލިގެން ދިއުމަކީ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރުވާ ކަމެކެވެ. މިއީ، އަހަރެމެންގެ ދަރިންނަކީ ކިހާ ނާޒުކު ބައެއްކަން ހަނދާންކޮށްދޭ ކަމެކެވެ. ވަށައިގެންވާ ދުނިޔެއަކީ ބައެއް ފަހަރު އަޑުގަދަ، ހަރުކަށި، އަދި އެހާމެ ރަހުމުކުޑަ ތަނެކެވެ.
އޭނާ އަދިވެސް އަހަރެމެންގެ ތެރޭގައި ހުންނަން ޖެހޭނެއެވެ. އޭނާއަށް އިތުރު ވަގުތު ލިބެން ޖެހޭނެއެވެ. އިތުރު ފުރުސަތުތަކާއި، އިތުރު އަޅާލުން ލިބެން ޖެހޭނެއެވެ. ނަމަވެސް މިއަދު އަހަރެމެންނަށް ބާކީ މިވަނީ ހަމައެކަނި ޖަވާބު ނުލިބޭ ސުވާލުތަކާއި، ހިތްދަތިކަމާއި، އުފުލަން ދަތި ހިމޭންކަމެކެވެ.
މިއީ މިއަދު ދެރަވެލާފައި މާދަމާ ހަނދާން ނައްތާލެވޭނެ ވާހަކައަކަށް ނުހަދަމާ ހިނގާށެވެ. މިއީ އަހަރެމެންގެ އަމަލުތައް ބަދަލުކުރަން ލިބުނު ފުރުސަތަކަށް ހަދަމާ ހިނގާށެވެ. ތިޔަބޭފުޅުންގެ ދަރިންގެ ހާލު ބައްލަވާށެވެ. އެކުދިން ދައްކާ ވާހަކަތަކަށް ކޮޅުފައިން ނުޖަހައި ކަނުލައި އަޑުއައްސަވާށެވެ. އޯގާތެރިކަމާއެކު ބަސްމަގު ބަހައްޓަވާށެވެ. ބުލީކުރުމާ ދެކޮޅަށް ތެދުވާށެވެ. އަދި މީހަކު އެހީއަކަށް އެދިއްޖެނަމަ، ކިތަންމެ ކުޑަކަމެއް ނަމަވެސް އެއީ ސީރިއަސް ކަމެއްގެ ގޮތުގައި ބައްލަވާށެވެ.
ބައެއް ފަހަރު، އެ ކުޑަޑަ ވަގުތުކޮޅަކީ މީހެއްގެ ދިރިއުޅުމާއި މަރާ ދެމެދު އޮތް ފަރަގަކަށް ވެދާނެއެވެ. އިއްޔެ އަހަރެމެންނަށް ގެއްލުނީ 18 އަހަރުގެ ކުއްޖެކެވެ. ދެން އިތުރު ކުއްޖަކު ގެއްލުނަ ނުދެމާ ހިނގާށެވެ.
