ހިންދީ ފިލްމު “އާޝިޤީ 2” އަކީ އަދިވެސް ގިނަ ބައެއްގެ މެދުގައި މަޤުބޫލު ފިލްމެކެވެ. ފިލްމު ސިނަމާތަކުގައި އެޅުވިތާ މިއަދަށް 13 އަހަރު ވީއެވެ. އެކަން ފާހަގަކޮށް ފިލްމުގެ ޑައިރެކްޓަރު މޯހިތު ސޫރީ ވަނީ އިންސްޓަގްރާމްގައި ފިލްމުގެ ކެމެރާގެ ފުރަގަހުގެ ބައެއް ފޮޓޯތައް ހިއްސާކުރަމުން އޭނާ ލިޔެފައިވެއެވެ.
“ބައެއް ފިލްމުތަކަކީ ހަމައެކަނި ހަދާ އެއްޗެއް ނޫނެވެ. އެ ފިލްމުތައް ތިބާ ބިނާކޮށްދެއެވެ.
ޝޫޓިންގެ ކޮންމެ ހިނދުކޮޅެއް.. ކޮންމެ ހިމޭންކަމެއް، ކޮންމެ ކަރުނައެއް، މިއުޒިކުގެ ކޮންމެ ރާގެއް.. ހީވީ ހަމައެކަނި ތަމްސީލުކުރި އެއްޗެއްހެނެއް ނޫނެވެ. އެ ހުރިހާ ކަމެއް ހަޤީޤަތުގައިވެސް ތަޖުރިބާކޮށް، ދިރިއުޅެވުނު ކަހަލައެވެ.
އަހަރުތައް ފާއިތުވެ ހިނގައްޖެއެވެ.. ނަމަވެސް އެ ހިތްގައިމު ހަނދާންތަކުގެ މަޑުމަޑު ގުގުމުންތައް އަދިވެސް ހިތުގެ އަޑިން ގުގުމަމުން ދެއެވެ.”
“އާޝިޤީ 2” އަށް 13 އަހަރު ފުރުން ފާހަގަކުރާ މި ދުވަހު، ފިލްމާއި ގުޅުން ހުރި ބައެއް ޚާއްސަ ވާހަކަތަކަށް ބަލައިލަމާ ހެއްޔެވެ؟
* ފިލްމުގެ ނަން
“އާޝިޤީ 2” އަކީ 1990 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ލޯބީގެ މިއުޒިކަލް ފިލްމު “އާޝިޤީ” ގެ ސީކުއެލްއެއް ކަމަށް ގިނަ ބަޔަކަށް ހީކުރެވުނު ނަމަވެސް މިއީ އެ ފިލްމުގެ ސީދާ ސީކުއެލްއެއް ނޫނެވެ. މިއީ އެ ފިލްމުގެ ރޫޙާއި އަސަރުތައް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ.
* ފިލްމުގެ ޑައިރެކްޓަރު
މި ފިލްމަކީ އެންމެ ފުރަތަމަ މޯހިތު ސޫރީ ޑައިރެކްޓްކުރަން އޮތް ފިލްމެއް ނޫނެވެ. އެންމެ ފުރަތަމަ މި ފިލްމު ޑައިރެކްޓްކުރަން ހަމަޖެހިފައި އޮތީ މަދުރް ބަންޑަރްކަރްއެވެ. ނަމަވެސް އެހެން މަސައްކަތްތަކާ ގުޅިގެން އޭނާ ވަނީ ފިލްމާ ވަކިވެފައެވެ. ދެން ޑައިރެކްޓްކުރަން ހަމަޖެއްސީ ވިޝާލް މަހާދްކަރްއެވެ. ނަމަވެސް އެންމެ ފަހު ވަގުތު ފިލްމުގެ ޑައިރެކްޓަރަކަށް ހަމަޖެއްސީ މޯހިތު ސޫރީއެވެ.
* އޮރިޖިނަލް ފިލްމެއް ނޫން
މި ފިލްމަކީ މަހޭޝް ބަޓް 1990 ގައި ގެނެސްދިން “އާވާރަގީ” އަދި “އާޝިޤީ” ގެ ރީމޭކެއް ކަމަށް އެދުވަސްވަރު ވަރަށް ގަދައަށް އަޑު ފެތުރުނެވެ. ނަމަވެސް މަހޭޝް ވަނީ އެކަން ދޮގުކޮށް ބަޔާނެއްވެސް ނެރެފައެވެ. ނަމަވެސް، މި ފިލްމަކީ އޮރިޖިނަލް ހިންދީ ފިލްމެއް ނޫނެވެ. މިއީ 1937 ވަނަ އަހަރުގެ ހޮލީވުޑް ފިލްމު އަދި އެ ފިލްމުގެ 1976 ވަނަ އަހަރުގެ ރީމޭކް “އަ ސްޓާ އިޒް ބޯން” ގެ ހިންދީ ރީމޭކެކެވެ.
* ފިލްމުގެ ތަރިން
ފިލްމުގައި އަދިތުޔާ ރޯއީ ކަޕޫރް ކުޅުނު ރާހުލް ޖޭކަރްގެ ރޯލު އެންމެ ފުރަތަމަ ހުށަހެޅީ މި ފިލްމުގެ ކުރިން މޯހިތު ސޫރީ އުފެއްދި ފިލްމުތަކުގެ ތެރެއިން އެންމެ ފިލްމެއް ފިޔަވައި ހުރިހާ ފިލްމެއްގައި ލީޑް ރޯލު ކުޅުނު މަޝްހޫރު އެކްޓަރު އިމްރާން ހާޝިމީއަށެވެ. ނަމަވެސް މި ރޯލު އޭނާއަށް ފިޓް ނުވާކަމަށާއި މި ރޯލަށް ޒުވާން އާ ތަރިއަކު މާބޮޑަށް ރަނގަޅުވާނެ ކަމަށް ބުނެ އޭނާ ވަނީ މި ރޯލު ދޫކޮށްލާފައެވެ.
ފަހުން އިމްރާން އައްބާސް ނަޤްވީ އާއި ސުޝާންތު ސިންގް ރާޖްޕުތުއަށް ވެސް މި ފިލްމު ހުށަހެޅިއެވެ. ނަމަވެސް އެ ތަރިންވެސް އޭރު ތިބީ އެހެން ޕްރޮޑަކްޝަން ހައުސްއެއްގެ ކޮންޓްރެކްޓެއްގައި ކަމުން އެ ދެ ތަރިންވެސް މި ފިލްމު ދޫކޮށްލީއެވެ. އަދިތުޔާ ރޯއީ ކަޕޫރަށް މި ރޯލު ލިބުނީ ދެނެވެ. އަދި މިއީ އޭނާ ލީޑް ރޯލުން ފެނުނު ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.
* ފިލްމުގެ ލަވަތައް
“އާޝިޤީ 2” ގެ ލަވަ އަލްބަމަކީ އެ ދަހަރުގައި ވެސް ނުކުތް އެންމެ ކާމިޔާބު ފިލްމީ ލަވަ އަލްބަމެވެ. ފިލްމުގެ ގާތްގަނޑަކަށް ހުރިހާ ލަވައެއްހެން އެކި ޗާޓުތަކުގެ އެންމެ ކުރިން ޖާގަ ހޯދިއިރު، ޚާއްސަކޮށް “ތުމް ހީ ހޯ” އާއި “ސުން ރަހާ ހޭ” ގެ ދެ ވާޝަން ވަނީ ޚާއްސަ މަޤާމެއް ހޯދާފައެވެ.
މި އަލްބަމްގެ ލަވަތައް ކިޔައިދީފައިވަނީ އަރިޖިތު ސިންގް، އަންކިތު ތިވާރީ، ޝްރެޔާ ގޯޝާލް، ޕަލަކް މުއްޗަލް، ތުލްސީ ކުމާރް، ކޭ.ކޭ އަދި މުސްތަފާ ޒާހިދެވެ.
ޖީތު ގަންގޫލީ، މިތޫން އަދި އަންކިތު ތިވާރީ މިއުޒިކް ތައްޔާރުކޮށްދިން މި އަލްބަމްގެ ލަވަތަކުގެ ޅެންތައް ތައްޔާރުކޮށްދިނީ އިރްޝާދު ކާމިލް، ސަންދީޕް ނާތު، މިތޫން އަދި ސަންޖޭ މާސޫމްއެވެ.
* ބޮކްސް އޮފީސް
މި ފިލްމު އިޢުލާނުކުރި ހިސާބުން ފެށިގެން ރިލީޒްކުރުމާއި ހަމައަށް ވެސް މި ފިލްމު ބޮކްސް އޮފީހުގައި ނާކާމިޔާބު ވާނެކަމަށާއި ކުރީގެ ފިލްމުގެ ޖާދޫ މި ފިލްމުން ނުދެއްކޭނެ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ނަމަވެސް ފިލްމު ރިލީޒްކުރުމާއެކު މި ފިލްމު ވަނީ އެ ހުރިހާ ފާޑުކިޔުމަކަށް ވަރަށް ފުރިހަމަ ރައްދެއް ދީފައެވެ.
އަދިތުޔާ އާއި ޝްރައްދާގެ ވަރުގަދަ ކެމިސްޓްރީ އާއި ފާހަގަކޮށްލެވުނު އެކްޓިންއާއެކު މި ފިލްމު ވަނީ އެމީހުންގެ ފުރަތަމަ ކާމިޔާބު ފިލްމަށް ވެފައެވެ. 15 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި މި ފިލްމު ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 109 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދައި، ބްލޮކްބަސްޓާއެއްގެ ދަރަޖަ ހޯދާފައެވެ.
މި ފިލްމާއެކު އަދިތުޔާ އަދި ޝްރައްދާގެ ފިލްމީ ކެރިއަރު ވަނީ ވަރަށް ބޮޑަށް “ބޫސްޓް” ވެފައެވެ.
“އާޝިޤީ 2” އަކީ ޝަގުފްތާ ރަފީޤީ ލިޔެފައިވާ ވާހަކައެކެވެ. ފިލްމު ޕްރޮޑިއުސްކުރީ ޓީ-ސީރީޒް އާއި ވިޝޭޝް ފިލްމްސްގެ ކުޑައިގެ ދަށުން ބުޝަން ކުމާރާއި، ކްރިޝަން ކުމާރް އަދި މުކޭޝް ބަޓްއެވެ. ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނީ އަދިތުޔަ ރޯއީ ކަޕޫރް، ޝްރައްދާ ކަޕޫރް، ޝާދު ރަންދަވާ އަދި މަހޭޝް ތާކޫރްއެވެ.
