ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ކަޅު ކަނބުލޮ – ކުރު ވާހަކަ

ތ. ބުރުނީގެ އިރުމަތީ ފަރާތު ވަލުތެރެއަށް މަޑުމަޑުން އިރު އޮއްސެމުން ދިޔައީ، މުޅި އުޑުމަތި ރަތާއި އޮރެންޖު ކުލައިން ފަވާލަމުންނެވެ. ބުރުންޏަކީ ބިން ބޮޑު، ގަސްގަހާގެހިން މުއްސަނދި ރަށެކެވެ. ނަމަވެސް، ރަށުގެ އެންމެ އުތުރުކޮޅުގައި އޮންނަ “ގާކޮޅު” ނަމުން މަޝްހޫރުވެފައިވާ ސަރަހައްދަކީ ގިނަ ބަޔަކު އިރުއޮއްސުމުން ދާން ޖެހިލުންވާ ހިސާބެކެވެ. އެތަނުގައި ހުރީ ބާވެ، ފާރުތަކުން ގައު ނެއްޓިފައިވާ ބޮޑު ގެއެކެވެ. އެއީ ރަށު މީހުން ކިޔާ ގޮތުން ނަމަ “ކަޅު ކަނބުލޮގެ ގެ” އެވެ.

“އޭތް! އަވަސްކުރޭ! އިރުއޮއްސެނީއޭ،” އަޙްމަދު އޭނާގެ ރަހުމަތްތެރި އިސްމާއީލަށް ގޮވާލިއެވެ. އެމީހުން ތިބީ ރަށުގެ އުތުރު ފަރާތު އަތިރިމަތީގައި މަސް ބާނާށެވެ.

އިސްމާއީލް އޭނާގެ ދޮށީގެ ކޮޅުގައި ބުޅި އަޅުވައިލަމުން ބުންޏެވެ. “ކީއްވެތަ ތިހާ ބިރުން ތި އުޅެނީ؟ އަދި ކިރިޔާއެއްނު ރަތްވިލާ އެ އޮއްސެނީ.”

“ކަލެއަށް ނޭނގެނީތަ؟ މިރޭ މިއީ ފަނަރަ ވިލޭރޭ. އެ ގޭގެ ކައިރިން މިވަގުތު ދިޔުމަކީ ރަނގަޅު ކަމެއް ނޫން. މީހުން ބުނޭ އެ ކަނބުލޮ މިހާރުވެސް ގޭގެ ބޭރުގައި އިށީނދެގެން އިނދެ އަމިއްލަ ނަފްސާ ވާހަކަދައްކާނެޔޭ،” އަޙްމަދު އަވަސް އަވަހަށް ހިނގައިގަންނަމުން ބުންޏެވެ.

ކަނބުލޮއަކީ މީގެ ތިރީހަކަށް އަހަރު ކުރިން ބުރުނީގެ އެންމެ ރީތި އަންހެން ކުއްޖާއެވެ. ނަމަވެސް، މިއަދު އޭނާއަކީ މުޅި ރަށުން އެކަހެރިކޮށްފައިވާ، “ސިހުރުވެރިއެއް” ނުވަތަ “ފަންޑިތަވެރިއެއް” ކަމުގެ ތުހުމަތު އެޅިފައިވާ މީހެކެވެ. އޭނާގެ ކުށަކީ ކޮބައިކަން ދަންނަނީ މަދު ބަޔެކެވެ. ގިނަ މީހުންނަށް އޭނާއަކީ ހަމައެކަނި ބިރުވެރި ވާހަކައެކެވެ.

އަޙްމަދާއި އިސްމާއީލް ކަނބުލޮގެ ގޭގެ ކުރިމަތިން ހުރަސްކުރަން ޖެހުނެވެ. އެ ހިސާބަށް ދެވުނުއިރު، ވަށައިގެންވަނީ ކަނު އަނދިރިކަމެވެ. ބޮޑެތި ކަށިކެޔޮގަސްތަކުގެ ފަތްތައް ހޫރޭ އަޑު އިވެނީ ބިރުވެރި މިއުޒިކެއް ފަދައިންނެވެ. ކުއްލިއަކަށް، އެ ގޭގެ ފެންޑާ މަތިން މަޑު ގިސްލުމެއްގެ އަޑު އިވުނެވެ.

“ކަނބުލޮ ބުނާނެ… ކަނބުލޮ ބުނާނެ… އެމީހުން އަންނާނެ…” ވަރަށް ބަލި އަޑަކުން މީހަކު ވާހަކަދައްކާ އަޑު އިވުނެވެ.

އިސްމާއީލް ހުއްޓުން އެރިއެވެ. އޭނާއަކީ އަބަދުވެސް ކަންކަމުގެ ހަގީގަތް ހޯދަން ބޭނުންވާ ޒުވާނެކެވެ. “އަޙްމަދު، މަޑުކޮށްބަލަ. އެއީ ކާކުތަ؟”

“މަޑުނުކޮށް ހިނގާބަލަ އަވަހަށް ދަމާ!” އަޙްމަދު އިސްމާއީލްގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް އެ ސަރަހައްދުން ދުރަށް ގެންދިޔައެވެ.

އެރޭ ގެއަށް ގޮސް އިސްމާއީލަށް ނިދޭ ގޮތެއް ނުވިއެވެ. އޭނާގެ ހިތުގައި އުފެދުނީ ބޮޑު ސުވާލެކެވެ. މުޅި ރަށުން އެކަނިވެރިކޮށްލާފައިވާ އެ އަންހެންމީހާގެ ހަގީގަތަކީ ކޮބައިބާވައެވެ؟ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ހަގީގަތެއް ބާވައެވެ؟ ނުވަތަ އެއީ ބުރުނީގެ މުޖުތަމައުން އަމިއްލައަށް ހަދައިގެން އުޅޭ ކަމެއް ބާވައެވެ؟

ޖެހިގެން އައި ދުވަހު، އިސްމާއީލް ދިޔައީ ރަށުގެ އެންމެ ދުވަސްވީ އެކަކު ކަމަށްވާ ހަސަންބޭގެ ގާތަށެވެ. ހަސަންބެއަކީ ރަށުގެ ތާރީޚާއި، ކުރީގެ ކަންތައްތައް އެންމެ ރަނގަޅަށް ދަންނަ މީހާއެވެ.

“ހަސަންބޭ، އަޅުގަނޑު ސުވާލެއް ކޮށްލަންވެގެން. އެ އިރުމަތީ ކޮޅުގައި އުޅޭ ކަޅުކަނބުލޮއަކީ ކާކު؟ ކީއްވެގެންތަ އެންމެން އޭނާދެކެ އެހާ ބިރުގަންނަނީ؟” އިސްމާއީލް އަހާލިއެވެ.

ހަސަންބޭ އޭނާ ވިޔަން އިން ފަންގަނޑު ބަހައްޓާލުމަށްފަހު، ފުން ނޭވާއެއްލިއެވެ. އޭނާގެ ލޮލުން ފެންނަނީ ހިތާމައިގެ އަސަރެވެ.

“ދަރިފުޅާ، އެއީ މި ރަށުގެ ކަޅު ސަފުހާއެއް. ކަނބުލޮއަކީ އެއްއިރެއްގައި މި ރަށުގެ އެންމެ އުފާވެރި ކުއްޖާ. އެކަމަކު އިންސާނުންގެ ހަސަދަވެރިކަމާއި، ނުބައި ރޭވުންތަކުގެ ޝިކާރައަކަށް އެ އަންހެންކުއްޖާވީ. މީހުން ބުނާ ގޮތަށް އޭނާއަކީ ސިހުރުވެރިއެއް ނޫން. އެކަމަކު މުޖުތަމައުން އޭނާ އެ މަގަށް ކޮށްޕާލީ.”

ހަސަންބޭގެ މި ވާހަކައިން އިސްމާއީލްގެ ޝައުގުވެރިކަން އިތުރުވިއެވެ. “ކީއްވެތަ އެހެންވީ؟ ކޮން ކަމެއްތަ ހިނގީ؟”

ހަސަންބޭ ވާހަކަ ފެށިއެވެ. “އެއީ މީގެ ތިރީސް އަހަރު ކުރި. ބުރުނީގެ ކަތީބުގެ ދަރިފުޅު ޔޫސުފާއި ކަނބުލޮއާ ދެމީހުން ބައްދަލުވީ…”

ހަސަންބޭގެ ވާހަކަ މެދުކަނޑާލުމަށްފަހު، އޭނާގެ ފަނޑުވަމުންދާ ލޮލުން ދުރަށް ބަލާލިއެވެ. ހީވަނީ އެ ދުވަސްތަކުގެ ހަނދާންތައް އޭނާގެ ކުރިމަތީގައި ސިފަވަމުންދާ ހެންނެވެ.

“ޔޫސުފަކީ އެ ދުވަސްވަރު ރަށުގެ ހުރި އެންމެ ތަނަވަސް އަދި ބާރުގަދަ އާއިލާގެ ކުއްޖާ. އޭނާގެ ބައްޕައަކީ ރަށު ކަތީބު. ކަނބުލޮއަކީ އާދައިގެ މަސްވެރި އާއިލާއެއްގެ ކުއްޖެއް. އެކަމަކު އޭނާގެ ރީތިކަމާ، ހިތްހެޔޮކަމުގެ ވާހަކަ މުޅި އަތޮޅުގައި އޮންނާނެ. ޔޫސުފާ ކަނބުލޮގެ ލޯބީގެ ވާހަކަ ފެށުނީ ރަށުގެ އުތުރު ފަރާތު އަތިރިމަތިން،” ހަސަންބޭ ކިޔައިދޭން ފެށިއެވެ.

—-

އޭރުގެ ބުރުންޏަކީ މިހާރަށްވުރެ މާ ބޮޑަށް ގަސްބޯ، އަމާން ރަށެކެވެ. ޒުވާން ކަނބުލޮއަކީ ކޮންމެ ދުވަހަކު އިރުއޮއްސޭ ވަގުތު އަތިރިމައްޗަށް ދަރު ހޮވަންދާ ކުއްޖެކެވެ. ޔޫސުފް އޭނާގެ ރަހުމަތްތެރިންނާއެކު އެ ހިސާބުގައި ވަގުތު ހޭދަކުރެއެވެ.

އެއްދުވަހަކު، ކަނބުލޮގެ އަތުން ދަރު ބޮނޑި ދޫވެގެން ބިންމައްޗަށް ފޭބި ވަގުތު، ޔޫސުފް އައިސް އެހީތެރިވެދިނެވެ. އެއީ އެ ދެމީހުންގެ ފުރަތަމަ ބައްދަލުވުމެވެ.

“ކަނބުލޮ، ކީއްވެގެންތަ ތިހާ ބުރަކޮށް އުޅެނީ؟” ޔޫސުފް ލޯތްބާއެކު އަހާލިއެވެ.

ކަނބުލޮ ލަދުން އިސްޖަހާލަމުން ބުންޏެވެ. “ޔޫސުފް، އަޅުގަނޑުމެން ފަދަ އާދައިގެ މީހުންނަށް އޮންނާނީ މިފަދަ މަސައްކަތް. ތިޔައީ ކަތީބު މަނިކުފާނުގެ ދަރިފުޅު، ތިޔަހެން އަޅުގަނޑުމެންނާ ވާހަކަދެއްކުމަކީ މީހުން ގޯސްކޮށް ދެކޭނެ ކަމެއް.”

ޔޫސުފް ހިނިތުންވެލިއެވެ. “މީހުން ބުނާ އެއްޗަކަށް އަހަރެން ފަރުވާލެއް ނެތް. އަހަރެން ބޭނުމީ ކަނބުލޮއާއެކު މުޅި އުމުރު ހޭދަކުރަން.”

ނަމަވެސް، މި ލޯތްބަށް ހުރަސް އެޅީ ހަމައެކަނި އާއިލީ ފަރަގަކުން ނޫނެވެ. ރަށުގެ ފަންޑިތަވެރިޔާ، “މޫސާބޭ”ގެ ދަރިފުޅު އަސްލަމްވެސް ހުރީ ކަނބުލޮއަށް ހިތްކިޔައިގެންނެވެ. އަސްލަމަކީ ބޮޑާ، ނުލަފާ މިޒާޖެއްގެ މީހެކެވެ. އޭނާއަށް ޔޫސުފާއި ކަނބުލޮގެ ގުޅުން އެނގުމުން، އޭނާގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާން ރޯވިއެވެ.

އަސްލަމް އޭނާގެ ބައްޕަ ގާތަށް ގޮސް ބުންޏެވެ. “ބައްޕާ، ކަނބުލޮ އަހަރެންގެ މީހަކަށް ވާން ބޭނުން. އެކަމަކު އެ ކަތީބު ދަރި ޔޫސުފް އެ އުޅެނީ އޭނާގެ ބޮލަށް އެރިގެން. އަހަރެން ކަނބުލޮގެ ރުހުން ލިބޭތޯ ލައްކަ މަސައްކަތްކޮށްފިން. އެކަމަކު ކަނބުލޮ ގޮތްދޫކުރާ ގޮތެއް ނުވި. މަށަށް ނުލިބެންޏާ އެހެން އެއްވެސް މީހަަކަށް ކަނބުލޮ ލިބޭކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ބޭނުންވަނީ ކަނބުލޮއަކީ މުޅި ރަށަށްވެސް ބިރުވެރި މީހަކަށް ހަދަން. އޭރުން ޔޫސުފްވެސް އޭނާ ދޫކޮށްލާނެ.”

މޫސާބެއަކީ ރަށުގެ މީހުންގެ އިތުބާރު ހޯދައިގެން އުޅޭ، ނަމަވެސް ނުބައި ރޭވުންތައް ރާވާ މީހެކެވެ. އޭނާ ރަށު ތެރޭގައި ވާހަކަ ފަތުރަން ފެށިއެވެ. ރަށުގެ ކުޑަކުދިން ބަލިވާން ފެށުމާއި، މަސްވެރިކަން ދަށްވުމަކީ ކަނބުލޮ ކުރާ ސިހުރެއްގެ ސަބަބުންވާ ކަންކަން ކަމަށް އޭނާ ދައުވާ ކުރިއެވެ.

އެއްރޭ، ރަށުގެ ބޮޑު މަޖިލީހެއް ބޭއްވުނެވެ. މުޅި ރަށުގެ މީހުން ތިބީ ރުޅިއައިސްފައެވެ.

“ކަނބުލޮގެ ގޭގެ ފުރާޅުމަތިން ކަޅު ކާޅުތަކެއް އުދުހޭތަން އަހަރެން ދެކުނިން!” އެކަކު ހަޅޭއްލަވައިގަތެވެ.

“އަހަރެންގެ ދަރިފުޅު ރޭގައި ހުން އައީ ކަނބުލޮ އެ މަގުން ދިޔަ ފަހުން!” އަންހެނަކު ރޮމުން ބުންޏެވެ.

މޫސާބޭ ކުރިއަށް އަރާ ބުންޏެވެ. “މި ރަށަށް މި އަންނަ މުސީބާތަކީ ކަނބުލޮ ގެންގުޅޭ ސިހުރުގެ ފޮށްޓެއްގެ ސަބަބުންވާ ކަމެއް. އޭނާގެ ގޭގައި އެބަހުރި އިންސާނުންގެ ކަށިތަކާއި ނުބައި ތަކެތި އަޅާފައިވާ ފޮށްޓެއް.”

މި ވާހަކަތަކުން ރަށުގެ މީހުން ހަމަވިސްނުމުން ބޭރުވެ އިންތިހާއަށް ރުޅިގަދަވިއެވެ. އެމީހުން ލަޓިބުރިތަކާއި ދަނޑިބުރިތައް ހިފައިގެން ކަނބުލޮގެ ގެއަށް މިސްރާބު ޖެހިއެވެ. ރަށުގެ މީހުންގެ ބޮލަށް ފިތައިލުި ހުތުގެ އަސަރު ކަތީބަށްވެސް ކުރިއެވެ. ކަތީބުވެސް އެމީހުންނާ އެކު އެ ގެއާ ދިމާއަށް މިސްރާބުޖެހިއެވެ. ޔޫސުފް އޭނާގެ ބައްޕަ ހުއްޓުވަން އުޅުނެވެ.

“ބައްޕާ! އެއީ ދޮގެއް! ކަނބުލޮއަކީ އެކަހަލަ ކުއްޖެއް ނޫން!” ޔޫސުފް ރޮމުން ބުންޏެވެ.

ނަމަވެސް ކަތީބު އޭނާގެ ދަރިފުޅު ގޭގައި ބަންދުކުރިއެވެ. “ޔޫސުފް، ކަލޭގެ އަބުރު ހަލާކުކުރަން ތިޔަ އަންހެނާ އެހެރީ ސިހުރު ހަދާފަ. މިއަދު މި ރަށުން އެކަން ނައްތާލަން ޖެހޭނެ.”

ރަށުގެ މީހުން ކަނބުލޮގެ ގެއަށް ވަދެ، އޭނާ ބޭރަށް ދަމާފައި ނެރުނެވެ. އޭނާގެ މުސްކުޅި މަންމައާއި ބައްޕައަށް ކުރި އަނިޔާއިން އެމީހުން ބިންމައްޗަށް ތިރިވިއެވެ.

“އަޅޭ! އަހަރެން އެއްވެސް ކަމެއް ނުކުރަން! އަހަންނަކީ ތިޔަ ބުނާ ކަހަލަ މީހެއް ނޫން!” ކަނބުލޮ ރޮއި އާދޭސް ކުރަމުން ދިޔައެވެ.

ނަމަވެސް މީހުންގެ އަޑެއް ނުކެނޑުނެވެ. އެމީހުން ކަނބުލޮގެ އިސްތަށިގަނޑުގައި ހިފާ، ރަށުގެ މެދަށް ގެންގޮސް، އޭނާގެ މޫނުގައި ކަޅު ދެލި އުނގުޅާ، ކަރުގައި ބާ ފައިވާން ފައްޗެއް އެޅުވިއެވެ. އަދި އޭނާއަކީ “ޑަކައިތެއް” ކަމަށް ގޮވަމުން ރަށުތެރޭގައި ގަންހިނގުވިއެވެ.

އަސްލަމް ދުރުގައި ހުރެ މަލާމާތުގެ ހިނިތުންވުމަކާއެކު ބަލަން ހުއްޓެވެ. މަޑުމަޑުން ކަނބުލޮއާ ގާތަށް ޖެހިލައި ކަނބުލޮގެ ކަންފަތްދޮށުގައި މަޑުމަޑުން ބުންޏެވެ. “އަހަރެން ބުނީމެއްނު ކަލޭގެ ދުވަސް ދުއްވާލާނަމޭ. މިހާރު ޔޫސުފް ކޮބާ؟ އޭނާވެސް ކަލޭ ދެކެ ބިރުން ފިލައިފި.”

އެ ދުވަހަށްފަހު ކަނބުލޮގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ. އޭނާގެ މައިންބަފައިން އެ ހިތާމައިގައި ދުނިޔެ ދޫކުރިއެވެ. ޔޫސުފް ރަށުން ބޭރަށް ފޮނުވާލެވުނެވެ. ކަނބުލޮ އެކަނިވީއެވެ. އޭނާ ދިރިއުޅެމުން ދިޔައީ ރަށުގެ އެންމެންގެ ނަފުރަތާއި ބިރުވެރިކަމުގެ ތެރޭގައެވެ.

ކަނބުލޮގެ ސިކުނޑިއަށް އޭގެ އަސަރުކޮށް، އޭނާ އަމިއްލަ ނަފްސާ ވާހަކަދައްކަން ފެށިއެވެ. އެކަން ފެނުމުން މީހުން ބުނަމުން ދިޔައީ އޭނާ ޖިންނިތަކާ ވާހަކަދައްކަނީ ކަމަށެވެ.

ހަސަންބޭ ވާހަކަ ނިންމާލަމުން އިސްމާއީލާ ދިމާއަށް ބަލާލިއެވެ. “ދަރިފުޅާ، މިހާރު އެނގިއްޖެތަ؟ ކަނބުލޮއަކީ ސިހުރުވެރިއެއް ނޫން. އޭނާއަކީ މި މުޖުތަމައުގެ ނުބައިކަމުގެ ޝިކާރައެއް. އަހަރެމެން އެންމެންނަކީ އޭނާއަށް ދިން އަނިޔާގައި ބައިވެރިވި މީހުން. އެންމެ މަދުވެގެން ހަނުހުރެގެން ނަމަވެސް ކަނބުލޮއަށް ދިން އަނިޔާގަ މިރަށު ހަމަ އެންމެންހެން ބައިވެރިވި.”

އިސްމާއީލްގެ ދެލޯ ފެންކަޅިވިއެވެ. އޭނާއަށް އިހުސާސް ކުރެވުނީ ބޮޑު ބޭއިންސާފެކެވެ. “ހަސަންބޭ، އަދިވެސް ވަގުތު އެބައޮތް. އަޅުގަނޑު ބޭނުން ކަނބުލޮއަށް އެހީވާން. އޭނާގެ ހަގީގަތް މުޅި ރަށަށް ހާމަކުރަން.”

“ބޭކާރު ކަމެއް ދަރިފުޅާ،” ހަސަންބޭ ބުންޏެވެ. “ރަށުގެ މީހުން ގަބޫލުކުރަން ބޭނުންވަނީ އެމީހުން އަމިއްލައަށް ހަދައިގެން އުޅޭ ހަގީގަތް. އެމީހުންނަށް ބިރުވެރި ވާހަކައެއް ބޭނުންވޭ. ކަނބުލޮއަކީ އެމީހުންގެ އެ ބިރުވެރިކަމުގެ ރަމްޒު.”

ނަމަވެސް އިސްމާއީލްގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އޭނާ ނިންމީ އެރޭ އަނެއްކާވެސް “ކަނބުލޮގެ ގެ” އަށް ދިއުމަށެވެ. މިފަހަރު ބިރުން ފިލާކަށް ނޫނެވެ. އެކަނިވެރިވެފައިވާ އެ ފުރާނައަށް އިންސާފު ހޯދައިދިނުމަށެވެ.

އެރޭގެ ހަނދުވަރުގެ ރިހި އަލި މުޅި ބުރުނީގެ ތެރެއަށް ފެތުރިފައި އޮތް ނަމަވެސް، އިރުމަތީ ކޮޅަށް ދިޔަވަރަކަށް އަނދިރިކަން ދިޔައީ ގަދަވަމުންނެވެ. އިސްމާއީލް ހިނގަމުން ދިޔައީ ސިއްރުސިއްރުންނެވެ. އޭނާގެ އަތުގައި ކުޑަ ބައްތިއެއް އޮތެވެ. ރަށުގެ މީހުންނަށް އޭނާ އެދިމާލަށް ދާތަން ފެނިއްޖެނަމަ، އޭނާއަކީވެސް “މަގުން ކައްސާލާފައިވާ” މީހެއްގެ ގޮތުގައި ކަނޑައަޅާނެކަން އޭނާއަށް އެނގެއެވެ.

ކަނބުލޮގެ ގޭގެ އިންފާރާ ހަމައަށް ދެވުމުން އިސްމާއީލް މަޑުޖެހިލިއެވެ. ގޭގެ ފާރުތަކުގައި ފެހި ޖަހާ، ބޮޑެތި ރެނދުތައް ލާފައިވެއެވެ. ވަށައިގެންވާ ބޯ ޖަންގަލީގެ ތެރެއިން ރޭގަނޑުގެ ސޫފިތަކުގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެއެވެ.

އިސްމާއީލް ފުން ނޭވާއެއްލުމަށްފަހު ގޯތިތެރެއަށް ވަނެވެ. ގޭގެ ފެންޑާގައި ހުރި އުނދޯއްޔެއްގައި މީހަކު އިށީނދެގެން އިނެވެ. އެއީ ކަނބުލޮއެވެ. އޭނާގެ އިސްތަށިގަނޑު ވަނީ ހޭވިފައެވެ. ލައިގެން ހުރި ހެދުން ވަނީ ބާވެ، ކުލަ ފަނޑުވެފައެވެ. އޭނާ އިނީ ދުރަށް ބަލަހައްޓައިގެން، މަޑުމަޑުން ލަވައެއް ކިޔާށެވެ. އެއީ އުފާވެރި ލަވައެއް ނޫނެވެ؛ އެއީ ހިތްދަތި ކަމުން ފުރިގެންވާ ރުއިމެއް ކަހަލަ ލަވައެކެވެ.

“ކަނބުލޮއްތާ…” އިސްމާއީލް ވަރަށް މަޑުމަޑުން ގޮވާލިއެވެ.

ކަނބުލޮ ސިހިފައި ބަލާލިއެވެ. އޭނާގެ ދެލޮލުގައި ވަނީ ބިރުވެރިކަމެވެ. އޭނާ އަވަސް އަވަހަށް ފެންޑާގެ ކަނަކަށް ޖެހިލިއެވެ. “ނޫން! އަހަރެން އެއްވެސް ކަމެއް ނުކުރަން! އަހަރެން ގާތަށް ނާދޭ! މަށާ ދިމާއަށް ގާ ނޫކާތި!”

އިސްމާއީލްގެ ހިތް ކުދިކުދިވިއެވެ. “ނޫން، ކަނބުލޮއްތާ. އަޅުގަނޑަކީ ގާ އުކަން އައި މީހެއް ނޫން. އަޅުގަނޑަކީ އިސްމާއީލް. އަޅުގަނޑަކީ މިރަށު މީހެއް ނޫން. އެހެނަސް އަޅުގަނޑު މިއައީ ކަނބުލޮއްތައަށް އެހީވާން.”

ކަނބުލޮ ބަލަހައްޓައިގެން އިނެވެ. އޭނާގެ ލޮލުން ފެންނަނީ ގަބޫލުކުރަން ދަތި އަސަރެކެވެ. “އެހީވާށޭ؟ މި ރަށުގައި އެހީވާނެ މީހަކު ނުހުންނާނެ. އެމީހުން ބޭނުންވަނީ އަހަރެން މަރާލަން. އެމީހުން ބުނަނީ އަހަރެން މިއީ ޑަކައިތެކޭ. ކަލެއަކަށް ނޭނގޭތަ؟”

“އަޅުގަނޑަށް ހަގީގަތް އެނގޭ،” އިސްމާއީލް ބުންޏެވެ. “ހަސަންބޭ އަޅުގަނޑަށް ހުރިހާ ވާހަކައެއް ކިޔައިދީފި. ޔޫސުފާއި އަސްލަމްގެ ވާހަކަވެސް.”

“ޔޫސުފް…” ކަނބުލޮގެ ދުލުން އެ ނަން ބޭރުވުމާއެކު އޭނާގެ މޫނުމައްޗަށް މަޑު އަމާންކަމެއް އައެވެ. “އޭނާވެސް އަހަރެން ދޫކޮށްލާފަ ދިޔައީ. އެންމެންވެސް ދިޔައީ. އަހަރެން އެކަނިވީ މި އަނދިރިގަނޑުގެ ތެރޭގަ.”

ޖެހިގެން އައި ދުވަހު، ރަށުތެރޭގައި އާ ވާހަކައެއް ފެތުރެން ފެށިއެވެ. “އިސްމާއީލް ރޭގަ ކަނބުލޮގެ ގޭގަ ހުއްޓާ ފެނިއްޖެޔޯ!” މި ޚަބަރު ފެތުރީ އަސްލަމްގެ ގާތް މީހެކެވެ.

އަސްލަމް މިހާރު ހުރީ ރަށުގެ ނުފޫޒުގަދަ މީހަކަށް ވެފައެވެ. އޭނާގެ ބައްޕަ މޫސާބޭ މަރުވުމަށްފަހު، ރަށުގެ ގިނަ މީހުން ފަންޑިތަ ހަދަން ދަނީ އަސްލަމް ގާތަށެވެ. އަސްލަމަށް އިސްމާއީލްގެ މި އަމަލަކީ އޭނާގެ ބާރުވެރިކަމާ ނުފޫޒަށް އޮތް ނުރައްކަލެއްކަން ވިސްނުނެވެ.

“އޭނާ އެ އުޅެނީ ކަނބުލޮގެ ސިހުރުގެ ދަލުގައި ޖެހިގެން!” އަސްލަމް ހޮޅުއަށީގައި ތިބި މީހުންގެ ގާތުގައި ބުންޏެވެ. “އިސްމާއީލަކީ ރަނގަޅު ކުއްޖެއް. އެކަމަކު އެ ޑަކައިތު އޭނާގެ ސިކުނޑި ކާލައިފި. އަހަރެމެން ޖެހޭނެ އިސްމާއީލް ސަލާމަތްކުރަން. އަދި އެ ޑަކައިތު މި ރަށުން ނެރެލަން ނޫނީ ނައްތާލަން ޖެހޭނެ.”

ރަށުގެ ޒުވާނުންތަކެއް އަސްލަމުގެ ކެހިވެރި ދަލުގައި ޖެހުނެވެ. “އަސްލަމްބޭ ބުނާނީ ހެޔޮކޮށް. އިސްމާއީލްގެ އުޅުންވެސް މިހާރު ހުންނަނީ ވަރަށް ޒާތެއްގެ ގޮތަކަށް.”

އިސްމާއީލް އޭނާގެ ތަހުގީގު ހުއްޓައެއް ނުލައެވެ. އޭނާ ބޭނުންވީ ކަނބުލޮގެ ގޭގައި ހުރި ކަމަށް ބުނާ ސިހުރު ފޮށި ހޯދާށެވެ. އޭނާ އަނެއްކާވެސް ކަނބުލޮގެ ގާތަށް ދިޔައެވެ.

“ކަނބުލޮއްތާ، އެމީހުން އެ ބުނާ ފޮށި ކޮބާ؟” އިސްމާއީލް އެހިއެވެ.

ކަނބުލޮ އޭނާގެ ގޭގެ އެތެރެއަށް ވަދެ، ބާވެފައިވާ ފޮށިގަނޑެއް ނެރުނެވެ. އޭގައި ވަނީ ބޮޑު ތަޅެއް އަޅުވާފައެވެ. “މިއީ އަހަރެންގެ ބައްޕަގެ ފޮށި. މީގައި ހުރީ އަހަރެމެންގެ އާއިލީ ލިޔެކިޔުންތަކާއި، އަހަރެންގެ މަންމަގެ ގަހަނާކޮޅެއް. އެކަމަކު އަސްލަމް ބުނަނީ މީގައި ހުރީ ސިހުރޭ.”

އިސްމާއީލް އެ ފޮށި ހުޅުވަން މަސައްކަތް ކުރިއެވެ. ތަޅު ހަލާކުކޮށްލުމަށްފަހު ފޮށި ހުޅުވާލި އިރު، އޭގެ ތެރެއިން ފެނުނީ ހައިރާން ކުރުވަނިވި އެއްޗެކެވެ. އޭގައި އޮތީ ބާވެފައިވާ ސިޓީތަކެކެވެ. އެއީ ޔޫސުފް ކަނބުލޮއަށް ލިޔެފައިވާ ސިޓީތަކެވެ. އަދި އެ ސިޓީތަކުގެ ތެރޭގައި، އަސްލަމްގެ ބައްޕަ މޫސާބޭ، ކަތީބަށް ލިޔެފައިވާ ސިއްރު ސިޓީއެއްވެސް އޮތެވެ.

އެ ސިޓީގައި ލިޔެފައި އޮތެވެ.

ކަތީބު މަނިކުފާނު، ކަނބުލޮގެ މައްޗަށް މީހުން ރުޅިއަރުވަން އަހަރެން މިހާރު ވާނީ ރޭވުންތައް ރާވާފަ. އޭނާގެ ގޯތިތެރޭގައި އަހަރެން ވާނީ ބައެއް ތަކެތި ވަޅުލާފަ. މީހުންނަށް އެތަން ދައްކާލުމުން، އޭނާއަކީ ސިހުރުވެރިއެއްކަން ކަށަވަރުވާނެ. ތިޔަބޭފުޅާގެ ދަރިފުޅު އޭނާއާ ދުރުކުރަން މިއީ އެންމެ ރަނގަޅު ގޮތް.”

އިސްމާއީލްގެ ދެލޯ ބޮޑުވިއެވެ. މިއީ ހުރިހާ ހަގީގަތެކެވެ! މިއީ ކަނބުލޮގެ މައުސޫމްކަން ސާބިތުކޮށްދޭނެ ހެއްކެވެ.

އިސްމާއީލް އެ ސިޓީ ހިފައިގެން ރަށު އޮފީހާ ދިމާލަށް ދުއްވައިގަތެވެ. ނަމަވެސް މަގުމަތިން އޭނާއާ ކުރިމަތިވީ އަސްލަމާއި އޭނާގެ ގުރޫޕާއެވެ.

“އިސްމާއީލް، ކޮންތާކަށް ތި ދަނީ؟” އަސްލަމް ނުރައްކާތެރި ގޮތަކަށް ހިނިތުންވެލަމުން އެހިއެވެ. ” އަތުގަ ތިޔަ އޮތީ ކޮން އެއްޗެއް؟”

“މިއީ ކަލޭމެންގެ ނުބައިކަމުގެ ހެކި!” އިސްމާއީލް ހަޅޭއްލަވައިގަތެވެ. “ކަލޭގެ ބައްޕައާއި ކަތީބުވެގެން ކަނބުލޮގެ ދިރިއުޅުން ހަލާކުކޮށްލި ގޮތް މިއޮތީ ފެންނަން!”

އަސްލަމްގެ މޫނުގެ ކުލަ ބަދަލުވިއެވެ. އޭނާގެ އިޝާރާތަކަށް، އޭނާގެ ފަހަތުގައި ތިބި ޒުވާނުން އިސްމާއީލް ވަށާލިއެވެ. “އަތުލާ އެ ސިޓީ! އޭނާ އުޅެނީ ރަށުގެ އަބުރު ވެއްޔާ މޮޑެލަން!”

އިސްމާއީލް ދުއްވައިގަތެވެ. އޭނާ ދިޔައީ ރަށުގެ މިސްކިތާ ދިމާލަށެވެ. އެވަގުތަކީ މެންދު ނަމާދުން މީހުން ފައިބައިގެން އައި ވަގުތެވެ. ރަށުގެ ގިނަ ބަޔަކު އެތަނުގައި ތިއްބެވެ.

“މީސްތަކުންނޭ! މަޑުކުރޭ!” އިސްމާއީލް ހަޅޭއްލަވައިގަތެވެ. “ކަލޭމެން އެންމެން ތިޔަ ތިބީ ރާވައިގެން ބަޔަކު އުފެއްދި ބޮޑު ދޮގެއްގެ މަޅިއެއް ތެރޭގަ! ކަނބުލޮއަކީ ސިހުރުވެރިއެއް ނޫން!”

މުޅި ތަނަށް ހިމޭންކަން ފެތުރުނެވެ. އިސްމާއީލް އެ ސިޓީ ބާރަށް ކިޔަން ފެށިއެވެ. ރަށުގެ ދުވަސްވީ މީހުންގެ މޫނުމަތިން ލަދުވެތިކަމާއި ހައިރާންކަން ފެންނަން ފެށިއެވެ. އުމުރުން ދުވަސްވީ ހިތްބަލި ބައެއް މީހުންނަށް ރޮވެން ފެށުނެވެ.

އަސްލަމް ފިލަން މަސައްކަތް ކުރި ނަމަވެސް، ރަށުގެ މީހުން އޭނާ ހިފެހެއްޓިއެވެ. ތިރީސް އަހަރު ވަންދެން ހިފަހައްޓާފައި އޮތް ބޮޑު ސިއްރު ފަޅާއެރީއެވެ.

ރަށުގެ މީހުން އިސްމާއީލާއެކު ކަނބުލޮގެ ގެއަށް ދިޔައެވެ. މިފަހަރު އެމީހުންގެ އަތުގައި ހުރީ ދަނޑިބުރިތަކެއް ނޫނެވެ؛ އެމީހުންގެ އެމީހުން ބޭނުންވީ މައާފަށް އެދޭށެވެ.

ނަމަވެސް އެމީހުންނަށް އެ ގެއަށް ދެވުނުއިރު، ކަނބުލޮ އޮތީ އޭނާގެ އުނދޯލީގައި އޮށޯވެލައިގެންނެވެ. އޭނާގެ މޫނުމަތީގައި ވަނީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ އަމާން ހިނިތުންވުމެކެވެ. އޭނާގެ ފުރާނަ ވަނީ މި ދުނިޔެއާ ވަކިވެފައެވެ. އޭނާ މަރުވީ އޭނާގެ މައުސޫމްކަން ސާބިތުވިކަން އެނގި، ހިތްހަމަޖެހުމާއެކުގައެވެ.

އިސްމާއީލް ކަނބުލޮގެ ހަށިގަނޑު ކައިރީގައި އިށީނދެ ވާހަކަދައްކަން ފެށިއެވެ. “މައާފް ކުރޭ ކަނބުލޮއްތާ… އަހަރުމެންނަށް ހަގީގަތް އެނގުނު އިރު މާ ލަސްވެއްޖެ.”

ކަނބުލޮ މަރުވުމަށްފަހު، ބުރުނީގެ މީހުންނަށް ބޮޑު ފިލާވަޅެއް ލިބުނެވެ. އެމީހުން ކަނބުލޮގެ ގެ އާބާތުރަ ފިލުވައި، އެތަނަކީ ކުޑަކުދިން ކިޔަވާ މަރުކަޒަކަށް ހެދިއެވެ. އެތަނުގެ ނަމަކަށް ދިނީ “ކަނބުލޮ ހިޔާ” އެވެ.

އަސްލަމް އެ ރަށުން އަރުވާލެވުނެވެ. އަދި ރަށުގެ މީހުން ދަސްކުރީ މީހަކާ ބެހޭގޮތުން ދެކެވޭ ވާހަކައެއްގެ ހަގީގަތް ނޭނގި، އެމީހަކަށް އަނިޔާ ނުކުރުމަށެވެ.

ވާހަކައިގެ މެސެޖު:
މި ޚިޔާލީ ވާހަކައަކީ މުޖުތަމައެއްގެ ތެރޭގައި ފެތުރޭ ދޮގު ވާހަކަތަކާއި، ހަސަދަވެރިކަމުގެ ސަބަބުން މައުސޫމް އިންސާނެއްގެ ދިރިއުޅުން ހަލާކުވެގެންދާ ގޮތް ދައްކުވައިދޭ ވާހަކައެކެވެ. މީހުންގެ ބޯދާ ވިސްނުމާއި، ނުބައި ނުފޫޒުތަކުގެ ސަބަބުން އިންސާނިއްޔަތުކަން ގެއްލިގެންދާ މަންޒަރު މި ވާހަކައިން ސިފަކޮށްދެއެވެ.

— ނިމުނީ —

ނޯޓް
މިއީ 100 އިންސައްތަ ޚިޔާލީ ވާހަކައެކެވެ. މި ވާހަކައިގާ ބޭނުންކޮށްފައިވާ ނަންތަކާ ހާދިސާތަކާ އެއްވެސް މީހަކާ ނުވަތަ ބަޔަކާ ދިމާވާނަމަ އެއީ އިއްތިފާޤެކެވެ.
1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top