މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރް ވަނީ، ދުނިޔެ ދުށް އެންމެ ވަރުގަދަ ފަންނާނު މައިކަލް ޖެކްސަންއާ މުމްބާއީން ބައްދަލުވި ތާރީޚީ ވަގުތުކޮޅުގެ ހަނދާންތައް ވަރަށް އަސަރުގަދަ ގޮތަކަށް އާކޮށްފައެވެ.
މިދިޔަ ހުކުރު ދުވަހު އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް، އަނޫޕަމް ކޭރް ވަނީ މައިކަލް ޖެކްސަންއާ އެކު ނަގާފައިވާ ދުވަސްވީ ފޮޓޯއެއް ހިއްސާކޮށް، އޭނާއަށް ޚާއްޞަ ޝުއޫރުތަކެއް ބަންޑުންކޮށްލާފައެވެ. އޭނާގެ މެސެޖުގައި ބުނެފައިވަނީ، އެ ފޮޓޯއަކީ ހަމައެކަނި ހަނދާނެއް ނޫން ކަމަށާއި، އެއީ ވަގުތުގެ ތެރޭގައި ހުއްޓިފައިވާ ވަރަށް ޚާއްޞަ އިޙްސާސެއް ކަމަށެވެ. މުމްބާއީގައި މައިކަލް ޖެކްސަންގެ އަތުގައި ހިފާލެވުނު ވަގުތު އަދިވެސް އިއްޔެވީ ކަމެއް ފަދައިން ހަނދާން އެބަހުރި ކަމަށް އޭނާ ފާހަގަކުރިއެވެ.
އަނޫޕަމް ކޭރް އިތުރަށް ބުނެފައިވަނީ، އެ ކުރު ވަގުތުކޮޅުގެ ތެރޭގައި އޭނާއަށް އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނު ކަމަށާއި، އެއީ ހީވެސް ނުކުރާ ފަދަ ޖާދޫއެއްގައި ޖެހުނު ފަދަ އިޙްސާސެއް ކުރެވުނު ވަގުތުކޮޅެއް ކަމަށެވެ.
އަނޫޕަމް ކޭރް ފާހަގަކުރި ގޮތުގައި، މައިކަލް ޖެކްސަންއަކީ ހަމައެކަނި ފަންނާނެއް ނޫނެވެ. އޭނާއަކީ ދުނިޔެއަށް ދެން ދުވަހަކުވެސް ނުފެންނާނެ ފަދަ އާދަޔާޚިލާފު ޝަޚްޞިއްޔަތެކެވެ. ކުރިއަށް އޮތް ހާސް އަހަރު ތެރޭގައިވެސް މި ފަންނުގައި އޭނާ ފަދަ ދެވަނަ އެހެން މީހަކު ނާންނާނެ ކަމަށް އޭނާ ޔަގީންކަމާއެކު ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ، މައިކަލް ޖެކްސަން މި ދުނިޔޭގައި އުޅެ، އޭނާގެ ފަންނާއި، މައުސޫމްކަމާއި، ތޫނުފިލިކަމުން އެތައް މިލިއަން ބައެއްގެ ހިތްތަކާ ކުޅެލާފައިވާތީ އެކަމާ އުފާކުރާ ކަމަށެވެ. އޭނާއަކީ އަބަދުވެސް ދުނިޔޭގެ އަށްވަނަ އަޖައިބު ކަމުގައި ދެމިއޮންނާނެ ކަމަށްވެސް އަނޫޕަމް ކޭރް ސިފަކުރިއެވެ.
ބައެއް މީހުން މައިކަލް ޖެކްސަންގެ ރަނގަޅު ސިފަތަކުގެ ބަދަލުގައި ނުބައި ވާހަކަތައް ދައްކާތީ އެކަމާ ހިތާމަކުރާކަން ފާހަގަކުރަމުން އަނޫޕަމް ބުނީ، އޭނާއަކީ އިންސާނިއްޔަތަށް ލިބުނު ހަދިޔާއެއް ކަމަށެވެ.
އަނޫޕަމް ކޭރް މި ޝުއޫރުތައް ފާޅުކޮށްފައިވަނީ، މައިކަލް ޖެކްސަންގެ ކުޑައިރުގެ “ޖެކްސަން 5” ބޭންޑުން ފެށިގެން ދުނިޔޭގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާއަށް ވުމާ ހަމައަށް އޭނާގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ފިލްމުގެ މަސައްކަތް ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
