ނ. ކެނދިކުޅުދޫގައި މިހާރު ކުރިޔަށްދާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ފުޓްބޯޅަ ޗެމްޕިއަންޝިފް 2026” ފުޓްބޯޅަ މުބާރާތުގައި މިރޭ ކުޅުނު މެޗުން ބަލިވި މާފަރު ފުޓްބޯޅަ ކުލަބަށް ސެމީ ފައިނަލްގެ ޖާގަ ލިބިއްޖެއެވެ. ނައިފަރު ޗެލްސީއާ ބައްދަލުކޮށް މިރޭ ބަލިވި މާފަރަށް، ގުރޫޕްގެ އެއްވަނަ ހޯދި ނައިފަރު ޗެލްސީއާއެކު ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ލިބުނީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މި މެޗާއިއެކު މި ގުރޫޕްގެ މެޗުތައް ނިމިފައިވާއިރު، މާފަރަށް ދެވަނަ ލިބެނީ މި ގުރޫޕްގައި ދެން ހިމެނޭ މަނަދޫ އާއި މާފަރަށް ލިބިފައިވާ ޕޮއިންޓާއި ޖަހާފައިވާ ލަނޑު އެއްވަރުވެ، ބައިކޮޅަށް ވަތް ލަނޑަށް ބަލައިލާއިރު މަނަދޫ ކޮޅަށް ވަތް ލަނޑަށްވުރެ މާފަރު ކޮޅަށް ވަތް ލަނޑު މަދުވުމުންނެވެ.
ނައިފަރު ޗެލްސީ އާއި މާފަރު ބައްދަލުކުރި މެޗު ނައިފަރު ޗެލްސީއިން ކާމިޔާބު ކުރީ 3-0 އިންނެވެ. ފުރަތަމަ ޑިވިޝަންގައި މިހާރު ވެސް ކުޅެމުންދާ ބައެއް ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ގިނަ ނައިފަރު ޗެލްސީ ހިފަހައްޓައިލުމަކީ މާފަރަށް ފަސޭހަ ކަމަކަށް ނުވިއެވެ.
މެޗު ފަށައިގެން މާގިނައިރެއް ނުވެ ނައިފަރު ޗެލްސީން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމްގެ ފޯވާޑްލައިންގައި މުހިންމު ދައުރެއް އަދާކުރާ އަލްހާޖީ ގެރޯއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އަބްދުލްލައި ބިލިޓީ / ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް އެފްބީ ޕޭޖް
ނައިފަރު ޗެލްސީން ޖެހި އަވަސް ލަނޑާއިއެކު މެޗުގެ އޮއިވަރު ފަސޭހަކަމާއިއެކު ބަދަލުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ނައިފަރު ޗެލްސީއަށް ދޫދިނުމެއްނެތި މާފަރުން ވަނީ މޮޅުކުޅުމެއް ދައްކައިފައެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ވެސް ތަނަވަސްކޮށްފައެވެ. ލަނޑު ޖަހާނެ ފުރުސަތުތައް ދެޓީމަށް ވެސް ލިބުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ނައިފަރު ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފު ވެސް ނައިފަރު ޗެލްސީއަށް ފަސޭހައެއް ނުވިއެވެ. ނައިފަރު ޗެލްސީން އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުމުގައި މާފަރުގެ ޑިފެންޑަރުންނާއި ކީޕަރު ވަނީ ކާމިޔާބީތަކެއް ހޯދައިފައެވެ.
ނައިފަރު ޗެލްސީން އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ 53 ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ނާއިމްއެވެ. ނާއިމް ލަނޑު ޖެހިތާ މާގިނައިރެއް ނުވެ އެ ޓީމުގެ އިބްރާހީމް ލެއްބެއި ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިފައެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނައިފަރު ޗެލްސީގެ އަބްދުލްލައި ބިލިޓީއެވެ.
މި މުބާރާތުގެ މެޗެއް މާދަމާ ވެސް އޮންނާނެއެވެ. މާދަމާ ހަވީރު ކުޅޭ މި މެޗުގައި ބައްދަލުކުރާނީ މާޒިޔާ ޖޫނިއާރ އާއި ކެނދިކުޅުދޫ ސްޕޯރޓްސް ކުލަބެވެ.
