ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ “ވިންޑް ވޮރިއާސް ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިފް 2026” ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ މާޒިޔާ ޖޫނިއާރ ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރީ މާޒިޔާ ޖޫނިއާރ އާއި މާފަރު ފުޓްބޯޅަ ކުލަބެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މާފަރުންނެވެ. މި ލަނޑަކީ މާފަރަށް ލިބުނު ކޯނަރެއް ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު އެ ޓީމުގެ މުޙައްމަދު ނިޒާމް (ޕީކޭ) ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.
މުހިންމު ބައެއް ކުޅުންތެރިންނާއި ނުލައި މި މެޗަށް ނުކުތް މާޒިޔާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އައިދު މުޙައްމަދު ޖަވީޒް އެވެ. ހަމީޝް ނަގައިދިން ކޯނަރު އައިދު ގޯލުގެ ތެރެއަށް ވައްދާލީ ބޮލުންނެވެ.
މާޒިޔާއިން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ މާގިނައިރެއް ނުވެ އެ ޓީމުން ވަނީ ފަހަތުން އަރައި ލީޑު ނަގައިފައެވެ. މާޒިޔާއަށް މި ލަނޑު ޖަހައިދިނީ މުޙައްމަދު އައިހަމް އަންވަރު އެވެ. މި ލަނޑަކީ މާޒިޔާ ކުޅުންތެރިން ތިރިތިރިން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ވަރަށް ހުސްކޮށްހުރެ ކޮންޓްރޯލް ކޮށްލުމަށްފަހު އައިހަމް ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފުގެ ކުޅުން ފެނުނީ މާފަރަށްވުރެ މާޒިޔާ ވަރުގަދަކޮށެވެ. ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ހޯދީ ވެސް މާޒިޔާއިންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާ އައިދު މުޙައްމަދު / ފޮޓޯ: ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް ފޭސްބުކް ޕޭޖް
މާޒިޔާއިން އެ ޓީމުގެ ތިންވަނަ ލަނޑު ޖެހީ 79 ވަނަ މިނިޓްގައި ސަމްދޫހް މުޙައްމަދު އެވެ. މި ލަނޑަކީ މާފަރުގެ އޭރިޔާ ބޭރުން މާޒިޔާއަށް ލިބުނު ހިލޭ ޖެހުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު، ބޯޅަ ދިފާއުކުރަން ކީޕަރު މަސައްކަތްކުރި ވަގުތު ސަމްދޫހްގެ ކޮނޑުގައި ބޯޅަ ޖެހިފައި ވަތް ލަނޑެކެވެ.
މާފަރުން އެ ޓީމްގެ ދެވަނަ ލަނޑު ޖެހީ 86 ވަނަ މިނިޓްގައެވެ. އިބްރާހީމް ޒަކަރިއްޔާ ކާމިޔާބުކޮށްދިން މި ލަނޑަކީ މާޒިޔާގެ އޭރިޔާ ބޭރުން މާފަރަށް ލިބުނު ހިލޭ ޖެހުން ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު، އަރިމަތީ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައުމުން އިބްރާހީމް ޒަކަރިއްޔާ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗު ނިމުނީ އިތުރު ލަނޑެއް ނުޖެހި 3-2 އިން މާޒިޔާ ޖޫނިއާރ މޮޅުވެ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިގެންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާޒިޔާ ޖޫނިއާރގެ އައިދު މުޙައްމަދު ޖަވީޒް އެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗު މިރޭ އޮންނާނެއެވެ. މި މެޗުގައި ބައްދަލުކުރާނީ އދ. މަހިބަދޫ ޖިބިއްލީ ސްޕޯރޓްސް ކުލަބާއި ނައިފަރު ޗެލްސީއެވެ.
