މާލޭގެ އަވަސް ދިރިއުޅުމާއި، އެކަކު އަނެކަކާ ގުޅިލާމެހިފައިވާ މުޖުތަމައެއްގައި، “ކިހިނެއް؟” މި ސުވާލަށް ގިނަ ފަހަރަށް ލިބޭ ޖަވާބަކީ “ރަނގަޅު” މި ޖަވާބެވެ. ނަމަވެސް، ހަޤީޤަތަކީ އަހަރެމެންނަކީ އަބަދު “ރަނގަޅު” ބައެއް ނޫނެވެ.
ދިވެހިންގެ ސަގާފަތާއި އުޅުމަށް ބަލާއިރު، މަޑުމައިތިރިކަމާއި ކެތްތެރިކަމަށް އިސްކަންދެވޭތީ، ގިނަ މީހުންނަށް ދަސްވެފައިވަނީ އަމިއްލަ ދަތިތަކާއި ހިތްދަތިކަން ހިމޭންކަމާއެކު ތަހައްމަލުކުރުމަށެވެ. ދިިރިއުޅުމުގެ އުނދަގޫތަކާއި އިޙުސާސްތައް ސިއްރުކޮށް، ހިނިތުންވުމެއްގެ ފަހަތުގައި ފޮރުވައިލެވެއެވެ. ތިމާގެ ހިތާމަތައް ބަޔާންކޮށްދިނުމަށްވުރެ “އަހަރެން ރަނގަޅޭ” ބުނެލުން މާ ފަސޭހަވެއެވެ. ވަށައިގެންވާ އެހެން މީހުންނަކީ ދިރިއުޅުމުގެ ކަންކަން ވަރަށް ފުރިހަމައަށް ބަލަހައްޓަމުންދާ ބައެއްގެ ގޮތުގައި ފެންނާތީ، ތިމާގެ އުނދަގޫތައް ހާމަކުރަން ޖެހިލުންވެއެވެ.
މި ހިމޭންކަމަކީ ބައެއް ފަހަރު ވަރުގަދަ ކަމެއްގެ ގޮތުގައި ފެނުނު ކަމުގައިވިޔަސް، މީގެ ސަބަބުން ގާތް މީހުންނާ އޮންނަ ގުޅުން ހީނަރުވެ، އެކަހެރިކަން އިޙުސާސް ކުރެވެން ފަށައެވެ. އިޙުސާސްތައް ފޮރުވައިގެން އުޅޭއިރު، އެންމެ ގާތް ރަހުމަތްތެރިންނާއި އާއިލާގެ ފަރާތުން ލިބެންޖެހޭ އެހީތެރިކަމާ ދުރުވެވެއެވެ.
ކެތްތެރިކަމަކީ ތިމާގެ ހިތާމަތަކާއި ތަދުތައް ހިިފަހައްޓައިގެން ހުރުމެއް ނޫނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސިޔަރަތުން ފެންނަން އޮތް ގޮތުގައި، ހިތާމަކުރުމާއި އިޙުސާސްތައް ބޭރުކުރުމަކީ އިންސާނިއްޔަތުގެ ބައެކެވެ. ހަމައެފަދައިން، ޔައުޤޫބްގެފާނު އެކަލޭގެފާނުގެ ހިތާމަވެރިކަން މާތްﷲ އަށް ދެންނެވި ދެންނެވުމަކީ، އަމިއްލަ ނިކަމެތިކަމާއި ދަތިތައް ބަޔާންކުރުމަކީ ބަލިކަށިކަމެއް ނޫންކަމާއި، އެއީ އީމާންތެރިކަމުގެ ތެރެއިންވާ ކަމެއްކަން އަންގައިދޭ ހެއްކެކެވެ.
“އަހަރެން ރަނގަޅު” ކަމަށް ބުނުމުގެ އާދައިގެ ސަބަބުން، މީހާ މަޑުމަޑުން އެކަހެރިވެ، ނަފުސާނީ ގޮތުން ބަލިކަށިވެއެވެ. ބޭރުފުށުން ފެންނަ ވަރުގަދަކަމަކީ ހަޤީޤަތުގައި އެތެރެއިން ތަހައްމަލުކުރަމުންދާ، އެހެން މީހުންނަށް ނުފެންނަ، އަދި ހައްލެއް ނުލިބި އޮތް ވޭނަކަށް ވެދާނެއެވެ.
މިކަން ބަދަލުކުރުމަށްޓަކައި ކުދިކުދި ފިޔަވަޅުތަކެއް އެޅިދާނެއެވެ. އެކަކު އަނެކަކަށް އިޚްލާޞްތެރިކަމާއެކު ހާލުބަލައި، ކެތްތެރިކަމާއެކު އަޑުއަހައި، ތެދުވެރިކަމާއެކު ޖަވާބު ދިނުމެވެ. “އަލްޙަމްދުލިﷲ، އެކަމަކު މި ހަފުތާއަކީ ވަރަށް އުނދަގޫ ހަފުތާއެއް.” ފަދަ އާދައިގެ ބަހަކުންވެސް ތެދުވެރިކަން ހާމަކުރެވިދާނެއެވެ.
ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއްގައި، ދުވަހުން ދުވަހަށް ކުރެވޭ މުއާމަލާތްތަކުގައި ތެދުވެރިކަމަށް ޖާގަ ދިނުމަކީ އެކަކު އަނެކަކަށް އަޅާލުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަންތަކެވެ.
ސަބަބަކީ، ބައެއް ފަހަރު އަސްލު ވަރުގަދަކަމަކީ “އަހަރެން ރަނގަޅު” ކަމަށް ބުނުމެއް ނޫނެވެ. ނަމަވެސް، ތިމާ ރަނގަޅު ނޫންކަން ޤަބޫލުކޮށް، އެކަން ހާމަކުރުމުގެ ހިތްވަރު ހުރުމެވެ.
