ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ނޭނގޭ ވާހަކަ ނުދައްކާާ!
ފޮޓޯ: މުނިއަވަސް ގްރެފިކްސް

އިންސާނާއަށް ދެއްވާފައިވާ އެންމެ މަތިވެރި އެއް ނިޢުމަތަކީ ވާހަކަދެއްކުމުގެ ކުޅަދާނަކަމެވެ. ދުލަކީ އިންސާނާގެ ހިތުގައިވާ އިޙުސާސްތަކާއި، ބުއްދިއަށް ފެންނަ ޚިޔާލުތައް އެހެން މީހުންނަށް ފޯރުކޮށްދޭ ވަސީލަތެކެވެ. ނަމަވެސް މި ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ނުހިފައި، ތިމާއަށް ނޭނގޭ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމަކީ މުޖުތަމަޢަށާއި ފަރުދުންނަށް އޭގެ ސަބަބުން ނުހަނު ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާ ކަމެކެވެ.

އިސްލާމްދީނުގައި ނޭނގޭ ކަންކަމާ ބެހޭގޮތުން ވާހަކަދެއްކުމާއި، ކަންކަމުގެ ހަޤީޤަތް ނުބަލައި ފަތުރާ ވާހަކަތަކުން ދުރުހެލިވުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. މާތް ﷲ ސޫރަތުލް އިސްރާގެ 36 ވަނަ އާޔަތުގައި ވަނީ މިފަދައިން ވަޙީކުރައްވާފައެވެ. “އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް ތިބާ ތަބާނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލުކުރައްވާނޭ ކަމެއްކަމުގައިވިއެވެ.” މިއިން އެނގެނީ އަޅުގަނޑުމެން ދައްކާ ކޮންމެ ވާހަކައަކާއި، ފަތުރާ ކޮންމެ މަޢުލޫމާތަކީ އާޚިރަތް ދުވަހުން އެއާމެދު ސުވާލުކުރެވޭނެ ކަންކަން ކަމެވެ.

ނޭނގޭ ވާހަކަ ދެއްކުމުގެ ސަބަބުން މުޖުތަމަޢުގައި ފިތުނަފަސާދަ އުފެދި، މީހުންގެ މެދުގައި އޮންނަ އިތުބާރު ގެއްލިގެންދެއެވެ. ޚާއްސަކޮށް ދީނީ ކަންކަމުގައާއި، ސިއްޙީ ކަންކަމުގެ އިތުރުން މީހުންގެ އަބުރާ ގުޅުންހުރި ކަންކަމުގައި ނޭނގި ހުރެ ވާހަކަދެއްކުމަކީ ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ ކަމެކެވެ. ދީނީ ގޮތުން ބަލާއިރު، ޢިލްމެއް ނެތި ފަތުވާ ދިނުމާއި ދީނީ ޙުކުމްތަކާ ބެހޭގޮތުން ވާހަކަދެއްކުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ހަމައެފަދައިން، މީހެއްގެ އަބުރަށް ހުތުރުވާގޮތަށް، ކަމުގެ ހަޤީޤަތް ނޭނގި ތިބެ ދައްކާ ވާހަކަތަކުގެ ސަބަބުން އާއިލާތައް ރޫޅި، މީހުންގެ އަބުރު ގެއްލިގެންދެއެވެ.

މިއަދުގެ ޒަމާނީ މުޖުތަމަޢުގައި، މީސްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ދޮގު މަޢުލޫމާތާއި، ހަޤީޤަތެއް ނެތް ވާހަކަތައް ފެތުރުން ވަނީ އާންމު ކަމަކަށް ވެފައެވެ. ގިނަ ފަހަރަށް މީހުން މަޢުލޫމާތު ހިއްސާކުރަނީ އޭގެ ސައްޙަކަން ބެލުމެއް ނެތިއެވެ. ކަމެއްގެ ހަޤީޤަތް ހޯދައި ބެލުމަކީ މުސްލިމުންގެ ކިބައިގައި ހުންނަންޖެހޭނެ މުހިންމު ސިފައެކެވެ. ނޭނގޭ ކަމެއްގައި “ނޭނގެއޭ” ބުނުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. އެއީ ޢިލްމުވެރިކަމާއި ތަޤުވާވެރިކަމުގެ އަލާމާތެކެވެ.

ދުލަކީ ހެޔޮގޮތުގައި ބޭނުންކޮށްފިނަމަ ސުވަރުގެ ދިއުމުގެ މަގަކަށް ވެދާނެ އެއްޗެކެވެ. އަދި ނުބައި ގޮތުގައި ބޭނުންކޮށްފިނަމަ ނަރަކައަށް ދިއުމުގެ ސަބަބަކަށް ވެސް ވެދާނެ އެއްޗެކެވެ. އެހެންކަމުން، ކޮންމެ މީހަކުވެސް ބަހެއް ބުނުމުގެ ކުރިން އެއީ ތެދު މަޢުލޫމާތެއްތޯއާއި، އެ ވާހަކައެއް ދެއްކުމުން މުޖުތަމަޢަށް ކުރާނެ ފައިދާއަކީ ނުވަތަ ގެއްލުމަކީ ކޮބައިތޯ ވިސްނާލުން މުހިންމެވެ. ނޭނގޭ ވާހަކަ ނުދައްކައި ހަނުހުރުމަކީ ސަލާމަތްކަން ލިބިގެންވާ ގޮތެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top