ޒަމާނުއްސުރެ އަހަރެމެން ދެކެމުން އައީ “ބޮސް” އަކީ “މެނޭޖަރެއް” ކަމުގައެވެ. މި ލަފުޒުގެ މާނައަށް ބަލާއިރު، “މެނޭޖްކުރުން” ނުވަތަ “ބެލެހެއްޓުން” އިޝާރާތް ކުރަނީ ކަންކަން ކޮންޓްރޯލްކޮށް، ތަރުތީބުކޮށް، އިންތިޒާމު ކުރުމަށެވެ. މިއީ ބޯޑެއްގެ މަތީގައި ހުންނަ ކުޅިބައެއް އެކި ފަރާތްފަރާތަށް ގުޑުވާލުން ފަދަ ކަމެކެވެ. ނަމަވެސް، މުވައްޒަފުންނަކީ ކުޅިބައިގެ ކޮޅުތަކެއް ނޫނެވެ. އަދި އެއީ ހަމައެކަނި ބޭނުންކޮށްލާފައި އުކާލެވޭނެ ވަސީލަތްތަކެއްވެސް ނޫނެވެ. ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި، މުވައްޒަފުން އެމީހުންގެ ވެރިންގެ ފަރާތުން އުއްމީދުކުރާ ކަންކަމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިހާރު މުވައްޒަފުން ބޭނުންވަނީ ހަމައެކަނި އަމުރުތައް ނެރޭނެ ވެރިއެއް ނޫނެވެ. އެމީހުން ބޭނުންވަނީ ކާމިޔާބީގެ މަގުގައި އެހީތެރިވެދޭނެ މުރުޝިދެއް ނުވަތަ “މެންޓަރ” އެކެވެ. “މެނޭޖްކުރުމުގެ” ޒަމާން މިވަނީ ނިމިފައެވެ. އަދި “މެންޓަރިންގް” ނުވަތަ އިރުޝާދުދީ ބިނާކުރުމުގެ ޒަމާން މިވަނީ ފެށިފައެވެ.
ފަހަކަށް އައިސް ލީޑަރޝިޕަށް އައިސްފައިވާ މި ބަދަލަކީ، ޓެކްނޮލޮޖީއަށް އަންނަ ހަލުވި ބަދަލުތަކާއި، މަސައްކަތުގެ މާހައުލަށް މުވައްޒަފުން ކުރާ އުއްމީދުތައް ބަދަލުވުމާއި، އިންސާނީ ވަސީލަތްތަކަށް އިސްކަންދޭ މާހައުލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާއެވެ. މިއަދުގެ ލީޑަރުންގެ ފަރާތުން އުއްމީދު ކުރެވެނީ ހަމައެކަނި ޓީމު ގޮވައިގެން ހިނގުމެއް ނޫނެވެ. އޭގެ ބަދަލުގައި، މުވައްޒަފުންގެ ކުރިއެރުމަށް ހިތްވަރުދީ، އިތުބާރު ގާއިމުކޮށް، ދިގު މުއްދަތުގެ ތަރައްގީއަށް މަގުފަހިކޮށްދިނުމެވެ. މިއީ މިއަހަރުގެ ލީޑަރޝިޕްގެ އެންމެ މުހިންމު އެއް ފިލާވަޅެވެ.
ތިޔައީ މެނޭޖަރެއްތޯ ނުވަތަ މެންޓަރެއްތޯ؟
2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރ ފެށިގެން ކުރިއަށްދާއިރު، އެކި ދާއިރާތަކުގެ ކުންފުނިތަކަށް މިވަނީ ހަމައެކަނި މަސައްކަތްތައް މެނޭޖްކުރުމުން ފުދެން ނެތްކަން ވިސްނިފައެވެ. އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި މެދުވެރިކޮށް އިދާރީ މަސައްކަތްތައް އޮޓޮމޭޓްވަމުންދާއިރު، ލީޑަރެއްގެ ހަޤީޤީ އަގު ވަޒަންކުރެވޭނީ އެމީހަކު މުވައްޒަފުން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓުންނެވެ.

ފޮޓޯ: މުނިއަވަސް ގްރެފިކްސް
“ޕްލޭސްކޮމް” ގެ ފައުންޑަރ އަދި ސީ.އީ.އޯ ވިޝާލް ސޫދު ބަޔާންކުރެއްވި ގޮތުގައި، “މެންޓަރިންގް” އަކީ މިހާރު ލީޑަރޝިޕްގެ އެންމެ އަގުބޮޑު ރައުސްމާލެވެ. މިއީ މުވައްޒަފުން ކުންފުނީގައި މަޑުކުރުވުމަށާއި، މަސައްކަތަށް ޝައުގުވެރިކުރުވުމަށާއި، އާ އީޖާދުތަކަށް މަގުފަހިކުރުވާ ކަމެކެވެ. މުވައްޒަފުން ބޭނުންވަނީ އެމީހުންގެ އަޑުއަހާ، މަގު ދައްކައިދޭ އަދި އެމީހުންގެ ކިބައިގައިވާ ހުނަރުތައް ނެރެދޭނެ ލީޑަރުންނެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، އެންމެ ބޮޑު އެއް ބަދަލަކީ ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ގުޅިގެން މަސައްކަތްކުރުމެވެ. ހުޅުވާލެވިފައިވާ މަޝްވަރާތަކަށް ފުރުސަތުދޭ، ޓީމުތަކަށް ބާރުވެރިކަން ދޭ، އަދި ކުށްތަކަކީ އުނގެނުމުގެ ފުރުސަތެއް ކަމުގައި ބަލާ ލީޑަރުންނަށް ވަނީ ވަރުގަދަ ޓީމުތަކެއް ބިނާކުރެވިފައެވެ. ޚާއްސަކޮށް، ކޮންމެ މުވައްޒަފެއްގެ ހުނަރާއި، އުއްމީދުތަކާއި، މަސައްކަތްކުރާ ގޮތަށް ބަލައިގެން އިރުޝާދުދޭ ނުވަތަ ޕާސަނަލައިޒްޑް ލީޑަރޝިޕެއް ގެންގުޅޭ ލީޑަރުންގެ ފަރާތުން މަސައްކަތުގެ ފެންވަރު ރަނގަޅުވެ، ގުޅުންތައް ބަދަހިވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، އިޙުސާސްތައް ދެނެގަތުގެ ހުނަރު ނުވަތަ އިމޯޝަނަލް އިންޓެލިޖެންސްއަކީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ސިފައެވެ. އަނެކުންގެ އިޙުސާސްތައް ދަނެ، އޯގާތެރިކަމާއެކު އަޑުއަހާ ލީޑަރުންނަށް، މުވައްޒަފުންނަށް ރައްކާތެރިކަމާއި އަގުވަޒަންކުރެވޭކަން އިޙުސާސްވާނެ ފަދަ މާހައުލެއް ގާއިމުކޮށްދެވެއެވެ.
ލީޑަރޝިޕަށް އަންނަ، ފަރުވާކުޑަކޮށްލެވެން ނެތް ބަދަލު
މެންޓަރިންގްއަކީ ދެފަރާތުންވެސް އުނގެނިދާ ކަމެކެވެ. އެންމެ މޮޅު ލީޑަރުންނަކީ “ރިވާސް މެންޓަރިންގް” މެދުވެރިކޮށް، އާ ޓެކްނޮލޮޖީތަކާއި އާ އާދަކާދަތަކާ ގުޅޭގޮތުން ޒުވާން މުވައްޒަފުންގެ ފަރާތުން އުނގެނޭ މީހުންނެވެ. ވިޝާލް ސޫދު ވިދާޅުވި ގޮތުގައި، “މެނޭޖްކުރުމުން މަސައްކަތުގެ ފެންވަރު ހިފެހެއްޓޭނެއެވެ. ނަމަވެސް މެންޓަރިންގް އިން ކުރިއެރުން ކަށަވަރުކޮށްދޭނެއެވެ.”

ފޮޓޯ: މުނިއަވަސް ގްރެފިކްސް
މާރޗިންގް ޝީޕްގެ ފައުންޑަރ ސޮނިކާ އެރޮން ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ މަސައްކަތްތެރިންގެ ތެރެއިން ގާތްގަނޑަކަށް 70 އިންސައްތައަކީ ޖެނެރޭޝަން ޒީ (ޖެން ޒީ) އަދި ޒުވާން މިލެނިއަލުންނެވެ. އާދައިގެ މަސައްކަތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ހުރިއިރު، މަޢުލޫމާތަކީ ފަސޭހައިން ލިބެން ހުރި އެއްޗެކެވެ. އެހެންކަމުން، މިއަދު މުވައްޒަފުން ބާރުވެރިކުރުވުމަށްޓަކައި އެމީހުންނަށް ހިތްވަރުދީ، މިސާލު ދައްކަންޖެހެއެވެ.
މެނޭޖްކުރުމުން މެންޓަރިންގްއަށް ބަދަލުވުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް އެރޮން ފާހަގަކުރެއްވިއެވެ.
1 – ފާރަވެރިވުން ހުއްޓާލާ، އިތުބާރު ކުރަން ފަށާށެވެ.
ކުރިން މެނޭޖަރެއްގެ ވަޒީފާއަކީ މަސައްކަތް ނިމުނުތޯ ބެލުމެވެ. ނަމަވެސް މިއީ ލީޑަރޝިޕެއް ނޫނެވެ. މެންޓަރެއް ކުރާނެ ކަމަކީ އަމާޒެއް ކަނޑައަޅައި، އެކަން ހާސިލުކުރުމަށް ޓީމަށް އިތުބާރުކުރުމެވެ. އިތުބާރު ލިބުމުން މުވައްޒަފުން އަމިއްލައަށް ކަންކަމާ ހަވާލުވެ، މައްސަލަތައް ހައްލުކުރަން ދަސްކުރެއެވެ.
2 – ސުވާލު ގިނަކޮށް، އަމުރު މަދުކުރާށެވެ.
މެނޭޖަރެއްގެ ފަރާތުން ހުރިހާ ޖަވާބެއް ލިބޭނެ ކަމަށް އުއްމީދު ކުރެވެއެވެ. ނަމަވެސް މެންޓަރެއްގެ ކިބައިގައި ހުންނާނީ ރަނގަޅު ސުވާލުތަކެވެ. މައްސަލައެއް ދިމާވުމުން ވަގުތުން ހައްލު ބުނެދިނުމުގެ ބަދަލުގައި، “މިކަމުގައި ތިޔަބޭފުޅުންނަށް ފެންނަނީ ކޮން ގޮތެއް؟” ސުވާލުކުރުމުން، ޓީމުގެ މީހުން އަމިއްލައަށް ވިސްނާ، ނިންމުންތައް ނިންމުމަށް ތަމްރީނުވެއެވެ.
3 – ނަތީޖާއަށްވުރެ ބޮޑަށް މީހާއަށް ސަމާލުކަންދޭށެވެ.
މުވައްޒަފުންނަކީ މެޝިންތަކެއް ފަދައިން ބެލުމުގެ ނަތީޖާއަކީ އެމީހުން ބަލިވެ، މަސައްކަތަށް ފޫހިވުމެވެ. މެންޓަރިންގްއަކީ ޒާތީ ކަމެކެވެ. މުވައްޒަފުންގެ ހުވަފެންތަކާއި، ބިރުގަންނަ ކަންތައްތައް ދެނެގަންނަން ޖެހެއެވެ. މުވައްޒަފުންނަށް އެމީހުންގެ އަގު ވަޒަންކުރެވޭކަން އިޙުސާސްވުމުން، އެމީހުން ކުންފުނީގައި ދެމިތިބޭނެއެވެ.
4 – އުނގެނުމަކީ ދެފަރާތުން ހިނގާ ކަމެކެވެ.
މިއަދު 22 އަހަރުގެ މުވައްޒަފަކަށް، 20 އަހަރުގެ ތަޖުރިބާ ހުރި ސީ.އީ.އޯ އަކަށްވުރެ ބޮޑަށް އޭ.އައި ފަދަ އާ ކަންކަން އެނގިދާނެއެވެ. މެންޓަރިންގްގެ ތެރެއިން ލީޑަރުން ސްޓްރެޓެޖީ ދަސްކޮށްދޭއިރު، ޒުވާން މުވައްޒަފުންގެ ފަރާތުން އާ ޓްރެންޑްތައް ދަސްކުރަންޖެހެއެވެ.
5 – ކުށްތަކަކީ ކުރިއެރުމުގެ ބައެކެވެ.
މެނޭޖަރުން ކުށްތަކަށް ނަފުރަތު ކުރެއެވެ. ނަމަވެސް މެންޓަރުން ޤަބޫލުކުރާ ގޮތުގައި ކުރިއެރުން އަންނާނީ ގޯސްތައް ހެދިގެންނެވެ. ކަމެއް ގޯސްކޮށް ދިޔުމުން މީހުން ކުށްވެރިކުރުމުގެ ބަދަލުގައި، “މިކަމުން ދަސްވީ ކޮން އެއްޗެއް؟” ސުވާލުކުރުމުން، ބިރުވެރިކަން ނެތިގޮސް، އާ ކަންކަން ތަޖުރިބާކުރުމުގެ މިނިވަންކަން ލިބެއެވެ.
ތިޔަ ބޭފުޅާގެ ބިޒްނަސް ކާޑުގައި “މެނޭޖަރ” ލިޔެފައި އޮތަސް، ވިސްނުން އެގޮތުގައި ބަހައްޓައިގެން ނުވާނެއެވެ. ބަޖެޓް ބެލެހެއްޓުމާއި ރިޕޯޓް ތައްޔާރުކުރުން ފަދަ އިދާރީ މަސައްކަތްތައް ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ. ނަމަވެސް، ވަޒީފާގެ އަސްލަކީ މީހުންނެވެ. އަހަރެމެން ހުނަރުވެރިން މެނޭޖްކުރުން ހުއްޓާލައި، މުވައްޒަފުންގެ ކިބައިގައިވާ ފުރުސަތުތައް ބިނާކުރަން ފަށަންޖެހެއެވެ. މިއީ ކެތްތެރިކަން ބޭނުންވާ ބޮޑު ބަދަލެކެވެ. ނަމަވެސް މީގެ ނަތީޖާއަކީ، ތިޔަ ބޭފުޅާ ނެތަސް އަމިއްލައަށް މަސައްކަތްކުރާނެ މޮޅު ޓީމެއް ބިނާވުމެވެ. މުސްތަޤުބަލު އޮތީ މެންޓަރުންނަށެވެ.
