އިންޑިއާގެ މަޝްހޫރު ފިލްމް އުފައްދާ ކުންފުނި، ޔާޝް ރާޖް ފިލްމްސް (ވައި.އާރު.އެފް) އިން އެ ކުންފުނީގެ 50 އަހަރަށްވުރެ ދިގު ތާރީޚުގައި ފުރަތަމަ ފަހަރަށް ބިރުވެރި ފިލްމެއް އުފެއްދުމަށް ތައްޔާރުވެއްޖެއެވެ.
މި ފިލްމު ޑައިރެކްޓްކުރުމަށް ހަމަޖެހިފައިވަނީ ކްރިޓިކުންގެ ބޮޑު ތަރުހީބެއް ހޯދި ސީރީޒް “ރޮކެޓް ބޯއީސް” އުފެއްދި ހުނަރުވެރި ޑައިރެކްޓަރު އަބޭ ޕަންނޫއެވެ. މި މަޝްރޫއުގެ ސްކްރިޕްޓް ވެސް ތައްޔާރުކޮށްފައިވަނީ އަބޭއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އަދި ފިލްމު ސިނަމާތަކަށް އަންނާނެކަމަށް ބެލެވެނީ 2027 ވަނަ އަހަރުއެވެ.
ވައި.އާރު.އެފްގެ ސީ.އީ.އޯ އަކްޝޭ ވިދާނީގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ މި މަޝްރޫއަކީ، އެ ކުންފުނީގެ ވެރިޔާ އަދިތުޔާ ޗޯޕްރާ، ކުންފުނީގެ ފިލްމު އުފެއްދުމުގެ ދާއިރާ ފުޅާކުރުމަށް ނިންމި މުހިންމު ނިންމުމެކެވެ. މީގެ ކުރިން އެކި ވައްތަރުގެ ފިލްމުތައް އުފެއްދި ނަމަވެސް، ބިރުވެރި ފިލްމެއް އުފެއްދުމަށް މި ކުންފުނިން މީގެ ކުރިން މަސައްކަތްކޮށްފައެއް ނުވެއެވެ.
“ސައްޔާރާ” ގެ ކާމިޔާބީއަށްފަހު، ވައި.އާރު.އެފް އިން ދަނީ އާ ޖީލުގެ ވާހަކަ ދައްކައިދޭ ފަރާތްތަކާއެކު މަސައްކަތް ފުޅާކުރަމުންނެވެ. މީގެ ތެރޭގައި މޯހިތު ސޫރީ އާއި ސަމީރު ސަކްސޭނާ ފަދަ ޑައިރެކްޓަރުން ހިމެނެއެވެ. މި އާ ސިޔާސަތުގެ ދަށުން، އަދިތުޔާ ޗޯޕްރާ ވަނީ ފިލްމު އުފެއްދުމުގެ ބައެއް ޒިންމާތައް އަކްޝޭ ވިދާނީއާ ހަވާލުކޮށް، އާ އުފެއްދުންތެރިންނަށް ފުރުސަތު ދިނުމަށް މަގުފަހިކޮށްދީފައެވެ.
މިއީ ވައި.އާރު.އެފްގެ ތާރީޚުގައި އަދިތުޔާ ޗޯޕްރާ ފިލްމު އުފެއްދުމުގެ އިސް ޒިންމާތަކެއް އެހެން ފަރާތަކާ ހަވާލުކޮށް، ކުންފުނީގެ މަސައްކަތްތައް މިގޮތަށް ބަހާލި ފުރަތަމަ ފަހަރެވެ. މި ބަދަލާއެކު، ކުރިއަށް އޮތް ތަނުގައި ތަފާތު އަދި އާދަޔާ ޚިލާފު ގިނަ މަޝްރޫއުތަކެއް ފެނިގެންދާނެ ކަމަށް ބެލެވެއެވެ.
