ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިފް 2026” ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މާޒިޔާ ޖޫނިއާރ އިން އެ ޓީމުގެ ފެންވަރު ދައްކާލައި ގުރޫޕް އޭގެ އެއްވަނައަށް ޖެހިލައިފިއެވެ.
މުބާރާތް ބާއްވާ ރަށް ކަމުގައިވާ ނ. ކެނދިކުޅުދޫއާ މާޒިޔާ ބައްދަލުކުރި މެޗު މާޒިޔާ ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ކުރިން ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާ ކެނދިކުޅުދޫއާ މާޒިޔާ ބައްދަލުކުރި މެޗު ފަށައިގެން މާގިނަ އިރެއް ނުވެ މާޒިޔާއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. 7 ވަނަ މިނިޓްގައި މާޒިޔާއަށް މި ލަނޑު ޖަހައިދިނީ މި މުބާރާތުގައި މާޒިޔާގެ ފޯވާޑްލައިންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނައްސާހް އިބްރާހީމް ނާސިރުއެވެ.
ޒުވާން ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ސީނިއާރ ޤައުމީ ޓީމުގެ މުހިންމު ކުޅުންތެރިންތަކެއް ކުޅެމުންދާ މާޒިޔާއިން ވަނީ ފުރަތަމަ ހާފުގައި ކެނދިކުޅުދޫ ކޮޅަށް 4 ލަނޑު ޖަހައިފައެވެ. މާޒިޔާއަށް މި ލަނޑުތައް ޖަހައިދިނީ 14 ވަނަ މިނިޓްގައި އައިދު މުޙައްމަދު ޖަވީޒް އާއި 33 ވަނަ މިނިޓްގައި އަޙްމަދު އައިހަމް އަދި 45 ވަނަ މިނިޓްގައި އައިދު މުޙައްމަދު ޖަވީޒް އެވެ.
ދެވަނަ ހާފު ވެސް ފެނުނީ މާޒިޔާގެ ކުޅުންތެރިން ހިފެހެއްޓުމުގައި ކެނދިކުޅުދޫ ކުޅުންތެރިންނަށް ކާމިޔާބެއް ނުހޯދުނު ތަނެވެ. ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ މާޒިޔާއިން ވަނީ އެ ޓީމުގެ 5 ވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޙަސަން ނަޒީމްއެވެ. ކޯނަރަކުން ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން އައިދާން އަޙްމަދު މޫސާ މާޒިޔާގެ 6 ވަނަ ލަނޑު ޖަހައިދިންއިރު، އެ ޓީމުގެ 7 ވަނަ ލަނޑު ޖަހައިދިނީ ނާޝިއު އަޙްމަދު ޝިހާމްއެވެ.
އަޙްމަދު އައިހަމް ނަގައިދިން ކޯނަރު ގޯލުގެ ތެރެއަށް ފޮނުވާލައިގެން މާޒިޔާގެ 8 ވަނަ ލަނޑު ނާޝިއު އަޙްމަދު ޝިހާމް ޖެހިއިރު، 9 ވަނަ ލަނޑު ޖަހައިދިނީ އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން އައިދު މުޙައްމަދު ޖަވީޒް އެވެ. މި ލަނޑާއިއެކު އައިދު ވެފައިވަނީ މި މުބާރާތުގައި ހެޓްރިކެއް ހެދި ދެވަނަ ކުޅުންތެރިޔާއަށެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އައިދު މުޙައްމަދު / ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް
މާޒިޔާއަށް ލިބުނު ދެވަނަ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އައިދު ޖެހި ލަނޑުގެ އަދަދު ހަތަރަކަށް އެރުވިއިރު، އެ ޓީމުގެ 11 ވަނަ ލަނޑު ޖަހައިދިނީ އަޙްމަދު އައިހަމް އެވެ. ގާތްގާތުގައި ފުރުސަތުތައް ހޯދަމުންދިޔަ މާޒިޔާއިން އެ ޓީމުގެ 12 ވަނަ ލަނޑު ޖެހީ ބަދަލަކަށް ކުޅެން ނުކުތް އަނޫފް ޢަބްދުﷲ އެވެ. ދެވަނަ ހާފުގެ އިތުރު ވަގުތުގައި އަނޫފް ޢަބްދުﷲ ޖަހައިދިން ދެވަނަ ލަނޑާއިއެކު މި މެޗު ނިމުނީ 13-0 އިންނެވެ.
މި މެޗުން ހޯދި ތިން ޕޮއިންޓާއިއެކު 5 ޕޮއިންޓް ހަމަކޮށް މާޒިޔާ ޖޫނިއާރ އިން ގުރޫޕްގެ އެއްވަނައަށް ޖެހިލިއިރު، އެ ޓީމުގެ ފައިދާ ގޯލަކީ 13 އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާ ޖޫނިއާރގެ ޖާޒީ ނަމްބަރު 29، އައިދު މުޙައްމަދުއެވެ.
މި މުބާރާތުގެ މެޗެއް މިރޭ ވެސް އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އަލިފުށްޓާއި ޖިބިއްލީއެވެ.
