ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރާއި މަޝްހޫރު ޑައިރެކްޓަރު ޕްރިޔަދަރުޝަންގެ ޖޯޑު އަނެއްކާވެސް އައު ދެ ފިލްމަކުން ފެންނާނެކަން ކަށަވަރުވެއްޖެއެވެ. މި ދެ ފިލްމަކީވެސް މަޝްހޫރު ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ އުފައްދާ ދެ ފިލްމެވެ.
މިކަމާ ގުޅޭ މަޢުލޫމާތު އެނގޭ ފަރާތަކުން ހާމަކޮށްފައިވާ ގޮތުގައި، މި ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމަކީ ކޮމެޑީ ފިލްމެކެވެ. މި ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. ދެވަނަ ފިލްމަކީ “ބޫތު ޕޮލިސް 2” އެވެ. މި ފިލްމުގެ މައި ރޯލުން އަކްޝޭ ފެންނާނެއިރު، އޭނާއާއެކު ދެން ފެންނާނެ ފިރިހެން އެކްޓަރަކު ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ޕްރޮޑިއުސަރު ރަމޭޝް ތައުރާނީ ވަނީ މި ޚަބަރު ކަށަވަރުކޮށްދީފައެވެ. އޭނާ ބުނި ގޮތުގައި އަކްޝޭ އާއި ޕްރިޔަދަރުޝަންއާ އެކު މި ދެ ފިލްމު އުފެއްދުމަށް މިހާރު ވަނީ އެއްބަސްވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި 2021 ވަނަ އަހަރު ނިކުތް “ބޫތު ޕޮލިސް” ގެ ފުރަތަމަ ފިލްމުގައި ފެނިގެންދިޔައީ ސައިފް އަލީ ޚާން، އަރުޖުން ކަޕޫރު، ޖެކްލިން ފެނާންޑޭޒް އަދި ޔާމީ ގޯތަމް އެވެ. ނަމަވެސް އޭގެ ސީކުއެލްގެ ޑައިރެކްޝަނާއި ކާސްޓަށް މިވަނީ ބޮޑު ބަދަލެއް އައިސްފައެވެ.
އަކްޝޭ އާއި ޕްރިޔަދަރުޝަން އަކީ މީގެ ކުރިންވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ޖޯޑެކެވެ. އޭގެ ތެރޭގައި “ހީރާ ޕޭރީ”، “ގަރަމް މަސާލާ”، “ބާގަމް ބާގް”، “ބޫލް ބުލައްޔާ” އަދި “ދޭ ދަނާ ދަން” ފަދަ ފިލްމުތައް ހިމެނެއެވެ.
މި އާ ދެ ފިލްމުގެ އިތުރުން، މިހާރު ސިނަމާތަކުގައި ދައްކަމުންދާ ކާމިޔާބު ފިލްމު “ބޫތު ބަނގްލާ” އަކީ ވެސް މި ދެ ފަންނާނުން އެއްކޮށް ކޮށްފައިވާ މަސައްކަތެކެވެ. އަދި މިހާރު މި ދެ ފަންނާނުން ދަނީ “ހައިވާން” ގެ މަސައްކަތް ކުރަމުންނެވެ. “ހައިވާން” ގެ މައިގަނޑު ރޯލަކުން ސައިފް ޢަލީ ޚާންވެސް ފެނިގެންދާނެއެވެ.
